"ނާފް ދަނީ މިވަގުތު އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ނިއުމޯނިއާއަށް ފަރުވާ ހޯދަމުން"
މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެދެމައިންނަށް ލިބޭ ދަރީންކަން ޔަޤީނެވެ. އާއިލާ އަށް އިތުރު ކުއްޖަކު ލިބުމަކީ މުޅި އާއިލާ އަށް ލިބޭ ބޮޑު އުފަލެކެވެ.
ނަމަވެސް މި އުފާވެރިކަން ދަރިފުޅު އުފަންވާ ވަގުތު ހިތާމައަށް ބަދަލުވެ އުފަލަށް ހުރަސްއެޅި މުޅި ހަޔާތް ބަނެވެ ގޮތްހުސްވެ މާޔޫސްވެގެންދާ އެތައް މަންމަ އަކާއި ބައްޕައެއް އެބަތިއްބެއެވެ. ކުއްޖާ އުފަންވުމުގެ ތެރޭގައި ދިމާވާ މައްސަލަތަކެއްގެ ސަބަބުން ނުވަތަ ޤަރުބަ ގަންނަ ދުވަސްވަރުގެ ދިމާވާ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ތުއްދު ދަރިފުޅު މަރާއި ހަނގުރާމަ ކުރަން ޖެހުމަކީ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ވޭނެކެވެ. މިފަދަ މައިންބަފައިން ގޮތްހުސްވެ، މާޔޫސްވެ މުޅިން އަންމަތި ދަތިވެ އާންމުންގެ އެހީ ވަރަށްވެސް ބޮޑަށް ބޭނުންވެއެވެ.

ހއ. ބާރަށަށް އުފަން އިސާމާ ދާއޫދު އަދި މުޙައްމަދު ޠާހާ ޢަބްދުލްކަރީމް 3 ވަނަ ދަރިފުޅު އުފަންވާން ވާއިރަށް ދެމެފިރިން ދިޔައީ ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންނެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ސާމާނު ހޯދައި ޤަވާއިދުން ޑޮކްޓަރަށް ދައްކައި ހަދަންޖެހޭ ޓެސްޓްތަކާއި އެއްޗެހި ހަދަމުންނެވެ. ދަރިފުޅަށް ބަލިވެ އިނދެ އިސާމާ ދާޢޫދު 9 މަސް ދުވަސް ހޭދަ ކުރީ އެހެން މާބަނޑު މީހުންނާ އެއް ފަަދަޔަކުންނެވެ. 9 މަހާ ހަމައަށް ބަނޑުގައިވާ ތުއްތު ދަރިފުޅު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނަމުންއައެވެ.
2022 ވަނަ އަހަރު ޖެނުއަރީ މަހު 2 ވަނަ ދުވަހު އުފަންވި މި ދެމަރިންގެ ދަރިފުޅު ނާފް މުޙައްދު ޠާހާ އުފަންވި ވަގުތަކީ މިދެމަފިރިންގެ ކުރަމުންއައި އުންމީދު ހިއްދަތި މާޔޫސް ކަމަށް ބަދަލުވެގެން ދިޔަވަގުތަކަށެވެ. ދަރިފުޅު ވިހެއުމުގެތެރޭގައި ސްޓްރޯކެއް ޖެހި މި ލޯބި ދަރިފުޅުގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އިމަޖެންސީގައި ފަރުވާ ދޭން ޖެހުނީ އެވެ.
ނާފް މުޙައްމަދުގެ ބައްޕަ ޠާހާ ހުވަދޫ މީޑިއާއާއި އޭނާގެ ދަރިފުޅުގެ ވާހަކަ އަސަރާއިއެކު ހިއްސާކުރަމުން ކިޔައިދިނީ، ހުޅުމާލެ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ބޭބީ ނެގީކަމަށެވެ. އޭގެ ފަހުން ދަރިފުޅުގެ ހަރަކާތް މަދުވެ ހޮސްޕިޓަލްގެ ކެއާ ޔުނިޓްގައި ފަރުވާ ދިނުމަށްފަހު އައީޖީއެމްއެޗް އައިސީޔޫއަ ބަދަލުކުރީއެވެ. އައިޖީއެމް ހޮސްޕިޓަލްއިން އާއިލާ އަށް އެންގީ ވިހެއުމުގެ ތެރޭގައި ސުޓްރޯކެއްޖެހި ސިކުނޑިއަށް ލޭ އެޅުނީ ކަމަށެވެ. އެހެންވެ އެމަޖެންސީގައި އޮކްސިޖަނާއި އެކު ދަރިފުޅު އިންޑިއާ އަށް ފޮނުވިއެވެ.
ނާފް އަށް ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ފެބުރުއަރީގެ 24 ވަނަ ދުވަހަށް އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައެވެ.
ނާފްގެ ބައްޕަ ޠާހާ މަޢުލޫމާތް ދިންގޮތުގައި މިހާތަނަށް ދަރިފުޅުގެ ފަރުވާއަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފިޒިއޮތެރަޕީ ހެއްދިއިރު އަތް ތަންތަން ކުޑަކޮށް ހިއްލާލާކަމަށެވެ.
ދަރިފުޅަށް ދެނީ ހަމައެކި ކިރު ކަމަށާއި 3 ގަނޑިން 3 ގަނޑިން ކިރު ދެނީ ދަރިފުޅުގެ ބަނޑަށް ލައްވާފައިވާ ހޮޅި ކޮޅަކުންނެވެ. އެއީ ހަމަހުން، ހަމަހުން ބަދަލު ކުރަންޖެހޭ ހޮޅި ކޮޅެކެވެ. އެހެންވެ ރާއްޖެއިން ހޮޅި ކޮޅު ނުލިބޭތީ ކުރީބައިގަ ރާއްޖެއިން ބޭރުން ހޮޅި ކޮޅުވެސް ގެނެސްފައިވާ ކަމަށެވެ. މިހެން ކާންދިނުމުގެ ސަބަބުން ކަރުތެރޭގައި ދަވަހެދި ވަރަށްބޮޑަށް އިންފެކްޝަން އުފެދޭކަމަށް ޠާހާ ކިޔައިދިނެވެ.
ދަރިފުޅުގެ ހަރަކާތްތަށް މަދުވުމުގެ ސަބަބުން ހަފްތާއަކު ތިން ފަހަރު ޓްރީޓޮޕް ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލްއިން ދަނީ ފިޒިއޮތެރަޕީ ދެމުންނެވެ.
ނިމިދިޔަ މާރިޗް މަހު ނާފް ރޯގާޖެހި ނޭވާލުމަށް އުނދަގޫވެ ގިނައިން ހޮޑުލާތީ ޑޮކްޓަރަށް ދެއްކުމަށް އަޖީއެމްއެޗް އަށް ދިޔުމުން ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައިވަނީ ނިއުމޯނިޔާޖެހިފައެވެ. އެހެންވެ މިހާރު ނާފް އަށް ފަރުވާދެމުންދަނީ އަޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
ނާފްގެ ބައްޕަ ޠާހާ ކިޔައިދިން ގޮތުގައި " ނިމިދިޔަ ޑިސެމްބަރު މަހު އަސްލު ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް އިންޑިޔާއަށް ދާން ބުނެފައޮތީވެސް. އެކަމަކު މާލީ ހާލަތު ތަންނުދޭތީ ނުދެވިފަ މިތިބީ. މިހެންތިއްބާ ދަރިފުޅު ނިއުމޯނިޔާޖެހި ފަރުވާ ދެމުންއެދަނީ. އަސްލު ވީގޮތަކީ ޗުއްޓީ ހަމަވެ ނޯޕޭ ނަގައިގެން އުޅެން ޖެހުމުގެ ސަބަބުންނާއި އެކު އަށްމަތި ދަތިވީ. ދެން ޗުއްޓީ ލިބެންއޮތީ އަންނަ މޭމަހު. އެކަމަކުވެސް ދަރިފުޅު ހާލަތު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް އިންޑިއާ އަށް ފުރާނަން " އަސަރާއި އެކު ޠާހާ ކިޔައިދިނެވެ.
މި އާއިލާއިން އެދެނީ ނާފްގެ ހާލަތު ރަނގަޅުވުމުން އިންޑިއާ އަށް ފުރުމަށް ތިބޭފުޅުންގެ ދީލަތި އެހީއަކަށެވެ. އާއިލާ އަށް އެހީތެރިވުމަށް އިތުރު މައުލޫމާތު ސާފު ކުރުމަށް ގުޅާނީ ދަރިފުޅުގެ ބައްޕަ މުހައްމަދު ޠާހާ އަބްދުލްކަރީމް 7996005
ދަރިފުޅާއި ބައްޕަގެ ޖޮއިންޓް އެކައުންޓް ނަންބަރ:
7730000513870
"ހުވަދޫ މީޑިއާ"ގެ ދުއާއަކީ ނާފްއަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.

