އާދިލާއި ޒިޔާދާގެ ކައިވެންޏަށް 20 އަހަރު ވެއްޖެއެވެ. ނުހަނު ގަބޫލުވެ ރުހިގެން ކުރި ކައިވެންޏަށް 5 ދަރިން ތިއްބެވެ. ދިރިއުޅެމުން ދިއައީ ބޭނުންވި ތިޔާގިކަން ނެތް ވަރަށް ދަތިޙާލެއްގައެވެ. އެހެނެއްކަމަކު ދެމީހުންގެ ދެމެދުގައި ޅަދުވަހު އުފެދުނު ލޯބި މަރުނުވެ ކޮންމެވެސް އެއް ހިތެއްގައި އޮތުމުން ކަމަށްވެސް ވެދާނެއެވެ. ޒިޔާދާގެ އަމިއްލަ ފިޔަފާޅިގަނޑެއް ހުރިކަމުން ކުލި ދައްކަން ނުޖެހޭތީ މަގުމަތިނުވެ، ސަލާން ނުޖހައި ތިބެވެެއެވެ. އަދި ހަމަ އެހެންމެ އެންމެ ފުރަތަމަ ބައްދަލުވި ދުވަހުވެސް އާދިލުގެ ރީތިކަމާއި ފުރިހަމަކަމަށް މޮޔަވީ ޒިޔާދާކަމަށްވެފައި އަދިވެސް އެކަން އޮތީ އެހެންކަމަށްވާތީ ކޮންމެ ހާލެއްގައިވެސް ޒިޔާދާ ހުރީ އާދިލާއެކު ފަހުނޭވަޔާ ހަމައަށް ދިރިތެޅެން ރުހިގަބޫލުވެގެންނެވެ.
އެކަމަކު ޒިޔާދާގެ ހިތް ހަލާކުވާފަދަ ހަބަރެއް އެއްރެއަކު އާދިލު ދީފިއެވެ. ގާތްގާތުގައި ފަސް ދަރިން ލިބި، އޭގެ ތެރެއިން ތިން ކުދިންނަށް ސިޒޭރިއަން ހަދަން ޖެހުމުން ޒިޔާދާގެ ލޫޅާފަތިކަން ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. ފިރިމީހާ ބޭނުންވީ އިތުރު ކައިވެންޏެއްކުރާށެވެ. އަދި އަނބިމީހާވެސް އެގެއަށް ގެންނާށެވެ. އާދިލު ބޭނުން ކުރީ އެންމެ މޮޅު ހަތިޔާރެވެ. އެގޮތަށް އެކަމާ ޒިޔާދާ ރުހޭނެ ކަން އެނގޭތީއެވެ. ކޮންމެ ހާލެއްގައިވެސް ޒިޔާދާ އޭނާއާ ވަކިވާން ނޭދޭނެކަން ޔަގީންވާތީއެވެ. ހަގު މަންޖެ ލިބުނު ފަހުން މިވީ ދެއަހަރު ތެރޭގައި ޒިޔާދާއާ އެކިގައި އާދިލު ނިދީ އެންމެ ދެތިންރޭގައެވެ. ކުދިންގެ ކަންތަކާއި ގޭތެރޭގެ މަސައްކަތާއި އާމްދަނީ ހޯދަން އެކުޑަ ގެގަނޑުގައި ހުރި ބަދިގެގަނޑުގައި ކުރާ ހެދިކާހެދުމުގެ މަސައްކަތުން އަވަދިވެގެން ޒިޔާދާއަށް ވަގުތު ވާ މަދުރޭރޭ އާދިލު ގެއަށް ނައިސްގެން އިންތިޒާރުގައި އޮއްވާ ނިދޭނީއެވެ. އެހާ ދުވަހަށް ފަހު ވަރަށް ލޯބިން އެކުގައި އުޅެލާފައި ޒިޔާދު މާލޯބިލޯބިން ވިސްނައިދިނީ މިހާރުދެން އޭނާ ބޭނުންވާ ކަހަލަ އޯގާތެރިކަމެއް ޒިޔާދާއަށް ނުދެވޭކަން ޒިޔާދާވެސް ގަބޫލުކުރަން ޖެހޭނެކަމަށެެވެ. މިހެންވެސް މަދުމަދުން ނަމަވެސް ޒިޔާދާއާ ގާތުގައި އުޅެވޭނީ މިހާރު އޭނާ އެއެދުނު ގޮތާ ރުހިގެން ކަމަށެވެެ. އެކަމަށް އެއްބަސްނުވާނަމަ ވަރިކޮށްލާފައި ދާނީ ކަމަށެވެ. ޒިޔާދާއަކީ އާދިލުގެ ދީވާނާކަން ނޭނގޭ މީހަކު ހިސާބުގަނޑުގައިވެސް ނުހުރެއެވެ. ވީއިރު ޒިޔާދާ އެކަމާ އެއްބަސްވުމަކީ އެހާ ބޮޑުކަމެއް ނޫންތާއެވެ.
ނަމަވެސް ދަރިން ޤަބޫލެއް ނޫނެވެ. ޒިޔާދާ އެކަމާވެސް ހަވާލުވިއެވެ. އޭނާ ދަރިންނަށް ވިސްނައިދިނެވެ. “ކެތްތެރިވެލާށެވެ. މިކަން މިކުރަނީ ތިއަކުދިންނަށްޓަކައެވެ. މިކަމުން ފައިދާކުރާނީ ތިއަކުދިންނަށެވެ.” ޒިޔާދާ އެކަމާ އެއްބަސްވުމުގެ ތިންބައިކުޅަ އެއްބައި ޕަސަންޓަކީ ކުދިންނަށް އެކުދިންގެ ބައްޕަގެ ލޯތްބާއި އަޅާލުން ލިބުން ކަަމަށްވީއިރު އަނެއް ދެބަޔަކީ އަމިއްލަ ހިތުގެ މަޖުބޫރެވެ. އެހެންކަމަށްވިޔަސް ޒިޔާދާ އާދިލު ގާތު ބުނެލީ އެކަން ކުރަން އޭނާ ރުހުނީ ހަމައެކަނި ދަރިންކޮޅަށްޓަކައި ކަމުގައެވެ. “ހަގީގަތުގައި މި ރުހުން މިދެނީ ކުދިންގެ ނުގަބޫލުގައެވެ. އެކަން ހަނދާން ކުރަން ޖެހޭނެއެވެ.. ތިއަކުރާ ކަންތަކުގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހިއްޖެނަމަ އަހަރެން ކުށްވެރި ނުކުރާށެވެ.”
އާދިލަކަށް މިއިން އެއްވެސް ވާހަކައެއް މުހިންމެއް ނޫނެވެ. ދަރިން ނުރުހުނަސް އަދި ޒިޔާދާ ރުހިފައި ނުރުހުނަސް ނުގަބޫލުގައި ގަބޫލުކަމަށް ބުންޏަސް އޭނާއަކަށް ފަރަގެއް ނެތެވެ. ހަމަވަރަށް އަވަހަށް އާދިލު ދެވަނަ ކައިވެނިކުރިއެވެ. ނުހަނު ލޫޅާފަތި އަނބިމީހާ ގެއަށް ގެނައެވެ. ކުރިންވެސް ދަރިންގެ ބޭނުންތައް ފުއްދައި ނުދެވޭ ޙާލު ދެވަނަ ކައިވެނިކުރުމުން އަތްމަތި އިތުރަށް ދަތިވިއެވެ. ބޭނުންތައް ނުފުދިގެން ކުދިން ޝަކުވާ ކުރީމާ އާދިލުގެ ޖަވާބަކަށް ވަނީ “ކަލޭމެންނަށް ކާން ނުލިބެނީ ހެއްޔެވެ؟” އެހެންކަމުން ދޭހަ ވަނީ އާދިލަށް އެނގި ވިސްނިފައި އޮތީ ދަރިންނަށް ކާންދިނީމާ ހުރިހާ ކަމެއް ކޮށްދެވުނީ ކަމަށެވެ. އިތުރަށް ކަމެއް ކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ދެވަނަ އަނބިމީހާއަށް ކެތްކޮށްލެވުނީ އެންމެ 4 މަސްދުވަހުއެވެ. އާދިލަކީ 2 އަނބިން ގެންގުޅެވޭނެ ފެންވަރު ހުރި މީހެއް ނޫންކަން އެނގި އޭނާއަށް ދެއްކީ ދޮގުހުވަފެންތަކެއްކަން އެނގުމުން މައްސަލަ ގޯސްވެއްޖެއެވެ. ގޭގެ ހަރަދުތައް ޗަލަނީ ޒިޔާދާގެ ހެދިކާގެ ލާރިންކަމާއި އޭނާއަށްވެސް ޖެހެނީ ކަމެއް ޖެހުނީމަ ޒިޔާދާ ކުރެން ފައިސާ ފޮއްޗަށް އެދެން ކަން އެނގިހާމަވުމުން ހަގުއަނބިމީހާ އާދިލާ ކޯޅެން ފަށައިފިއެވެ. އެންމެ ފަހުން އާދިލު ދޫކޮށްލާފައި ހިލޭ ފިރިހެން ސޮރަކާއެކު ވަރިވެގެން ހިނގައްޖެއެެވެ.
ދުވަސްތައް ފާއިތުވެ ދަރިން ބޮޑެތިވެއްޖެއެވެ. ކޮންމެ ހާލެއްގައިވެސް ޒިޔާދާ ކުދިންނަށް ކިޔަވައިދީ ބޭނުންތައް ފުއްދައިދީ އެކުދިން ގެންގުޅުނީ ލޯބިންނެވެ. އެކުދިން ތާކުންތާކު ޖެހުނީ ހަމައެކަނި ޒިޔާދާގެ މިންނަތުންނެވެ. އަބަދުވެސް ފިރިމީހާ ވީ ޒިޔާދާގެ ތައްޕާހުގައި އުޅުނު މީހަކަށެވެެ. ދަރިން ވަޒީފާތަކަށް ގޮސް އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދަންފަށައިފިއެވެ. އާދިލާއި ޒިޔާދާގެ އުމުރު ފަސްދީ ގައިބާރު ދެރަވެއްޖެއެވެ. މިހާރުދެން ޒިޔާދާއަކަށްވެސް މަސައްކަތެއް ނުކުރެވެއެވެ. އެހެންކަމުން އާދިލަށްވެސް ކަންކަމު ދަރިންގެ އެހީ ބޭނުންވާން ފެށީއެވެ. ހުރިހާ ކަމެއްގައި ދަރިންނަށް ބަރޯސާވާން ޖެހިއްޖެއެވެ.
އާދިލުގެ ކަމަކަށް އޮންނަނީ ދަރިންގެ އެހީތެރިކަން ކުޑަކަމުން ޝަކުވާކުރުމެވެ. ބައްޕަ ކުރާ އެއްވެސް ޝަކުވާއެއްގެ އަޑު އެއްވެސް ދަރިއަކު ނާހައެވެ. އެއްދުވަހެކެވެ. އާދިލުގެ ޝަކުވާ އިވިއިވި އެއްގޯސްވެފައި އިން ޒިޔާދާގެ ބޭސްތަބައް ހިފައިގެން ޒިޔާދާއަށް ބޭސްދޭން ހުރީ އެދެމީހުންގެ ދޮށީ ދަރިފުޅެވެ. އެއީ މިހާރު އައިޖީއެމްއެޗުގެ ސްޓާފް ނަރުހެކެވެ. މިއަދުވެސް ސަރަންފީ ގޮނޑީގައި އިށީނުމާއެކު އާދިލު އެފެށީ އެއްކަލަ ވާހަކައެވެ. ބަލިވެއުޅޭއިރުވެސް އޯގާތެރިވެ، ފިރުމައިދީ އެންމެކުޑަމިނުން ހާލުވެސް ބަލާނުލާ ވާހަކައެވެ. ދޮށީ ދަރިފުޅުގެ އިތުރަށް އެގަޑީގައި އެންމެ ހަގު ދެބެންވެސް ތިއްބެވެ. އެންމެ ހަގު މަންޖެ ހީނލާފައި އަހާލި ސުވާލަކުން ޒިޔާދާވެސް ސިއްސުވާލިއެވެ. “ބަލަ ކަލެއަށް ކާން ނުދެނީހެއްޔެވެ؟ ހަމަގައިމުވެސް ކަލޭ އަަހަރެން ފަސް ކުދިންނަށް ކާންދިން ފެންވަރަށްވުރެ މާރަނގަޅު ފެންވަރުގައި އަހަރެމެން ކަލެއަށް އެބަ ކާންދެމެވެ. މިގޭގައި އަހަރެމެން ކުޑައިރު ތަރުކާރީއާއި މޭވާ ހުންނާނީ މަންމައަށް ރަނގަޅު ލާރިކޮޅެއް ލިބުނު ދުވަހެއްގައެވެ. އެވެސް ކަލެއަށް ސިއްރުސިއްރުން މަންމަ އަހަރެމެންނަށް ގަނެދޭ އެތިކޮޅެކެވެ. މީރު ޗޮކްލެޓް ކޭކު ކަހަލަ އެއްޗެއް ކާހިތްވެގެން ބުނެފިނަމަ ކަލޭ ދުވަހަކުވެސް ރީތި ޖަވާބެއްވެސް ނުދެއެވެ. އެކަމަކު މަންމަ ކޮންމެވެސް ގޮތަކަށް އަހަރަކު އެއްފަހަރު ނަމަވެސް އެހިތްހަމަޖެހުންވެސް އަހަރެމެން ފަސްބެއިންނަށް ހޯދައިދިނެވެ. ކަލެއަށް ކާންދޭއިރުވެސް ތިބުނަނީ އަހަރެމެން ކަލެއަށް އެއްވެސް ކަމެއް ކޮށްނުދެއޭ ހެއްޔެވެ. ކަލޭ ތިޔައީ ހާދަހާ ވާ ޝުކުރުވެރިނުވާ އިންސާނެއް ހެއްޔެވެ.”
އާދިލު ހައިރާންވެއަންތަރީސް ވެފައި ސުވާލު ކުރިއެވެ. “ހަމައެކަނި ކާންދިނީމާ ނިމުނީހެއްޔެވެ؟ އަަހަރެން މީ ބައްޕައެވެ. މިހާރު ބަލިވެގެން ގޮސް ހިނގާބިނގާވާން ދަތިވެފައި އިނަސް އަދިވެސް ވާނީ ހަމަ ކަލޭމެންގެ ބައްޕައަށް ނޫންހެއްޔެވެ!”
ޒިޔާދާއަށް ލެވުނީ ފުންނޭވާއެެވެ. މިއަދު ހިތުންހިތަށް އޮތް ލޯތްބަކުން ކުރާނެ ކަމެއް ނެތް ހިސާބަށް ދިރިއުޅުން މިއޮތީ ގޮސްފައެވެ. މިއަދަކު އެއްވެސްަ ކަމަކަށް ޒިޔާދާގެ ބާރެއް ނެތެެވެ. އޮތީ ކުދިންގެ ބާރެވެ. ގެ ހަދައި ގޭތެރޭގެ ހަރަދު ބަލަހައްޓަނީ އެކުދިންނެވެ. ޒިޔާދާ އަނެއްކާވެސް މާނޭވާއެއް ލިއެވެ. އަދި ފެން ގޮތަކަށް ހީނލަމުން އާދިލުގެ މޫނަށް ބަލާލިއެވެ. “ތިޔަ ސުވާލު އަމިއްލަ ނަފްސާ ކޮށްބަލާށެވެ. އެކަން އެގޮތަށް ނިންމީވެސް ކަލޭ އަމިއްލައަށް ނޫންހެއްޔެވެ. ވީއިރު މިއަދު ދެން ޝަކުވާނުކޮށް މަޑުން ހުރުމަށްވުރެ ވަކިން މޮޅު ގޮތެއް ކަލެއަކަށް ނޯންނާނެއެވެ. އެކުދިން ކަލެއަށް މިވަރު ކޮށްދެނީވެސް އެކުދިންގެ ރަނގަޅުކަމުންނެވެ. އެހެންނޫންނަމަ ކަލޭ މިގެއިން ބޭރުކޮށްލިތާ ކިތަންމެ ދުވަހެކެވެ.” ދަރިންކޮޅު އަބަދުވެސް ބުނަމުން އައި ބަސްތައް ޒިޔާދާ ހަނދާން އެބަހުއްޓެވެ. “މަންމާއެވެ. ދަރިންނަށް ހަމައެކަނި ކާންދިނީމަ އެނިމުނީ ހެއްޔެވެ. އަހަރެމެން އުރާލައިގެން ކުޅެ ނުހަދައެވެ. ސުކޫލަށް ލައި ހޯދާކަށް ނުދެއެވެ. ޕޭރެންޓްޓީޗާރ މީޓިންގއަކަށް ނުދެއެވެ. އަހަރެމެން ގޮވައިގެން މޫދަކަށް ނުދެއެވެ. ޕާކަށް ނުދެއެވެ. ނިންދަވަން ކުރުސި ޝަހާދަތެއް ކިޔައެއް ނުދެއެެވެ. ތެދަށް ބުނަންޏާ ކާންދެނީވެސް މަންމައަށް ލިބޭ ލާރިން ގަންނަ އެއްޗެހިންނެވެ. އަހަރެމެން އެ މިނެދޭ ނާޅީން މިނެދޭ ދުވަހު އެކަަކަށްވެސް ނުހުއްޓުވޭނެއެެވެ. ދެރަވާނެ ދުވަހެއް އަންނާނެއެވެ. އެއީ ޔަގީންކަމެކެވެ..” އެދުވަސް އައުމުން އެކަން ބަލައިގަންނަން ކެތް ނުވީވެސް ހަމަ އެކަން އުފަންކުރިމީހާއަށެެވެ. ފޭހުނު އިލޮށި ހެރުނީ އަމިއްލަ ލޮލަށް ނޫންހެއްޔެވެ.
އާއެކެވެ. މައިންބަފައިންނަށް ބާރުލިބިފައި އޮންނައިރު ދަރިންނާއިމެދު ހެޔޮކޮށް ނުހިތާނަމަ ޚާއްޞަކޮށް ތިމާއަށް ނުލިބޭ ޙާލުގަވެސް އިތުރު އަނބިން ގެންގުޅެން ބޭނުންވާ މީހުންނަށް މިފަދަ ކަންކަން މެދުވެރިވާނެއެވެ. އަތްމަތި ތަނަވަސް ނޫންނަމަވެސް ލިބޭ މިންވަރުން ދަރިންގެ ބޭނުންތައް ފުއްދައިދީގެން ދަރިން ގޮވައިގެން އުޅެން މަސައްކަތްކުރާނަމަ ފަހުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެންމެ އަގުހުރި އެންމެ ބޮޑަށް ފައިދާކުރާނެ އިންވެސްޓްމަންޓަކީ ދަރިންނަށް ކުރާ ޚަރަދެވެ. ދަރިން ތަރުބިއްޔަތު ކުރުމެވެ. ވީމާ ދަރިން ނިކަމެތިކޮށްލާފައި އިތުރު އަނބިން ހޯދަމުން ދުވާނަމަ އެކަމުގެ ރަހަ ގިނަފަހަރު ހަމަ ވަރަށް ހިތިވާނެއެވެ.

