އާޚިރަތުގެ ދަތުރުގައި އިންސާނުން އެންމެ ފުރަތަމަ ކަޑައްތުކުރާ މަރުހަލާއަކީ މަރެވެ. އެ މަރަކީ މީހެއްގެ ވެރިކަމާއި ޢިއްޒަތާއި ޝަރަފުގެ މަތިވެރިކަމުގެސަބަބުން، މީހެއްގެ ވަރުގަދަކަމުގެ ސަބަބުން އެ ކަމުން ފިލޭނެ އެއްޗެއް ނޫނެވެ. މަރަކީ މާތް ﷲ ކާއިނާތުގައި ލައްވަވައިފައިވާ ސުންނަތްތަކުގެ ތެރެއިންސުންނަތެކެވެ. ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގާތަށް މަރު އައި ހިނދު ޙަދީޘްކުރައްވަމުންގެންދެވިއެވެ. (إن للموت لسكرات) މާނައީ: “ހަމަކަށަވަރުން މަރަކީ ވޭންހުރި އެއްޗެކެވެ.”
އެއްދުވަހަކު މަދީނާގެ ޤަބުރުސްތާނުގައި މީހަކު ވަޅުލުމަށް ފަހު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އިށީނދެވަޑައިގެން އިންނެވިއެވެ. އަޞްޙާބުބޭކަލުންއެކަލޭގެފާނުގެ ވަށައިގެން ތިއްބެވިއެވެ. އެކަލޭގެފާނު އެހެން އިންނަވައި ބައެއް ފަހަރު މަތި ބައްލަވައެވެ. އަނެއްބައި ފަހަރު ތިރި ބައްލަވައެވެ. ހިމޭންވަގުތުކޮޅެއްގައި މިހެން އިންނެވުމަށް ފަހު، ދުނިޔެއިން މީހާ ވަކިވެގެންދާ ހިނދު ކަންތައް ވާނެ ގޮތް ތަފުސީލުކޮށް ބުނެދެއްވިއެވެ.
މަރުވި މީހަކީ އީމާނުގެ އަހުލުވެރިއެއް ނަމަ، އޭނާގެ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްފައިވާ މީހެއް ނަމަ، ސުވަރުގޭގެ ކަފުނާއި މީރުވަސް ދުވާ ހުވަނދުހިއްޕަވައިގެންތިއްބަވާ ރަޙްމަތުގެ މަލާއިކަތުންނައިގެން މަލަކުލްމައުތު ވަޑައިގެން ވިދާޅުވާނެއެވެ. “އޭ ހިތްހަމަޖެހިފައިވާ ޠާހިރު ފުރާނަޔާއެވެ! ﷲ ގެ ރުއްސެވުމާއިފުއްސެވުމަށް އަންނާށެވެ.” އެ ހިނދު ކަންވާރަކުން ފެން އޮހޭ ފަދަ ލުއި ގޮތަކަށް އެ ފުރާނަ ނެރެ ސުވަރުގޭގެ ކަފުނާއި ހުވަނދަށް ލެވޭނެއެވެ. ހުރިހާ އުޑެއްގެދޮރުކޮޅުތައް އެ ފުރާނަޔަށް ޓަކައި ހުޅުވޭނެއެވެ. ހުރިހާ މަލާއިކަތުން އެ ފުރާނަ އުޑަށް އުފުލުމަށް އެދިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ މަލާއިކަތަކު ވެސް އެފުރާނަޔަށް ރަޙުމަތްލެއްވުން އެދި ދުޢާކުރައްވާނެއެވެ. ހަތް އުޑު ކަޑައްތުކޮށް ﷲ تعالى ގެ ހަޟްރަތަށް އެ ޠާހިރު ފުރާނަ އުފުއްލެވޭނެއެވެ. އެހިނދު ﷲ تعالىވަޙީކުރައްވާނެއެވެ. ޢިއްލިއްޔީނުގައި ތިމަން ރަސްކަލާނގެ އަޅާގެ ފުރާނަ ލިޔުއްވާށެވެ. އެއަށް ފަހު ބިމަށް އެ ފުރާނަ ރައްދުކުރެވޭނެއެވެ. ކަށްވަޅުގައި އެފުރާނަޔާ ސުވާލުކުރެވޭނެއެވެ. ތިބާގެ ރައްބަކީ ކޮބައިތޯ؟، ތިބާގެ ދީނަކީ ކޮބައިތޯ؟، ތިބާގެ ގާތަށް ފޮނުއްވުނު ނަބިއްޔަކީ ކޮބައިތޯ ؟ އެހިނދު އެ ފުރާނަޘާބިތުކަމާ އެކު ޖަވާބުދޭނެއެވެ. އޭނާގެ ކަށްވަޅު ތަނަވަސް ކޮށްދެއްވުމަށާއި އެ ކަށްވަޅުގައި ސުވަރުގޭގެ ދާނެއް ފެތުރުމަށް ނިދާ އިއްވެވޭނެއެވެ. އެ ކަށްވަޅަކީސުވަރުގޭގެ ބަގީޗާއެއް ފަދަ ތަނަކަށް ވާނެއެވެ. (رواه أحمد وأبو داود والحاكم)
ތަޤްވާވެރިންގެ ފުރާނަތައް ނެރެވޭ ހިނދު އިސްތިޤްބާލުގައި މަލާއިކަތުން ތިއްބަވާނެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެމާނައިގައިވެއެވެ. “ހަމަކަށަވަރުން ތިމަންމެންގެ ވެރި ރަސްކަލާނގެއީ ﷲ އޭ ބުނެ ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ.) އެއުރެންގެ މައްޗަށްމަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ. އަދި ހިތާމަ ނުކުރާށެވެ. ތިޔަބައިމީހުންނަށް ދެއްވާނެކަމަށްވަޢުދުވެވޮޑިގެންފައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ. ތިމަންބޭކަލުންނީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ތިޔަބައިމީހުންގެއެހީތެރިންނެވެ. ތިޔަބައިމީހުންނަށް އެ ސުވަރުގެ ތަކުގައި ތިޔަބައިމީހުންގެ ނަފުސު އެ ކަމަކަށް އެދުންވެރިވާ ހުރިހާ އުފަލަކާއި އަރާމަކާއި ލައްޒަތެއްލައްވައިފައިވެއެވެ. އަދި އެ ކަމެއް ހޯދައިގަތުމަށް އެދޭ އެންމެހާ ނިޢްމަތްތައް އެ ސުވަރުގޭގައި ލައްވައިފައިވެއެވެ. އެއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަކަލެއްގެ މެހެމާންދާރީއެވެ.” (فصلت 30-32)
ދުނިޔޭގައި ކިތަންމެ ފަޤީރެއްކަމުގައި ވިޔަސް މީހުން ދެރަ ނިކަމެއްޗެއް ކަމުގައި ދެކުނަސް، އޭނާގެ ޙަޔާތް ހެޔޮ ގޮތުގައި ހޭދަކޮށްފައިވާ ނަމަ ޢިއްޒަތާއިޝަރަފާއި ކަރާމަތާ އެކު އެ ފުރާނަ މާތް ﷲ ގެ ޙަޟްރަތަށް އުފުލޭނެކަން ކަށަވަރެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف ދީނުގެމަގު އަހަރު 2 / އަދަދު 37

