ދިމިގްރާތީ ނިޒާމަކަށް ގައުމު ބަދަލުވަމުން ފައްކާވަމުން ދަނީއެވެ. ކަމަކަށް ފަހު ކަމެއް ކުރަމުން އައިގޮތްތަކަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު އަންނަނީއެވެ. 2008 ވަނަ އަހަރުން ފެށިގެން، އައު ނިޒާމަކަށް ގައުމު ބަދަލުވެ،ޒަމާންވީ ވެރިކަމެއް ނިމި “ރައީސުލް ޖުމްހޫރިއްޔާ” އޭ ކިޔައި ނަމުގެ ފަހަތަށް އިތުރުކޮށްލާނޭ އައުނަމެއް ލިބި، އެ ޒަމާންވީ ނިޒާމު ދޫކޮށް، ފަހުގެ ނިޒާމަށް ބަދަލު ވެއްޖެއެވެ. އޭގެ ފަހުން ތިންވަނަ ދައުރެއްވެސް ނިމެން ކައިރިވަނީއެވެ. ގައުމަށް ވެސް ގިނަގުނަ ތަރައްގީ، އެކި ވެރިކަންތަކުގެ ތެރެއިން ގެނެވިއްޖެއެވެ. ކޮންމެ ވެރިކަމަކުންވެސް އަންނަނީ، ކުރީގެ ވެރިކަމަށް ވުރެ ކުޅަދާނަ ވެރިކަމެއް ކުރާނެ ކަމުގެ އަހުދު ކަށަވަރު ދެމުންނެވެ.
ކޮންމެއަކަސް އެންމެ ރަނގަޅުތާއެވެ. ގައުމަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކީ ރައްޔިތުން އެކަމަކުން އުފާ ލިބިގަންނާނެ ކަމެކެވެ. ކޮންމެ ތަރައްގީއަކީ ރައްްޔިތުންނަށް ފަސޭހަތަަކާއި ހިންހަމަޖެހުން ގެނުވާނެ ކަންތަކެވެ. ހަސްފަތާލާއި ބްރިޖެވެ. ތާރު މަގުތަކާއި، އިންޖީނުގެތަކެވެ. އެއަރޕޯޓާއި ޖެޓީ ފާލަމެވެ. ފެނުގެ ނިޒާމު ތަކާއި ނަޖިސް މެނޭޖް ކުރާ ނިޒާމުތަކެވެ. ސްކޫލުތަކާއި މިސްކިތްތަކާއި ޒުވާނުންގެ މަރުކަޒުތަކެވެ. ހައްތާވެސް ރައްޔިރުންނަށްޓަކައި ރައްޔިތުން ވޯޓުދީގެން ހޮވި ވެރިންތަކެއް، ރައްޔިތުންގެ ފައިސާއިން އުޖޫރަ ނަގައިގެން ރައްޔިތުންގެ މާލިއްޔާއިން ޚަރަދު ކޮށްގެން ކުރާ ކަންތަކެވެ. ރައްޔިތުން އުފާވަނީ އަދި ފަޚުރުވެރިވަނީވެސް ހަމަ އެހެންވެއެވެ. އެ ރައްޔިތުންގެ އަމިއްލަ ފައިސާއިން އަމިއްލަ ކަންތައް ކުރެވި އެ ކަންތައް ކުރި މީހުންގެ ގައިން ދާފޮދު ހިކުމުގެ ކުރިން އެ ބަޔަކަށް މުސާރަ ދެވޭތީއެވެ.
އާދޭހެވެ. ކޮންމެ ފަސް އަހަރަކުން އަންނަ ރިޔާސީ އިންތިޚާބަކަށް ބޯމަތިވުމުން އަބަދުވެސް މި ގައުމުގެ ވެރިންނަށް އަދި ސިޔާސީ އެހެނިހެން ބޭފުޅުންވެސް ރައްޔިތުން ގާތަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން އާދެއެވެ. އަދި ތިމަންނާމެން މިވެނި އެވެނި ކަމެއް ކުރާނެ ކަމަށާއި ނުވަތަ ތިމާމެން ވެރިކަމުގައި ތިބިއިރު މިވެނި އެވެނި ކަމެއް ކޮށްދިން ކަމަށް ބުނަމުން “ބައިސާ ފަތިވަރު” އަމުނަން ފައްޓައެވެ. ރައްޔިތުން ހެއްލުމަށްޓަކައި ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެއެވެ
މީގެ އެންމެ މޮޅު ތަންކޮޅަކީ އެކި ފިކުރުތަކުގެ ލީޑަރުންގެ، ނުވަތަ އެމީހުންގެ ވެރިކަންތަކުގެ މޮޅުކަމާއި ހެޔޮކަމުގެ ވާހަކަ ދެއްކުމަށްޓަކައި ދައުލަތުން ރައްޔިތުންގެ ފައިސާއިން އުޖޫރަދީފައި ތިބޭ ބަޔަކު، އެ ބައެއްގެ ވެރިކަންތަކުގެ ހެޔޮފުޅު ކަމުން ރައްޔިތުންނަށް މާ ގިނަ ކަންތަކެއް ކޮށްދޭކަމަށް ދައުވާ ކުރާކުރުމެވެ. އެބައެއްގެ ވެރިކަމުގައި ގައުމުގެ އެކި ދާއިރާތަކުން ކުރެވިފައިވާ އެކި އެކި ކަންކަމުގެ ވާހަކަ ޕޯޑިއަމްތަކަށް އަރާ ދައްކާއިރު މިވަރު ހެޔޮފުޅު ސައުދާގަރަކު މިދުނިޔެ ދެކެފައިނުވާހެންވެސް ބައެއް ފަހަރު ހީވެއެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ، މި ދެންނެވި ވެރިންނަކީ އަޅުގަނޑުމެން ރައްޔިތުން ކައިރީ ސަލާން ޖެހުމުމުގެ އިތުރަށް، ތިމަންމެނަށް މިފަދަ ފުރުސަތެއް ދީފި ނަމަ ، އެވެނި މިވެނި ކަންތަކެއް ކޮށްދޭނެ ކަމަށް ބުނެ ވަޢުދުތަކެއް ވެގެން އައިބައެއް ކަމެވެ. އަދި ހަމަ އެއާއެކު އަޅުގަނޑުމެން ރައްޔިތުން އެ ބަޔަކާއި ގައުމުގެ ކަންކަން ކުރުމުގެ މަސައްކަތް ޙަވާލުކުރީ، އެކަމަށް ކަނޑައެޅިފައިވާ އުޖޫރައާއި، އަދި މަސައްކަތް ކުރަން ބޭނުންވާ އާލާތާއި، އިންސާނީ ވަޞީލަތާއި، އެ އެންމެހައި ކަންތައް ކުރުމަށް ބޭނުންވާނޭ ފައިސާވެސް ދީފައިކަމެވެ.
އެއްވެސް ކަމެއް އަޅުގަނޑުމެން ރައްޔިތުން އެމީހުންނަކަށް މަދެއް ނުކުރާކަމެވެ. އިތުރަށް ބޭނުންވެއްޖެ ޙާލަތެއްގައި، އަހަރުމެންގެ ހަރުމުދާ ރަހުނުކޮށްފައި ދަރަންޏަށްވެސް ފައިސާ ހޯދާފައި އެމީހުންނަށް އަޅުގަނޑުމެން ރައްޔިތުން ދެމެވެ. ވެރިޔަކު ނުވަތަ ވެރިކަމަކުން، ހެޔޮފުޅުކަމުން، ލިﷲ އަށްޓަކައި އެއްވެސް ކަމެއް ނުކުރާކަމެވެ. ފިޔަވަޅުވެސް ތިޔަ އަޅަނީ ހަމަ އަހަރުމެން އަތުން އުޖޫރަ އަތުލައިގެންނެވެ. ނިދަނީވެސް އެކަމަށް އަަގު ނަގައގެންނެވެ.
ވީއިރު ތިޔަ ކަލަގޮވުން ހުއްޓާލައްވާށެވެ. އެއްވެސް ވެރިޔަކީ އަދި ވެރިކަމަކީ، ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަމެއް ކޮށްދޭ ބައެއް ނޫންކަން ރައްޔިތުންނަށް މާ ރަނގަޅަށްވެސް ވިސްނޭނެއެވެ. ވެރިކަމުގައި ކުރެވޭ އެއްވެސް ކަމަކީ، އެކަމެއް ކުރި ވެރިޔަކުވެސް އަދި ބަޔަކުވެސް ކަލަ ގޮވުމަށް ފުރުސަތު ލިބޭނެ ކަމެއް ނޫނެވެ. ތިޔަ ކަލަގޮވުން ހުއްޓަލާށެވެ.

