ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރ އަދި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ގދ.އަތޮޅު ރަށްރަށުގެ ރައީސުންނަށް ހޫނު ރައްދެއް ދެއްވައިފިއެވެ. ގދ.އަތޮޅު ކައުންސިލްގެ މެމްބަރުން ހިމެނޭ ވައިބާ ގްރޫޕަކަށް ސައުދު ފޮނުވި މެސެޖެއްގައި “އެއްކަމެއްވެސް ނުވާނެ” އަދި “ފެލި ފެލި ތިބެން ޖެހޭނީ” މިހެން ބުނެފައި އޮތެވެ.
ގދ.އަތޮޅު ކައުންސިލް މެމްބަރުންގެ ރަސްމީ ވައިބާ ގްރޫޕްގެ ސްކްރީން ޝޮޓްތަކެއް އެ ކައުންސިލްގެ މެމްބަރ އަދި ފިޔޯރީ ކައުންސިލްގެ ރައީސް ފޭސްބުކްގައި ވަނީ ހިއްސާކޮށްފައެވެ.
ސްކްރީން ޝޮޓްތަކުން ފެންނަން ހުރި މެސްޖް ތަކުން އިނގޭ ގޮތުގައި ތިނަދޫ ރައީސް ސަޢުދު އާއި، އެހެން ރަށްރަށުގެ ރައީސުންނާއި ބަހުގެ ހަމަލާ ބަދަލު ކުރެވިފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑުގައި ގދ.އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އިންނަވާ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވަކިކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ނިމިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރެއް ފާސްކުރުމާއި ގުޅިގެންނެވެ.
“ދުވާލަކު ކިތަންމެ ޤަރާރެއް ފާސްކުރިޔަސް ފަރުވާލެއް ނެތް، އިސްތަށްޓެކޭވެސް ހިތަކަށް ނާރާނެ!” – ތިނަދޫ ކައުންސިލްގެ ރައީސް
ސްކްރީން ޝޮޓް ތަކާއި އެކު ފިޔޯރީ ރައީސް ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ ޑރ.އޭއެސްއެމްޗްގައި ހުރި ކަންބޮޑުވުން ތަކުގެ ވާހަކަ ކައުންސިލްތަކުގެ ލެވެލްގައި މަޝްވަރާކުރެވެމުން ދާއިރު، ތިނަދޫ ކައުންސިލްގެ ރައީސް ފުރައްސާރަ ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.
” އަތޮޅު ކައުންސިލްގެ ރަސްމީ ދެ ބައްދަލުވުމަކަށް މި މައްސަލަ އަޅުގަނޑު ހުށަހަޅާ އެކަމަށް ވާނީ ބޯޑުގެ ސަމާލުކަމަށް ގެނެވިފަ، އިތުރަށް ރަށު ކައުންސިލް ލެވެލްގަ ވެސް ވާނީ އެތައް މަސައްކަތެއް ކުރެވިފައި، މި ހުރިހާ މަސައްކަތެއް ކުރެވުނީ ހޮސްޕިޓަލް ހިންގާ ބޯޑުގަ ހިމެނޭ އަތޮޅު ކައުންސިލް މެންބަރު ސައުދު އަލީ އިންނަވާއިގެން ކަން ފާހަކަ ކޮއްލަން، އަދި މި ވާހަކަ ދެކެވޭ ކޮންމެ ބައްދަލުވުމެއްގައިވެސް ހޮސްޕޓަލް ޚިދުމަތް ދިނުން ރަގަނޅު ކުރުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގަ މުޅިންވެސް މަޢުޟޫއާ ނުގުޅޭ ބޭކަރު ވަހަކަ ދެއްކުމާއި ފުރައްސާރަ ދިޔައީ ކުރަމުން ” – ފިޔޯރީ ރައީސް
އަތޮޅު ކައުންސިލް މެމްބަރުންގެ ރަސްމީ ވައިބާ ގްރޫޕްގައި ބައެއް މެމްބަރުން ވަނީ ސަޢުދުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ފާހަނގަ ކުރައްވާ ގޮތުގައި އަތޮޅު ކައުންސިލްއިން ފާސްކުރެއްވި ޤަރާރަކީ ޕީޕީއެމްގެ މެޖޯރިޓީ އޮވެ، ސަރުކާރާއި ދެކޮޅަށް ފާސްކުރި ޤަރާރެކެވެ.
ނަމަވެސް، ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވީ ޤަރާރު ހުށަހެޅި ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ކަމަށްވާ ނަޑައްލާ ގެ ރައީސް އަދި ރަތަފަންދޫގެ ރައީސް ވެސް ބޯޑު މެންބަރު ކަމުން ސައުދު އަލީ ވަކި ކުރަން ފުރިހަމަ އަށް ތާއިދު ކުރާ ވަހަކަ ޔައުމިއްޔާ އިން ފެންނަން އޮންނާނެ ކަމަށެވެ. އަދި އެ ދެ ރައީސުންނަށް އެއްބަސް ނުވެވުނީ ޤަރާރުގެ ހުރި ބައެއް އިބާރާތްތަކަށް ކަމަށާއި، ތަކުރާރުކޮށް ސައުދު އަލީ އަމިއްލަ އަށްވެސް އިސްތިއުފާ ދޭން ޖެހޭ ކަމަށް އެ ދެ ރައީސުން ބަހުސްމަރުހަލާގަ ދިޔައީ ތަކުރާކޮށް ގޮވަމުން ކަމަށާއި، އެކަން ޔައުމިއްޔާ އިން ފެންނަން އޮންނާނެ ކަމަށްވެސް ފިޔޯރީ ރައީސް ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ކައުންސިލްގެ ނައިބްރައީސް ކަމަށާއި، އެ ބޭފުޅާ އަކީވެސް އެމްޑީޕީ މެމްބަރ އެއް ކަމަށްވެސް ފައިޒަރުވަނީ ބުނެފައެވެ.

