ދިވެހި ރާއްޖޭގެ ރަށެއްގައި،، އެރަށުން އުކާލާލެވޭ ހުރިހާ ކުނި ތަކާއި އެތަނުން އަރާމުންދާ ވިހަ ދުމާއި އަދި އެކުނިގޮނޑުން އުފެދޭ ކުނި މެހިތަކާއެކު ދިރިއުޅެމުން އަންނަކަން އެއްވެސް ބަޔަކަށް އިނގޭ ހެއްޔެވެ؟
ސިޓީ އެއްގެ ދަރަޖަ ހޯދުމަށް ފޫގަޅައިގެން ތިބި ބަޔަކު ތިބި ގދ ތިނަދޫގައި ދިރިއުޅޭ ކަމަށް ލަފާ ކުރެވޭ 10 ހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދަނީ ބޮޑު ކުނި ގޮނޑެއްގެ ތެރޭގައެވެ. ތިނަދޫ މެދުތެރެޔަށްވާ ގޮތަށް އޮންނަ ކުނިގޮނޑުން އެފެދެމުން އަންނަ ފުޅައާއި ކުނި މެހިތަކާއި ވިހަ ކެމިކަލް އުފެދޭ ޒާތުގެ އެއްޗެއްސާ އުކާލާ ހުރިހާ އެއްޗެއް ޖަމާކޮށް ފުނިފުންޏަށް ޖަމާ ކުރަމުންދާ އެ ކުނިގޮނޑުގެ އުނދަގޫލާއި ވޭނުގައި ތިނަދޫ ގެ ރައްޔިތުން އުޅެމުން އަންނަތާ މިހާރު މިވަނީ 20 އަހަރު ވެފައެވެ.

ހިނގަމުންމިދާ ބަރަކާތްތެރި ރޯދަމަހުގައިވެސް ތިނަދޫގެ ރައްޔިތުން އުޅެންޖެހިފައި މިވަނީ މި ދެންނެވި ޙާލަތުގައިއެވެ. ވިހަ ދުން ތަކާ މުޅަ މެހި ތަކުގެ ތެރޭގައެވެ.
ތިނަދޫ ގެ ކުނި ގޮނޑުގެ ވާހަކަ މިދެންނެވި ބީދައިން ބުނަން ޖެހުނު ސަބަބުތައް ވެސް މިރިޕޯޓުގައި އަޅުގަނޑު އަލިއަޅުވާލާނަމެވެ.
ރަށުގެ ކުނިކޮއްޓާ އިންވެގެން 25 ވަރަކަށް ފޫޓު ކައިރިން މީހުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ ސަބަބުން ރަށުގެ ބޮޑު އާބާދީގެ ބޮޑުބައެއް ދަނީ އެހިސާބުގައި ވަޒަންވެރި ވަމުންނެވެ.
ކުނިކޮނޑާއި ޖެހިގެން އިރުމަތީގައި އިންވެގެން އޮތީ ރަށުގެ ނަލަނަލަ ޤުދުރަތީ ކުޅިއެވެ. ތިނަދޫ ކައުންސިލުން މިހާރު އަންނަނީ ނޭޗަރ ޕާކެއްގެ ގޮތުގައި ކުޅި ތަރައްޤީ ކުރުމަށްޓަކައި ތައްޔާރު ވަމުންނެވެ. ތަފާތު ދޫނި ތަކާއި އެކިކަހަލަ މަސްތައް ގެނެސް ކުޅީގައި އާލާކޮށް އެތާގައި ރީތި ފިނި މައިޒާންތައްހަދާ މަސައްކަތްތަކެއް ކުރެވެމުން އެބަގެންދައެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އެތަކެއް އާއިލާތަކެއް ކުޑަކުޑަކުދިން ގޮވާއިގެންގޮސް އެމާހައުލުގައި އެތައް ވަގުތެއް ހޭދަކުރަމުން ގެންދައެވެ.

ކުޅީގެ އުތުރަށް އޮތީ ރަށުގެ ނަރުދާ ނިޒާމު ބަލަހައްޓަން ހަދާފައިހުރި ނަރުދަމާ ސްޓޭޝަނެވެ. ކުނިގޮނޑުގެ އިރުމަތިފަރާތުގައިވާ ބިން ދޫކުރެވެފައިވަނީ ސިނާޢީ މަސައްކަތް ކުރާ ބިންތަކެއްގެ ގޮތުގައެވެ.
ކުނި ކޮށީގެ އުތުރަށް އޮތީ ތިނަދޫ އާރު.ޑީ.ސީ ގެ ސައިޓެވެ. އެތަން އޮތީ ހަމަ ކުނިކޮނޑާ އިންވެގެންނެވެ. ދެންނެވެން އޮތީ އެއީ ހަމަ ކުނި ގޮށީގެ ބައެއް ކަމުގައެވެ.
ރަށުގެ އުތުރު ފަރާތުން ހިއްކާފައިވާ 52 ހެކްޓަރުގެ ބިމުގައި ފުރަތަމަ ބިނާ ކުރެވޭ ފުލެޓް އެޅުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރު ވެފައިވަނީވެސް ކުނިކޮއްޓާ މާދުރުނޫން ހިސާބުގައިކަން ފާހަގަ ކޮށްލަމެވެ. މިހާރު ރޭވިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިޔަށް ގެންދާނަމަ ކުނިގޮނޑު ބިނާކުރެވިފައި މިވަނީ ސީދާ ރަށުގެ މެދުތެރެއަށް ވާގޮތަށެވެ.
އެސަރަހައްދުގެ ގޭތަކުގައި ދިރިއުޅެމުން ގެންދާ މިހުންނާއި އެސަރަހައްދުގެ މިސްކިތައް ނަމާދަށްދާ މީހުންނާއި އެތައް ސަތޭކަ ދަރިވަރުން ކިޔަވަމުންދާ ޕްރައިމަރީ ސްކޫލުގެ ދަރިވަރުން އުޅެން ޖެހިފައިމިވަނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ މިއަޑު އަހާނެ ބަޔަކު އެބަ ތިބި ހެއްޔެވެ؟

ތިނަދޫގެ ބިމުގެ މާސްޓަރ ޕުލޭން މިގޮތުގައި ރޭވިގެން ކުރިޔަށް ގެންދާނަމަ ކުނިގޮނޑު ވެގެންދާނީ ރަށުގެ ހުޅަނގު އުތުރާ ހުޅަނގު ދެކުނަށް އޮންނަ ވިހަ ގޭސް ފަތުރާދޭ ކާރުޚާނާ އެއްގެ ގޮތުގައެވެ. މުޅި ރަށަށް ބަލި ފަތުރާދޭ ބަލި ކޮއްޓެއްގެ ގޮތުގައެވެ.
އެސަރަޙައްދުން ދުވާ ފުޅަ ކުނިވަހާއި ކުނި މެހީގެ އުނދަގޫ ބޮޑުވެ އެސަރަޙައްދުގެ ގެތަކުގައި ދިރިއުޅެމުން ގެންދާ މީހުންނަށް ކާއްއެއްޗެއް ކެވޭވަރެއް ނުވެއެވެ. އަބަދުވެސް އުޅެން ޖެހިފައިވަނީ ޖަލެއްގައި ބަންދުވެ ތިބޭގޮތައް ގޭގެ ދޮރުތައް ލައްޕާލައި ގެންނެވެ. ވިހަ ކެމިކަލް ދުމުގެ ސަބަބުން ކޮންމެ ދުވަހަކު އެމީހުންގެ ފުއްޕާމޭ ދަނީ އަންދަމުންނެވެ.ނުރައްކާތެރިކަން އިންތިހާ އެވެ.
ރެޔާއި ދުވާލު އެކި ވަގުތުތަކުގައި ކުނިތައް އަންދާލުމުން އެއަރާ ދުމާއިއެކު އުފެދެމުންދާ ކަޅު ވިހަ ދުންތަކުން ރަށުތެރެ އޮންނަނީ ތަޣައްޔަރުވެ ދުމުން ބަނަވެފައެވެ. ބައެއް ފަހަރު ނޭވާ ލާންވެސް އުނދަގުލެވެ. މި މަންޒަރު އަލަށް ފެންނަ މީހަކަށް ސިފަވެގެން ދާނީ ތިނަދޫގެ ގެތަކުގައި އާލިފާން ރޯވެގެން އުޅޭހެނެވެ.

ތިނަދޫގެ މި މައްސަލައަށް ޙައްލެއް ލިބޭތޯ ރައްޔިތުން އެކި ގޮތްގޮތައް މަސައްކަތް ކުރަމުން އަންނަތާ މިހާރު މިވަނީ ވިހި އެކާވީސް އަހަރު ވެފައެވެ.
އެކަމަކު ހިތާމަޔާއެކު ދެންނެވެންއޮތީ މިކަމަށް ހައްލެއް ލިބުމުގެ އެއްވެސް ކަހަލަ ގޮތެއް ހޯދިފައި ނުވާކަމެވެ.

