ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީގެ އެންމެ މަގުބޫލު އެއް ލަވަ "ތޭރާ ޗެހްރާ"، އިންޑިއާގެ ކުޑަ ކުއްޖަކު ކަމަށްވާ ޖައިނިލް ބަތުޔަލް ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
ޖައިނިލްގެ ހިތްގައިމު އަޑުން ގިނަ ބައެއްގެ ސަމާލުކަމުގެ އިތުރުން މިއުޒިކަށް ލޯބިކުރާ މީހުންގެ ތައުރީފު ވެސް ވަނީ ލިބިފަ އެވެ. މިދިޔަ މަހު ޝެއާކުރި މި ވީޑިއޯ އަށް މިހާތަނަށް 2.7 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ.
ޖައިނިލް އަކީ ކުޑަކުއްޖެއްގެ ގޮތުގައި "ގުލާބީ އާންކޭން" ލަވަ ކިޔާ ވީޑިއޯއެއް މިދިޔަ އަހަރުވެސް އާންމުވުމާ ގުޅިގެން ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ކުއްޖެކެވެ. ޖައިނިލްގެ ލަވަކިޔުމުގެ ވީޑިއޯތަކަށް ހާއްސަ އިންސްޓަގްރާމް އެކައުންޓެއް ހަދާފައި އެބަހުއްޓެވެ. އާ މިއުޒިކް ވީޑިއޯތަކާ އެކު އޭނާގެ އެކައުންޓް އަޕްޑޭޓް ކުރަމުން ދެއެވެ.
އޭނާގެ އެންމެ ފަހުގެ ކްލިޕްގައި ފެންނަނީ ރާނީ މުކަރްޖީ އާއި އަދުނާން ސާމީ އަމިއްލައަށް ޕިކްޗަރައިޒްކޮށްފައިވާ "ތޭރާ ޗެހްރާ" މި ލަވަ ކިޔާއިރު ޖައިނިލް ޕިއާނޯ ކުޅޭ މަންޒަރެވެ.
ގިނަބަޔަކު ޤަބޫލު ކުރާގޮތުގައި ޖައިނިލްގެ ލަވަކިޔުމުގެ މުސްތަޤުބަލް އޮތީ ވަރަށް އުޖާލާކޮށެވެ. އޭނާގެ އެ ހުނަރުން ބޮލީވުޑްގައި އޭނާ ފިޔަ ޖަހާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ.

