ގދ.ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެރަށުގެ އެކި ސަރަހައްދު ތަކުގައި ދީނީ މެސެޖް ބޯޑުތައް ހަރުކޮށްފިއެވެ.
ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދިން ގޮތުގައި ތިނަދޫގެ އެކި ސަރަޙައްދު ތަކުގައި ހަރުކުރި ދީނީ މެސެޖް ބޯޑު ތަކަކީ، “އިސްލާމް ދީނުގެ ކަންކަމަށް ލޯބިކުރާ ދީނީގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުން” މި ޝިޢާރުގެ ދަށުން އެ ކޮމެޓީގެ މިއަހަރުގެ އެކްޓިވިޓީ ޕްލޭންގައިވާ ގޮތަށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެއްކަމަށެވެ.
ތިނަދޫ ޑަބްލިއުޑީސީ އިން ރަށުގެ އެކި ސަރަޙައްދުގައި ދީނީ މެސްޖް ބޯޑުތައް ހަރުކުރުމަށް ތިނަދޫ ކައުންސިލްގެ އަމަލީ އެހީތެރިކަން ލިބިފައިވާ ކަމަށް ޑަބްލިއުޑީސީއިން ބުނެއެވެ.
ތިނަދޫ ޑަބްލިއުޑީސީ ފާހަގަ ކުރެވިފައިވަނީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރުމުގެ އިތުރުން ތިނަދޫގެ އިޖްތިމާޢީ ކަންކަމުގައި އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތް ކުރާކޮމެޓީއެއްގެ ގޮތުގައިއެވެ.
ދީނީ މެސެޖް ނުވަތަ ރިވެތި އަޚްލާގުގެ ނަސޭހަތުގެ ބޯޑުތަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމަކީ ވަރަށް ގިނަ ރަށްރަށުން ކުރަމުންދާ ކަމެކެވެ.
އެކަމުގެ ސަބަބުން ވަރަށް ރަނގަޅު ނަތީއްޖާއެއް މުޖްތަމަޢުގެ ތެރެއިން ފެނުމުގެ އިތުރުން ކުޑަކުދިންނަށްވެސް މަންފާކުރުވަނިވި ކަމަކަށް އެ ބޯޑުތަށް ވެގެން ދެއެވެ. ކުޑަ ޚަރަދަކުން ރަނގަޅު ޖީލެއް ބީނާ ކުރުމުގެ މުހިންމު ރޯލެއް މިފަދަ މަސައްކަތްތަކުން އަދާކުރެއެވެ.

