މިއަދު މި އޮތީ ސުވާލެކެވެ. ރެޔާއި ދުވާލު އަޅުގަނޑުމެންނަށް މި ލިބޭ 24 ގަޑިއިރު ހުއްޓައިނުލައި އަޅުކަން ކުރެވިދާނެތޯއެވެ؟ މި ސުވާލަށް އެކި ބޭފުޅުން ދެއްވާނީ އެކި ޖަވާބުކަން ޔަޤީނެވެ. އަޅުގަނޑު ވެސް މި ސުވާލަށް ޖަވާބެއް ދެވޭތޯ މަސައްކަތް ކުރާނަމެވެ.
އަޅުގަނޑުގެ ޖަވާބަކީ؛ “24 ގަޑިއިރު އިންސާނަކަށް ހުއްޓައިނުލައި އަޅުކަށް ކުރެވިދާނެ!” އެވެ. މި ބަސް މި ބުނީ ވަރަށް ބާރުލާފައެވެ. ޔަޤީންކަމާ އެކުއެވެ. އަވަސް އަރުވާނުލައި އިހަށް މަޑުކޮށްލައްވާށެވެ! އާދޭހެވެ! ތިބާގެ ހިތަށް އަރައިފާނެއެވެ. 24 ގަޑިއިރު ތެރޭ ޤަޟާ ޙާއްޖަތް ނުކޮށް ހުރެވޭނެ ހެއްޔެވެ؟ ނުކައި ނުބޮއި ހުރެވޭނެ ހެއްޔެވެ؟ ނުނިދާ އުޅެވޭނެ ހެއްޔެވެ؟ އާމްދަނީ ނުހޯދައި ދިރިއުޅޭނީ މި ޒަމާނުގައި ކިހިނެއް ހެއްޔެވެ؟ އަދި ކޮބައިހެއްޔެވެ. ކައިވެނި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ހުރިހާކަމެއް ކޮށްފައި 24 ގަޑިއިރު އަޅުކަށް ކުރަނީ ކިހިނަކުން ހެއްޔެވެ؟
ތިޔަ ހުރިހާ ސުވާލެއް ޚުދު އަޅުގަނޑުގެ ހިތަށް ވެސް އެބަ އަރައެވެ. ލޮބުވެތި އަޚުންނޭވެ! ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ކުރަންވީ ހަމަ އެކަނި ކަމަކީ “އަޅުކަން” މި ލަފުޒާ މެދު އަޅުގަނޑުމެން ވިސްނާ ވިސްނުން ކުޑަކޮށް ބަދަލުކޮށްލުމެވެ. ނުވަތަ އެ ލަފުޒު ކަންފަތުގައި ޖެހުމުން ސިކުނޑީގައި ތިޔަ ކުރަހާ ތަޞްވީރު ކުޑަކޮށް ތަފާތު ކޮށްލުމެވެ. އެކަން ކުރާނީ ކިހިނެއްތޯ ސުވާލު އުފެދޭނަމަ އަންނަނިވި ޕެރެގްރާފު ކިޔާލާށެވެ!
ހަދީޘުގައި ވާތީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑު އަހަމުއެވެ؛ “ހިނިތުން ވުމަކީ ޞަދަޤާތެކެވެ.” “މީހުންނަށް އުދަނގޫވާ ގޮތަށް މަގުމަތީގައި ހުންނަ ތަކެތި އެއްފަރާތް ކުރުމަކީ ޞަދަޤާތެކެވެ.” “ހެޔޮ ބަހެއް ބުނުމަކީ ޞަދަޤާތެކެވެ.”
“ޞަދަޤާތަކީ” އަޅުކަމެއްކަމާ މެދު އެއްވެސް ދެ މީހަކު ދެ ބަހެއް ނުވޭ ނޫން ތޯއެވެ؟ އެހެންވީމާ، އަޅުކަމުގެ މާނައަކީ މާފުޅާ އެއްޗެއްކަން މި ޙަދީޘްތަކުގެ އަލީގައި އެބަ ދޭހަވޭ ނޫންތޯއެވެ؟ އާދޭހެވެ! އެއީ ﷲ އާއި އެއިލާހުގެ ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ރުއްސަވާ ކޮންމެ ބަހެއް ނުތަވަ ޢަމަލެކެވެ. އެއީ ހިތާއި ދުލާއި އަދި އެހެން ގުނަވަންތަކުން އެކަން ކުރި ކަމަށް ވިޔަސް މެއެވެ.
އަޅުގަނޑުމެން ވެސް “އަޅުކަން” މި ގޮތަށް މާނަކޮށްފިނަމަ 24 ގަޑިއިރު އަޅުކަން ކުރެވޭނެ ނޫންތޯއެވެ؟ އެހެނީ ﷲ އާއި އެއިލާހުގެ ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم އެ ވަނީ އިންސާނާގެ ޙަޔާތުގައި ކަންތައްތައް ކުރާނޭ ހުރިހައި ގޮތެއް އަންގަވައިދެއްވާފައެވެ.
ކެއުމާއި ބުއިމާއި ނިދުމާއި ވިޔަފާރިކުރުމާއި ކައިވެނިކުރުމާއި ސަރުކާރު ހިންގުމާއި މުނިފޫހި ފިލުވަން ދަތުރު ދިއުމާއި މި ހުރިހައި ކަމެއް ވެސް ކުރާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި، މާތް ﷲގެ ރުއްސެވުން އެދިގެން ހެޔޮ ނިޔަތުގައި ކުރާނަމަ އެ ކުރެވެނީ އަޅުކަމެވެ.
ވީމާ 24 ގަޑިއިރު ހުއްޓައިނުލައި އަޅުކަށް ކުރެވޭނެއެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ނިޔަތް ސީދާ ކޮށްގެން މި ލިޔުންކޮޅު ކިޔުމަކީ ވެސް ހަމަ އަޅުކަމެއްކަން ކަށަވަރެވެ.
މައުލޫމާތު:الشَّيْخ مُجْتَبَى حَمِيْد / ދީނުގެމަގު(19 މާރޗް 2021)

