ދިވެހިރާއްޖެއަށް ޓުއަރިޒަމް އައުމުގެ ކުރިން ރާއްޖޭގެ މީހުން އާބާދުވެ މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި ދެން ބާކީ ހުންނަ ރަށްތަކަށް ކިޔައި އުޅުނީ ފަޅުރަށެވެ. މާނައަކީ އެއީ މީހުން ދިރި ނުއުޅޭ “ފަޅު” ރަށެކެވެ. ޓުއަރިޒަމާއެކު ވަރަށްގިނަ ފަޅުރަށަށް ރިސޯޓުގެ ނަން ކިޔަން ފަށައިފިއެވެ.
މި ފަޅުރަށްތައް ބަލަހައްޓަނީ ދައުލަތުގެ ވުޒާރާއަކުންނެވެ. މި ތަނުން ކުރާ މަސައްކަތްތަކުގެ ތެރެއިން ވަރުވާއަށް ނުވަތަ އަހަރެއްގެ މައްޗަށް ދައުލަތަށް ދައްކަންޖެހޭ ކުއްޔަކަށް ފަޅުރަށްތައް މީހުންނާ ޙަވާލުކުރެއެވެ. މިދެންނެވި ވަރުވާ ނުވަތަ ކުލި ބިނާ ވެފައި އޮންނަނީ އެ ރަށްރަށުގައި ހުންނަ ރުއްގަހުގެ މައްޗަށެވެ. ޚާއްޞަކޮށް ރުކުގެ މައްޗަށެވެ. އޭގެ ތެރެއިން ވެސް ފޯދިފައި ހުންނަ ރުކުގެ ގިނަ މަދު މިނުގެ މައްޗަށެވެ. ރުއްގުނައި ރުުކުގެ ހިސާބު ބަލަހައްޓައި ވަރުވާ ކަނޑައަޅައި ހެދުމަކީ ދައުލަތުގެ ކަމެކެވެ. އަތޮޅުތަކުގައި މިކަންކުރަނީ އަތޮޅުވެރިޔާއެވެ.
ދައުލަތުން ފަޅުަރަށްރާއި، ފަޅުރަށްރަށުގައި ހުންނަ ރުކުގެ ހިސާބު ބަަލަހައްޓައި ވަރުވާ ކަނޑައަޅައި ފަޅުރަށްތައް ވަރަުވާއަށް ލިޔެ ދެއްވައި ހަދާނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރުންނެވެ. އިނގިރޭސި ނަންތައް އައުމުގެ ކުރިން ޒިރާޢަތާ ބެހޭ ވުޒާރާ ނުވަތަ މަޙްކަމާއިންނެވެ. އޭގެ ކުރިން ރަދުންނެވެ.
ދައުލަތް ހިންގުމުގައި ފަޅުރަށްރަށުން ވަރަށް މުހިންމު ދައުރެއް އަދާ ކުރަމުން ދިޔަކަން އިހުގެ ލިޔުންތަކުން އެނގެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަތޮޅުތަކާއި، ރަށްތައް ހިންގުމަށް ބައެއް ފަޅުރަށްރަށް ޚާއްޞަކޮށް ރައްޔިތުންނަށް ދީފައި ހުންނަކަމެވެ. އެފަދަ ރަށަކުން ދައުލަތަށް ދައްކަން ޖެހޭ މިންވަރު ކަނޑައަޅައި ބަޔާން ކުރުމާއެކުގައެވެ. ވަކިކަމަކަށް ވަކިން ޚާއްޞަކޮށް މިސްކިތްތައް ބިނާކޮށް ބެލެހެއްޓުމުގެ ބޭނުމުގައި މިސްކިތުގެ މައްޗަށް ފަޅުރަށްރަށް ދީފައި ހުރެއެވެ. އަދި ބައެއް އަމިއްލަ މީސްމީހުން ވެސް އެމީހުންގެ ރުއްގަސް މިސްކިތްތަކުގެ މައްޗަށް ވަޤުފު ކޮށްފައި ހުންނަކަން އެނގެން އޮވެއެވެ.
ވަރުވާއަށް ލިޔެ ދިނުމަކީ ފަޅުރަށެއް މީހަކާ ޙަވާލު ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައި އޮންނަ އުޞޫލާ އެއްގޮތަށް މީހަކާ ޙަވާލުކުރުމެވެ. ރަށެއް ނުވަތަ ތަނެއް ނުވަތަ ރުއްގަސް، ސަރުކާރުން ލިއުއްވައިގެން ބޭނުންކުރާ މީހާ ސަރުކާރަށް އަހަރު އަހަރަށް ނުވަތަ މަސްމަހަށް ދައްކާންޖެހޭ ތަކެތި ނުވަތަ ފައިސާއަކީ ވަރުވާއެވެ.
އެރަށުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނޭ ކަންކަމާއި، ވަރުވާއަށް ލިޔާ މީހާއަށް ލިބޭނެ އެއްޗަކާއި ނުލިބޭނެ އެއްޗަކާއި ދައުލަތަށް ވަރުވާ ދައްކަންޖެހޭ ގޮތާއި ދައުލަތުން ބޭނުން ވެއްޖެނަމަ އެ ރަށް އަތުލެވޭނެގޮތް މި ދެންނެވި ލިޔެ ދިނުމުގައި އަންގާފައި އޮވެއެވެ. ފަޅުރަށް ލިޔެދިނުމުގެ ލިޔުމުގައި ވެސް އެ ފަޅުރަށެއްގެ ވަރުވާގެ މިންވަރަށް ބަލައި ދައުލަތުން ކަނޑައަޅާފައި އޮންނަ މިންވަރެއްގެ އިސްޓޭމު ޖަހާނެއެވެ. އިސްޓޭމުގެ ފައިސާއަކީ ދައުލަތަށް ލިބޭ އާމްދަނީ އެކެވެ.
ރާއްޖޭގެ ފަޅު ރަށްތައް ވަރުވާއަށް ލިޔެދެއްވާއިރު އެރަށަކާއި ވަރުވާއަށް ލިޔާ މީހަކާ ދެމެދު ހުރި ދުރުމިނެއް ނުވަތަ އެރަށަކާ އޮތް ގާތް ކަމެއް ނުވަތަ އެރަށެއް ދަންނަ ނުދަންނަ މިންވަރަކަށް ބެލުމެއް ނޯވެއެެވެ. އެހެންކަމުން ރާއްޖޭގައި ހުރި ބޮޑެތި އަދި އާމްދަނީއެއް ލިބޭ ކަހަލަ ހުރިހާ ފަޅު ރަށެއް ވަރުވާ އަށް ލިޔެގެން އުޅުނީ މާލޭގެ ވަކި ބަޔެކެވެ. އަތޮޅުތަކުން އެރަށަކާއި ގާތުގައި ބެލެހެއްޓިދާނެ ފަދަ ދުރުމިނެއްގައި ތިބޭ މީސްމީހުން އެރަށްތައް ހޯދުމަށް އަންނަން ޖެހެނީ އެއްކަލަ މާލޭ ބޮޑު މީހާގެ ގެއަށެވެ. މިގޮތުން އަތޮޅުތަކުގެ މީހުންނަށް މިއިން ރަށެއް ލިބެނީ އެތައްގުނަ ބޮޑު ވަރުވާއަކަށް އަދި އެތައް ކާށްޓަކާއި ދަރަކާއި އެހެނިހެން ތަކެތި ވެސް ދީގެންނެވެ.
މި ގޮތުގެ މަތިން ރަށްތައް ވަރުވާ ކުރަމުން ދިޔަ ދުވަސްވަރު ގެވަޑާމަށާއި، އޮޑިދޯނިފަހަރު ބަނުމަށާއި، އުވަދެވުން ފަދަ ކަންކަމަށް ދަނޑިއާއި، ލަކުޑިއާއި، ރުކާއި، އުވަދަރަށް ކަމުދާނެ ތަކެތި މީހުން އެކަމަށް އެދުމުން ދައުލަތުން ދެއެވެ. މިތަކެތީގެ ރަމްޒީ އަގު ބިނާ ވެފައި އޮންނަނީ ލަކުޑި ސިޓީގައި ޖަހާ އިސްޓޭމުގެ އަގުގެ މައްޗަށެވެ. އިސްޓޭމު ގަންނަން ލިބެނީ ޕޯސްޓު އޮފީހުންނެވެ. ފަހުން މި އިސްޓޭމަށް ކިޔައި އުޅުނީ ރެވެނިޔު އިސްޓޭމެވެ.
މިދެންނެވި ކަހަލަ ލަކުޑި ސިޓީ ލަކުޑި ބޭނުންވާ މީހާގެ ޙަވާލުގައި ލިބޭނީ އަތޮޅުވެރިޔާ އަށެވެ. ދައުލަތުން ކަނޑައަޅައި ހުއްދަ ދިފައިވާ ފަޅު ރަށަކުން އެތަކެތި ކަނޑުވައި ދޫކުރާނީ އަތޮޅުވެރިޔާއެވެ. އެފަޅުރަށެއް ބެލެހެއްޓުން ޙަވާލުކޮށްފައިވާ ރަށެއްގެ ވެރިޔަކު ފޮނުވައިގެންނެވެ. އެ ހިސާބު ބެހެހެއްޓުމަށްފަހު ދައުލަތަށް އެ ހިސާބު ފޮނުވުމަކީ އަތޮޅުވެރިޔާއާ މަތިކޮށްފައި އޮންނަ ޒިންމާއެކެވެ. ރުކާއި ގަސް ކަނޑާއިރު ބޭނުން ނުކޮށް ބާކީވާ ނުވަތަ އުކާލަންޖެހޭ ތަކެއްޗަށް ހަދާނެ ގޮތްތައް ވެސް ހުރެއެވެ. އަދި ފަހުން ކަނޑާ ރުކަކަށް ރުކެއް ގަހަކަށް ގަހެއް އިންދަމުން ދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ.
މީހުން ދިރިއުޅެމުން އަންނަ ރަށްރަށުގައި ގޮއި ފާލައްބަ ނުވަތަ ރުއްގަނޑު ނުވަތަ ވަކި އެހެން ނަމެއް ކިޔާ ބަންޑާރަ ތަންތަނާއި އަމިއްލަ މީސްމީހުންގެ ރުއްްގަސް ހައްދާފައި ހުރެއެވެ. މި ގޮތުން ދިރިއުޅެން ދީފައި އޮންނަ ގޯތިން ބޭރުގައި ބަންޑާރަ ބިމުގައި އަމިއްލަ މީސްމީހުން ހައްދާ ރުއްގަހުގެ 1/2 ބަންޑާރައަށް ދޭން ޖެހެއެވެ.
ދައުލަތުގެ ބިމެއްގައި އަމިއްލަ މީހުން ކުރާ އޮއްޓަރު ގޮވާމުން ދައުލަތަށް ނަގާ ބަޔަށް ކިޔަނީ ގޮޔެވެ. މިކަމުގެ ހިސާބު ބެލެހެއްޓުމާއި ގޮޔަށް ނުވަތަ ދައުލަތަށް ނެގޭ ތަކެއްޗާއި ޙަވާލުވެ އެތަކެތި ދައުލަތަށް ނުވަތަ ރަދުންނަށް ގެންގޮސް ދިނުމަށް ގޮއިވެރިޔަކު އައްޔަން ކޮށްފައި ހުރެއެވެ. އެމީހާއަށް ކިޔަނީ ގޮއިވެރިޔާއެވެ.
ގޮއިގެ ގޮތުގައި އެކިޒަމާނުގައި އެކި ރަށުން ނަގައި އުޅެނީ އެކި ވަރަށެވެ. ބައެއް ދުވަސްވަރު ތިންބައިކުޅަ އެއްބައި ފަސްބައިކުޅަ އެއްބައި އަށްބައިކުޅަ އެއްބައި ނަގައި އުޅުނުކަމަށް ވެއެވެ.
ފާލައްބައަކީ އިހުގައި މީހުންއުޅޭ ރަށްރަށުގައި އިންދާ ގަސްރުކުގެ ތެރެއިން ތައްޖަހައިގެން ސަރުކާރަށް ނެގޭ ރުއްރުކެވެ. ބަންޑާރަ ރުއް ފިޔަވައި ރައްޔިތުން ގޯތިން ބޭރުގައި އިންދާފައި ހުންނަ ރުއް ގުނައި ހިސާބު ބަލައި ރުއް އިންދި މީހާގެ ރުކާއި، ބަންޑާރައަށް ނެގޭ ރުކާއި ދެބައި ރުއްތައް ވަކިކޮށް ތައްޖަހައި ފާހަގަ ކުރެއެވެ.
ތައްޖެހުމަކީ އަމިއްލަ ރުކެއްކަން ނުވަތަ ދެބައި ރުކެއްކަން ނުވަތަ ބަންޑާރަ ރުކެއްކަން ވަކިކުރުމަށް ޖަހާ ފާހަގައަށް ކިޔާ ނަމެކެވެ. މި ފާހަގަ ޖަހާފައި ހުންނަނީ ރުކުގެ ބުޑުން ފެށިގެން މީހެއްގެ އިސްކޮޅާ ހިސާބުގައެވެ. ރުކުގެ ތޮށިގަނޑުގައި ވަށްބުރަކަށް ކަނޑައިފައި ހުންނަ ފާހަގައެކެވެ. މި ފާހަގަޖަހަނީ އެކަމަށް ހަދާފައި އޮންނަ ދަގަޑު ތައްގަޑެއް މަރުތެއްޔަކުން ޖަހައިގެން ރުކުގެ ތޮށިގަނޑުގެ ތެރެއަށް ވައްދައި ގެންނެވެ. މިފާހަގަ ޖަހާފައި ހުންނަނީ ބަރިއަކަށް އެއްފާހަގަ މަތީގައި އަނެއްފާހަގަ ހުންނަ ގޮތަށެވެ. އެއް ފާހަގަ ނަމަ އެއީ އަމިއްލަ ރުކެކެވެ. ދެފާހަގަ ނަމަ ދެބައި ރުކެކެވެ. މާނައައީ އަމިއްލަ މީހެއްގެ ބަޔަކާ ބަންޑާރަ ބައެއް އެރުކުގައި އޮންނާނެއެވެ. ދެކާށި އަޅައިފި ނަމަ އެއްކާށި ބަންޑާރައަށެވެ. އަނެއްކާށި އަމިއްލަ ބައި ލިބޭ މީހާއަށެވެ. ތިން ފާހަގަ ޖަހާފައި ހުންނަނީ ބަންޑާރަ ރުކުގައެވެ. އެއީ ދައުލަތުގެ ރުކެވެ. މިކަހަލަ ރުއްތައް ވަރުވާއަށް ލިޔެ ދެއްވައެވެ. އެއީ ފާލައްބައިގެ ގޮތުގައެވެ. އަމިއްލަ ރުކުގައި ނުވަތަ ދެބައި ރުކުގެ ފާހަގައިން އެއީ ކާކުގެ ރުކެއް ކަމެއް ނޭގޭނެއެވެ. މިކަން ދެނެގަތުމަށް ވަޅިން ކަނޑައިގެން ނުވަތަ ދަވާދުން ރުކުގައި އެރުކުގެ ވެރިމީހާގެ ނަން ޖަހައެވެ.
ދައުލަތުގެ ބޭނުމަށް ބިންނަގާއިރު އެބިމަށް އަރާ ރުއްގަހަށް ބަދަލު ދިނުމުގެ ކަންތައްތައް ކުރާއިރު ރުކުގެ ވެރިފަރާތް ދެނެގަތުމަށް ބަޔާންތައް ނަގައެވެ. ވެރިފަރާތާއި، ހެކިންގެ ބަޔާނެވެ. މި ފަދަ ބަޔާނުގައި ރުކުގެ ބޮޑުމިން ބަޔާން ކުރެއެވެ. މިސާލަކަށް ފޯދިފައިވާ ނުވަތަ ނުފޯދޭ ނުވަތަ ކަނދުބުޑު ލާފައިވާ ނުވަތަ ކަނދުބުޑު ނުލާ މިހެން

