މި ސަރުކާރުން ވަނީ ގދ. ގައްދޫ ރައްޔިތުންގެ ބިން ފޭރިގެންފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޒާހިރު އެގޮތަށް ވިދާޅުވީ ދަނޑުވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް މިއަދު ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޒާހިރު ވިދާޅުވީ ގދ. ގެ ފަޅު ރަށެއް ކަމަށްވާ ގަން، ގދ. ގައްދޫގެ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އަންނަމުން ވައުދުވެ އެ ވައުދު ނުފުއްދަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރައީސް އޮފީހުން އެގްރޯ ނެޓަށް ގަން ދިނީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބިންތައް ފޭރުމެވެ.
“ގައްދޫ ރައްޔިތުންގެ ބިން މި ސަރުކާރުން ދަމައިގަނެ ފޭރިގަތީ. ނަމަވެސް ވައުދުވީ ރައްޔިތުންގެ ވެލްތު ރައްޔިތުންނަށްދީ ރައްޔިތުން ކުރާ މަސައްކަތް ކުރިއަރުވާނެ ފުރުސަތު ދީ ހޯދައި ދޭނަމޭ ކިޔައި ވެރިކަމަށް އައީ. ކައުންސިލް އަދި ރައްޔިތުންގެ ވިސްނުން ނެތީއެއް ނޫން ގަމަށް. ބައިވަރު ވިސްނުން އެބަހުރި. އެހެން ނަމަވެސް އެ ވިސްނުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނަމޭ ކިޔައި މަކަރު ހަދައި ގަން އަތުލާފަ އެއޮތީ” ޒާހިރު ވިދާޅުވިއެވެ.
މެމްބަރ ޒާހިރު ވިދާޅުވީ އެ މީހުންގެ ވިސްނުން ހުރީ ދަނޑުތައް އަމިއްލަކޮށް ގެސްޓު ހައުސް ވިޔަފާރި އެތަނުގައި ހިންގާ އެހެން ސިނާއީ މަސައްކަތްތައްކޮށް ހިންގުން ކަމަށެވެ. ނަމަވެސް އެއީ ގައްދޫ ރައްޔިތުންގެ މުސްތަގުބަލާއި ތަރިކަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒާހިރު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތައް ވެގެންނެވެ. އޭގެ ތެރޭގައި މަސްވެރިންނާއި، ދަނޑުވެރިންނާއި، އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމާއި އަދި މަރުތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދު ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން ނަމަވެސް އެއިން އެއްވެސް ވައުދެއް ނުފުއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

