ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާޢީދުކުރަން ނިންމާފައިވާކަން، ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އިއުލާން ކޮށްފިއެވެ.
ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މައުސޫމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖޭގެ ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށްވެސް އެންމެ ފައިދާބޮޑު ގޮތް ކަމުގައެވެ.
އަދި އެގޮތް ވިސްނި، ރައީސް ސާލިހަށް އެއްވެސް ޝަރުތަކާ ނުލާ ތާއީދުކުރަން ނިންމާފައިވާކަމުގައި ޑރ. މައުސޫމްގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
މިގޮތުން ރައީސް ސާލިހާއެކީ ސަލާމް ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓުވީޓުގައި ހިމަނާފައިވަނީ، ރައީސްއަށް ބައިޢަތު ހިފާފައިވާކަން އެންމެ ކަތުންނަށް އަންގާ އެވާހަކަ ހިއްސާކުރުމުގެ ގޮތުން ކަމުގައިވެސް މައުސޫމުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މައުސޫމް ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމިކަން އިއުލާން ކުރި ނަމަވެސް ޖޭޕީން ވަކިވާން ނިންމިކަމެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.
ޑރ. މައުސޫމު ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަ ކުރައްވާފައިވާއިރު، ޖޭޕީގެ ލީޑަރ ގާސިމް އިބުރާހިމް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައެވެ. ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން ޖޭޕީގެ ސްލޮޓުގައި ސަރުކާރުގެ އިސްވަޒީފާތަކުގެ ތިއްބެވި ބޭފުޅުން ގެންދަވަނީ ޖޭޕީން ވަކިވަމުންނެވެ.

