ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑުގައި ގދ.އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އިންނަވާ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވަކިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.
ގދ.އަތޮޅު ކައުންސިލްގެ ނައިބްރައީސް، ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްގެ ރިޔާސަތުގައި އަތޮޅު ކައުންސިލްމެމްބަރު އަދި ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ހުށަހެޅުއްވި މި ޤަރާރު ފާސްކޮށްފައިވަނީ ގދ. އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 12 ވަނަ އާންމު ބައްދަލުވުމުގައެވެ.
ގދ.އަތޮޅު ކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނަވަނިކޮށް ފާސްކޮށްފައިވާ މިޤަރާރުގައި ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅުގެ ރަށްތަކުން ހޮސްޕިޓަލުން ހިދުމަތަށް އެދި ދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށް، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ކުރެވުނު މަސައްކަތުން އެއްވެސް ވަރެއްގެ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.
އަދި އެ މަސައްކަތްތަކަކީ ހޮޅުއަށިތަކެއްގައި ކުރެވޭ މަސައްކަތެއްކަމަށް ދޭހަވާގޮތަށް އަތޮޅު ކައުންސިލުން 16 މާރިޗު 2023 ވީ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި މެމްބަރު ސައުދު އަލީ ބުނެފައިވާ ކަމަށާއި އަދި އެބުނުމުން ދޭހަކޮށްދެނީ، މެމްބަރު ސައުދު އަލީގެ އެ އަމަލަކީ އަތޮޅު ކައުންސިލް މެމްބަރުން ރައްޔިތުންގެ ހައްގުގައި މިހާތަނަށް ކުރި މަސައްކަތަށް ޖޯކުޖަހާ ފުރައްސާރަކުރުން ކަމުގައި ގދ.އަތޮޅު ކައުންސިލުން ދެކޭ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން، ގދ އަތޮޅު ކައުންސިލް ތަމްސީލުކުރަން ސައުދު އަލީ އިންނަވާ ކޮންމެ ދުވަހަކީ އަތޮޅުގެ ދެން އޮތް 8 ރަށުގެ ރައްޔިތުންގެ ހައްޤު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އޮތް ހުރަހެއްކަމަށް ދެކޭ ކަމަށްވެސް އެ ގަރާރުގައި ހާމަކޮށްފައިވެއެވެ.
އަދި މިހެންކަމުން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑުގައި ބޯޑު މެމްބަރެއްގެ ގޮތުގައި ސައުދު އަލީ އިނުމަކީ ގދ.އަތޮޅު ކައުންސިލުގެ މެމްބަރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާ ކަމަށާއި އޭގެ އިތުރަށް ބޯޑަށް ގދ.އަތޮޅު ކައުންސިލް ތަމްސީކުރާ މެމްބަރެއް ނަންގަވާ ކަމުގައި ވާނަމަ، ގދ.އަތޮޅު ކައުންސިލް މެމްބަރުންގެ ރުހުން އޮތް މެމްބަރަކު ބޯޑަށް އައްޔަން ކުރުމަށްވެސް އެދިފައިވެއެވެ. އެގޮތަށް މެންބަރަކު ބޯޑަށް އައްޔަން ކުރުމަކ މުޅި އަތޮޅުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމަށް އަތޮޅު ކައުންސިލުން ދެކޭކަމަށްވެސް ގަރާރުގައި ވެއެވެ.
"ގދ. އަތޮޅު ކައުންސިލް ތަމްސީލުކުރުމަށް ސައުދު އަލީ ނޫނަސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ (އެމް.ޑީ.ޕީ)ގެ މެމްބަރުން ތިބުމާއެކު، މިކަމަކީ ރައީސުލް ޖުމްހޫރިއަޔާއަށް ސިޔާސީގޮތުންވެސް ނިންމަވަން ދަތި އުނދަގޫފުޅު ވެލައްވާނެ ކަމެއްކަމަށް ނުދެކޭން. އަތޮޅުގެ ދެން އޮތް 8 ރަށުގެ ރައްޔިތުންގެ މިހާރު ތަހައްމަލް ކުރަމުންގެންދާ ތަކުލީފާއި ވޭނުން އަރައިގަތުމަށް އެ ރައްޔިތުންގެ ހައްޤުގައި ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިޖާބަދެއްވުމަށްވެސް އިލްތިމާސް ކުރަން. އަދި މިއީ އަތޮޅުގެ ރައްޔިތުންގެ އަޑު އަތޮޅު ހޮސްޕިޓަލް ހިންގާ ބޯޑުގައި އިއްވޭނެގޮތަށް ބޯޑުގައި އަތޮޅު ކައުންސިލުގެ މެމްބަރެއް ހިމަނައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ހުށަހަޅާ ގަރާރެއް" – ގދ.އަތޮޅު ކައުންސިލުން ފާސްކުރި ޤަރާރުގައި ބުނެފައިވެއެވެ.

