ރޯދަމަހަކީ ރަޙުމަތުން ފުރިގެންވާ މަހެކެވެ. ރޯދިބަރަކާތް އިތުރުވުން އެއީ މި މަހަށް ލިބިގެންވާ އެއް ސިފައެވެ. ކާނާއަކީ މާތް ﷲ ދެއްވާ ނިޢުމަތެކެވެ. ރޯއްޖެކެވެ. ބަރަކާތެކެވެ. ކައިބޮއި ހެދުމުގައި އިސްރާފު ނުކުރުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾(الأعراف: ٣١) މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.”
ރޯދަމަހުގައި ރޯދިބަރަކާތް އިތުރުވަނީ އެއިން އިސްރާފު ކުރުމަކަށް ނޫނެވެ. އެހެން މަސްތަކުގައި ކައިބޮއި އުޅޭ މިންވަރާ އަޅާ ކިޔާއިރު ރަމަޟާންމަހު، ކެއުމުގެޙަރަކާތްތައް އޮންނާނީ ނިސްބަތުން ވަރަށް މަދުކޮށެވެ. ރޯދަވީއްލުމާއި ހާރުކެއުން އެކަންޏެވެ.
ރޯދަމަހުގެ އެއް ބޭނުމަކީ ބަނޑުހައި ހޫނުކަން ތަޙައްމަލުކުރާ ނިކަމެތިންގެ އިޙުސާސްތައް ދެނެގަނެ، އެބައިމީހުންނާމެދު އޯގާތެރިވުމަށް ހަނދާންކޮށްދިނުމެވެ. މިއަދު އަޅުގަނޑުމެން ހިފާ ރޯދައިން މި ދެންނެވި މަޤްޞަދު ޙާޞިލް ވަނީ ކިހާވަރަކަށް ބާއެވެ؟
އަޅުގަނޑުމެންގެ ސުފުރާތައް މަތިން ދުނިޔޭގެ ތަނަވަސްކަމާއި ކެއުމުގެ ފޯރިނޫން އެއްޗެއް ނުފެނެއެވެ. މަޙްރޫމީންނާއި ނިކަމެތިންގެ ޒިކުރެއް ނުކުރެވެއެވެ. ދުވާލުގެ ވަގުތު ތަކުގައި ލިބޭ ހައިހޫނުކަން ކިޔައިދޭހާ ވެސް އެއްޗަކީ އަނގަޔަށް މީރު ކާނާތައް ތައްޔާރުކުރާނެ ގޮތެވެ.
ރޯދައިގެ ކަރުހިއްކުމާއި، ގޮހޮރަށް ލިބޭ ލުއިކަން ފިލުވާލުމަށް ގިނަ ޢަދަދެއްގެ ކާނާ ތައްޔާރުކޮށް އެ ތަކެއްޗަށް އިންސާފުކުރަން ކިތަންމެ ބޭނުންވިޔަސްއެކަމެއް ނުވެއެވެ. ބަންގީގެ އަޑާއެކު ދެތިން ސުވާ އަނގަޔަށް ލުމުން ބަނޑުފުރި، ހަމަޖެހެއެވެ. ދިޔާ އެއްޗެއް ބޮއެފިނަމަ އިތުރަށް ކާނެ އެއްވެސް ޖާގައެއްނޯވެއެވެ. ކެއްކިހައި އެއްޗެއް އިސްރާފުވެގެން ދަނީއެވެ. ގަދަކަމުން ކައިފިނަމަ ދެން ވެސް ވަނީ އިސްރާފެވެ.
ރޯދަމަހުގެ ޙަޤީޤީ މަޤްޞަދުކަމުގައިވާ ތަޤުވާވެރިވުމަށް އެޅޭ ހުރަހެއް ކަމުގައި ނޫނީ މި ކަންކަން ނުވެއެވެ. މި މަހުގެ މަންޒިލަކަށް ވާންވާނީ ނިކަމެތިންގެ ޙާލަތުދެނެތިބެ، އިސްރާފުން އެއްކިބާވެ، ތަޤުވާވެރިކަން އިތުރު ކުރުމެވެ. މިކަންކަން ޙާޞިލު ނުވާނަމަ، ނުކައި ނުބޮއެ ތިބުމުގެ ބޭނުމެއް ނެތެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل ދީނުގެމަގު ، އަހަރު :1 އަދަދު:17

