ނަމާދަކީ ދުނިޔަވީ ހިތާމަތަކުން މިންޖުވެ، ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިއްބައިދޭ އަޅުކަމެކެވެ. އަދި އެއީ، މުއުމިނުންގެ މިޢްރާޖެވެ. ނަމާދަކީ އެންމެހައިނުރައްކާތަކާއި ބިރުވެރިކަމުން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައެވެ. އަދި އެފަދަ އެންމެހައި ނުރައްކާތަކުން މުއުމިނުން ސަލާމަތްކޮށްދޭ ކިއްލާއެވެ.
حُذَيْفَةُ بْنُ الْيَمَانِ رَضِيَ الله عَنْهُ ވިދާޅުވިއެވެ. “كَانَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ إِذَا حَزَبَهُ أَمْرٌ صَلَّى” (أبو داود: 1319) މާނައީ: “ކީރިތިރަސޫލާ صَلَّى الله عَلَيْهِ وَسَلَّم އަށް ބޮޑު ކަމެއް ކުރިމަތިވެ ވަޑައިގެންފި ނަމަ، ނަމާދަށް އަވަސްވެވަޑައިގަންނަވައެވެ.” މި ކަމަށް މުއުމިނުންނަށްއަމުރުކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވާފައިވަނީ “ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ!” (البقرة: ٤٥)
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ﷲ ގެ ޙަޟްރަތުން ވާތްގަށް އެދި ދެންނެވެއެވެ. އެއީ، ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ (سورة الفاتحة: ٥). މި އާޔަތްކިޔެވޭ އިރު އެވެ. މާނައީ: “އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.”
އިސްވެދިޔަ ވާހަކަތަކުން އެނގެނީ، ނުރައްކާތަކާއި ބިރުވެރިކަމާއި، ހިތާމަތަކުން ތަސައްލީ ހޯދުމުގައި ނަމާދުގެ ދައުރުގެ މުހިއްމުކަމެވެ. މިކަންކަންނޭނގޭ ނަމަ، ހިތާމަތަކާއި މުޞީބާތުގެ ވަގުތުތަކުގައި އަތުންފައިން ގޯސްހެދި، ދިރިއުޅުމުން އުއްމީދު ކެނޑި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލެވޭހިސާބަށް ކަންތައްތައް ގޯސްވެގެން ހިނގައިދެއެވެ.
އަދި ހަމަ އެހެންމެ، ނަމާދަށް ރައްކާތެރިވުމަކީ އާޚިރަތްދުވަހުގެ ރައްކާތެރިކަމާ މެދު ޔަޤީންކަން ބޮޑުވެގެންދާ ކަމެކެވެ. މިކަން، ﷲ تعالى ގެ އަންނަނިވިވަޙީގެ ބަސްފުޅުން ދޭހަވެއެވެ. ﴿وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ (٣٤) أُولَٰئِكَ فِي جَنَّاتٍ مُّكْرَمُونَ (٣٥)﴾ (المعارج). މާނައީ: “އަދި، އެއުރެންނީ،އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ.”
އެހެންކަމުން، ކީރިތި ރަސޫލާ صَلَّى الله عَلَيْهِ وَسَلَّمَ ގެ އަރިއަހުގައި އެންމެ ހެޔޮ ޢަމަލަކީ ކޮބައިތޯ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. “الصَّلاَةُ عَلَىوَقْتِهَا” މާނައީ: “ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.”
ނަމާދުން ލިބޭ ރޫޙާނީ ފައިދާތަކުގެ ތެރެއިން އަނެއް ފައިދާއަކީ، ނަމާދު ކުރާ މީހާގެ ފާފަ ފޮހެވި، އޭނާގެ ދަރަޖަ މަތިވެރިވެގެން ދިއުމެވެ. މިކަމުގެ ދަލީލަކީ: عَنْ أَبِيْ هُرَيْرَةَ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ؟” މާނައީ: “އެކަމެއްގެސަބަބުން ފާފަތައް ފޮހެވި ދަރަޖަ މަތިވެރިވެގެންދާނެ ކަމެއް، ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް ދައްކަވަން ހެއްޔެވެ؟” قَالُوا بَلَى يَا رَسُولَ اللهِ، އެބޭކަލުން ދެންނެވިއެވެ. “އޭ، ﷲގެ ރަސޫލާއެވެ! އަންގަވައިދެއްވާށެވެ!” قَالَ: “إِسْبَاغُ الْوُضُوْءِ عَلَى الْمَكَارِهِ وَكَثْرَةِ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِبَعْدَ الصَّلاَةِ، فَذَلِكُمُ الرِّبَاطُ.” (رواه مسلم) ޙަދީޘްކުރެއްވިއެވެ. “އެއީ، ފިނީގެ ސަބަބުން ނުވަތަ ވުޟޫގެ ގުނަވަންތައް ފާރުވެފައި ހުރުމުގެ ސަބަބުންވުޟޫގެ ގުނަވަންތަކުގައި ފެން ޖައްސަން އުނދަގޫ ޙާލަތުގައި ވެސް ފުރިހަމައަށް ވުޟޫކުރުމާއި، ގިނަގިނައިން މިސްކިތަށް ދިއުމާއި، އެއް ނަމާދަށްފަހު އަނެއްނަމާދަށް އިންތިޒާރު ކުރުމެވެ. ނަފުސު ކޮންޓްރޯލްކޮށް ހިފެހެއްޓުމަކީ އެއީއެވެ.”
މައުލޫމާތު:الشَيْخ حَسَن لَطِيْف مُوسَى/ދީނުގެމަގު:އަދަދު 50

