ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ވެރިކަމަށްފަހު، ކޮންމެ ވެރިކަމެއްގެ މަންޒަރުތައްވެސް މިފެންނަނީ ދާދި އެއްގޮތަކަށެވެ. ވެރިޔަކަށް ހުންނަމީހާ ފޭ ކޮށްލުމަށް ކުރެވޭ މަސައްކަތް ތަކެވެ. ރައީސް މައުމޫނުގެ ވެރިކަމަށްފަހު ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ވެރިކަން ފެށިގެން ދިޔައީ އަމާން ކަމާ އޮމާންކަމާ އެކުއެވެ. ރައީސް މައުމޫނުގެ ކިބައިން ބަދަލު ހިފުމެއްވެސް ނެތެވެ. އަދި ރައީސް މައުމޫނު މިޤައުމުގައި ހިންގާފައިވާ ލާއިންސާނީ ކަންކަމާއި ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގާފައިވާ ކަރަޕްޝަނުގެ އެތައް ކަންކަމެއްވެސް ދޫކޮށްލީ ހޭވެސް އަނހާ ނުލައެވެ.
އެކަމުން ތިލަވެގެން ދިޔައީ ދެކަމެކެވެ. އެއްކަމަކީ ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިހްތިރާމާއި ޤަދަރެވެ. ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ކޮންމެ މީހަކީ ޖަލަށްދާން ޖެހޭ މީހެއް ނޫންކަން ރައީސް ނަޝީދު ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއްވިއެވެ.
ދެން ފާހަގަ ކުރެވުނު އަނެއްކަމަކީ ރައީސްކަން ކުރާ މީހަކު ޒިންމާވާން ޖެހޭ ކަންކަން ނުކޮށް ދޫކޮށްލިއަސް ވާނެ މާބޮޑު ކަމެއް ނެތްކަމެވެ. ރައީސް މައުމޫނު ހިންގާފައިވާ ޚުދުމުޚްތާރު ވެރިކަމުގެ ހަސްކާ އެންމެ ބޮޑަށް ލިބުނީ ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނަށެވެ. އެވާހަކަ ބާއްވާށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބީވެގެން ދިޔައީ ހިތި ގޮތަކަށެވެ. ބައެއްމީހުން ބުނާ ގޮތުން އާވައްތަރެއްގެ ބަޣާވާތެކެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ވަގުތު ވެރިކަމަށް ވަޑައިގަންނަވަން ތައްޔާރުވެ، ކޯޓު އިސްތިރި ކުރައްވަން ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ހުންނެވިއެވެ.
2008 ގެ ފަހުން ރާއްޖޭގެ ވެރިކަން ވައްޓާލަމުން އަންނަނީ ވެރިކަމުއި އެވަގުތަކު ތިބޭ ބައެއްގެ ތެރެއިންނެވެ. ބޭރުގައި އޮންނަ އިދިކޮޅު ޕާޓީން ކުރާ ޕްރެޝަރަށްވުރެ ވެރިކަމުގެ ތެރޭގައި އުފެދޭ ކޯޅުމުގެ ޕްރެޝަރު ތަންފުކެއްވެސް ކުޑައެއް ނޫނެވެ.
މައުމޫނުގެ ޒަމާންވީ ދިގު 30 އަހަރުގެ ވެރިކަމަށްފަހު އިންތިޚާބު ކުރެވުނު 3 ވެރިކަމުންވެސް ފެނިގެން ދިޔައީ އެއް މަންޒަރެކެވެ. ވެރިކަމުގެ ތެރެއިން ގިނަ ގޯސްތަކެއް ހަދާ މަންޒަރެވެ.
ރައީސް ޔާމީނުގެ ވެރިކަން ބައްލަވާށެވެ. ނައިބުރައީސް އަދީބު ވެރިކަން ބޭނުންވިއެވެ. ރައީސް ޔާމީނު އޭރު އަދީބަށް އިތުބާރު ކުރެއްވީ އިންތިހާއަށެވެ. އެހެންވުމުން ވައްކަން ކުރާނެ ވަރަކަށް ރައީސް ޔާމީނާ ގުޅިގެން ވައްކަން ދިޔައީ ކުރަމުންނެވެ. ހަމަ އެވަރަށް ތަރައްގީވެސް ކުރިއެވެ. މާލެއާއި ރަށްރަށަށް އިންގިލާބީ ޢުމްރާނީ ތަރައްގީތަކެއް ގެންނެވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު ކުރިމަތިވީ ރައީސް މައުމޫނުގެފަރާތުން ކުރިމަތިވި އުނދަގޫތަކެވެ. އެކަންކަން ހައްލުވެގެން ދިޔައީ ރައީސް މައުމޫނު ޖަލަށް ލުމުންނެވެ. ދުވަސްވީ މުސްކުޅިއެއްގެ ކިބައިން ސަލާމަތްވެ، ހިންދެމިލިތަނާ ދެން ކުރިމަތިވީ އެންމެ 30 އަހަރުގެ ޒުވާނެއްގެ ފަރާތުން ދިމާވި ކަންކަމެވެ. ރައީސް ޔާމީނަށް 2018ގެ އިންތިޚާބު ކާމިޔާބު ނުވުމުގެ އެންމެ ބޮޑު އެއްސަބަބަކީވެސް އަޙްމަދު އަދީބެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމެވެ. ރައީސް ސާލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ ވެރިކަމެއް ނެތެވެ. ރައީސް ސާލިހްއަށް ވެރިކަން ލިބުނީ ރައީސް ނަޝީދު އޭރު އެފުރުސަތު ދެއްވީމައެވެ. ވެރިކަމަށް ގެންނާނީ ރައީސް ސޯލިހުކަން ފުރަތަމަ ކަނޑައެޅުއްވީ ރައީސް ނަޝީދެވެ. އެހެންނަމަވެސް ވެރިކަމަށްޓަކައި މިއަދު އެކަމެއް ނެތެވެ. ޒަމާންވީ ދެ އެކުވެރިން މިއަދު ވަނީ ދުޝްމަނުނަށް ބަދަލު ވެފައެވެ. ދެބަސްވުން ދެކޮޅުވެރިކަމަށް ބަދަލުވެ، ނަފްރަތަށްފަހު މިހާރު އެތިބީ އެއްވެސް މީހަކު އަނެކަކަށް ދޫކުރާ ގޮތަކަށް ނޫނެވެ. ގަދަ ހިފުމަށް ނުކުމެއެވެ. ނަތީޖާއަކަށް ވާނީ ދެބުޅަލުގެ އަރާރުމަށް ގޭމް ނިމުމެވެ. ރައީސް ޔާމީނު ނުވަތަ ގާސިމް އިބްރާހީމަށް ވެރިކަން ލިބުމެވެ.

