ކެންސަރާއި ، ސްޓްރޯކް ނުވަތަ އަބަދު ފިޓް ޖެހުން ފަދަ ބޮޑެތި ބަލިތަކަކީ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ވޭންދެނިވި ކަމެކެވެ. ހިތާމަ އާއި ހިތްދަތިކަމާ މާޔޫސްވުން އިންތިހާއަށް އޮންނަ ކަމެކެވެ. އެފަދަ ބަލި ތަކުގައި ދިގު މުއްދަތަކަށް ފަރުވާ ހޯދަމުންދާ އެތައް މިލިޔަން މީހުން މި ދުނިޔޭގައި އުޅޭއިރު މިފަދަ ބަލިތަކުގައި އުޅޭ ކުޑަ ކުދިންނަށް ކިހާ އަސަރެއް ކުރާނެތޯއެވެ. ވޭނާ ތަކުލީފުގެ ވާހަކަ ކިޔައި ނުދެވިގެން އެ ހިތްތަކަށް ކުރާނެ އަސަރު އިޙުސާސް ކުރަން ފަސޭހަ ނުވާނެ އެވެ. އަދި ހަމަ އެހެންމެ އެ ބަލިން ފަރުވާއެއް ނުލިބި ފަޤީރު ކަމާއި ނިކަމެތި ކަމުގައި އުޅޭ އެތައް ކުދިންނެށް މި ފަނާކުރަނިވި ދުނިޔޭގައި އެބަ އުޅެއެވެ.
ގދ މާމެންދޫ ގައި ދިރިއުޅޭ އުމުރުން 7 އަހަރުގެ ހުޛައިލް ބިން ހޫދު އަބްދުޣަފޫރު އަކީ އޭނާގެ އުމުރުން އެންމެ 4 އަހަރުގައި ފިޓް ޖެހެން ފަށައިފައިވާ ފިރިހެން ކުއްޖެކެވެ. ފިޓް ޖެހޭ ކޮންމެ ފަހަރަކު ސިކުނޑި އާއި ހަށިގަނޑުގެ އެހެނިހެން ގުނަވަން ތަކަށް އެތައް ގެއްލުމެއް ލިބިގެން ދާއިރު ދުވާލަކު ތިން ހަތަރު ފަހަރު ފިޓް ޖެހެމުން އުމުރު ހޭދަވާނަމަ އެއީ ވަރަށް ނުރައްކާތެރި ޙާލަތެއް ކަމަށް ވިސްނާ ފިކުރު ހިންގާލި ކޮންމެ މީހަކަށް ވެސް ކަށަވަރު ވާނެއެވެ.

ހުޛައިލްގެ ދިރިއުޅުމާއި ޙާލަތު އޭނާގެ މަންމަ ގެ ދުލުން
ގއ ކަނޑުހުޅުދޫ އަށް ނިސްބަތްވާ ވަފާ އަބްދުﷲ އޭނާގެ 3 ދަރިން ގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު، ހުޛައިލް ގެ ވާހަކަ ހުވަދޫ މީޑިއާ އާއި ހިއްސާ ކުރަމުން ބުނީ ދަރިފުޅު ފުރަތަމަ ފިޓް ޖެހުނީ ހުޅުމާލޭ ގައި ދިރިއުޅުނު ގޭގެ ގޯތި ތެރޭގައި ކުޅެން ހުއްޓާ ކަމަށާއި ފުރަތަމަ ފަހަރު އެހެންވި ކަމުގައި ވިޔަސް ފަރުވާ ކުޑަ ނުކޮށް ޑޮކްޓަރަށް ދައްކާ ބޭސް ފަރުވާ ފެށި ކަމަށެވެ. ނަމަވެސް އޭގެފަހުން މާ ގިނަ ދުވަހެއް ނުވެ އަނެކަކާ ވެސް ފިޓްޖެހެން ފެއްޓި ކަމަށާއި މިފަހަރު ޖެހެނެ ފެއްޓި ދުވާލަކު ދެތިން ފަހަރު ކަމަށެވެ. އެހެންކަމުން އެ އީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ބަލައި ދަރިފުޅު ގޮވައިގެން އިންޑިއާ އަށް ގޮސް ބޭސްފަރުވާ ކުރުމަށް އެތައް ދުވަހަކު އުޅެން ޖެހުނުކަމަށެވެ. އަމްރިތާ ހޮސްޕިޓަލް ގައި ފަރުވާ ކުރުމަށް މަސައްކަތް ކުރުމުން އެތަނުގެ ޑޮކްޓަރުން ބުނީ ހުޛައިލްގެ ސިކުނޑީގައި ފިޓް ޖެހެނީ އެކި ހިސާބުން ކަމަށެވެ. އެހެންކަމުން އެއް އޮޕަރޭޝަންކުރުން ރަނގަޅެއް ނުވާނެ ކަމަުގައެވެ.

ޑޮކްޓަރުންނާ އެ ޖަވާބާއެކު މުޅި އާއިލާ އަށް ވެސް ލިބުނީ މާޔޫސްކަމެއް. ވަރަށް ދެރަވި، އެކަމަކު ކީއް ކުރާނީ. ދެން އައީ ރާއްޖެއަށް " މާމެންދޫ މީހަކާ އިނދެގެން އިތުރު 2 ކުދިންނާ އެކު މިހާރު މާންމެންދޫ ގައި ދިރިއުޅެމުން އަންނަ ވަފާ ބުންޏެވެ.
ފިރިމީހާގެ ރަށަށް ދިރިއުޅުން ބަދަލު ކުރުމަށް ފަހު އެންމެ ބޮޑު ސަމާލު ކަމެއް ދިނީ ކުދިންނަށެވެ. ކުދިންގެ ކިޔެވުމަށެވެ. ޚާއްޞަކޮށް ހުޛައިލް އަށެވެ. ނަމަވެސް އެ މައުސޫމް ގެ ބަލި ޙާލު އިންނަ ގޮތުން ސްކޫލް ގެ ކިޔެވުން ރަނގަޅު ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. ކޮންމެ ވަގުތަކީވެސް ފިޓް ޖެހި އޭގެ ނުރައްކާތެރިކަން އިޙްސާސް ކުރަން ޖެހޭ ވަގުތެކެވެ. ދުވާލަކު އެތައް ފަހަރަކު ފިޓް ޖެހޭ ފަހަރު ވެސް އާދެ އެވެ.
" މި ފަހަކަށް އައިސް ފިޓް ޖެހޭ ކަން ނުވެސް އިނގޭ. ވަރަށް ސަމާލު ވެ އަބަދު ދަރިފުޅަށް ބަލަން ނެތިއްޔާ ނުވެސް އިނގޭ. ދެން އެހެން ވެފަ ރަނގަޅު ވުމުން ވާހަކަ ނުދައްކާ އެއް ދިމާއަކަށް ބަލައިގެން އޮވެދާނެ އެތައް އިރެއް ވަންދެންވެސް. ވަރަށް ދެރަވެ އެފަދަ ވަގުތު" ފިރިމީހާ އަށް ލިބޭ އާމްދަނީ އިން ހިތްވަރާއެކު ދިރިއުޅުން ދެކޮޅު ޖެއްސޭތޯ މަސައްކަތް ކުރަމުންދާ ވަފާ އަސަރާއި އެކު ކިޔައި ދިނެވެ.
އުމުރުން 27 އަހަރުގައި 3 ކުދިންގެ މަންމަ އަށް ވުމުގެ ބުރަ މަސްޢޫލިއްޔަތު އަދާ ކުރެވޭތޯ މަސައްކަތް ކުރަމުންދާ ވަފާ އާއި ފިރިމީހާގެ އެންމެ ބޮޑު ފިކުރަކީ ހުޛައިލް އެވެ. އެ ތުއްތު ކުއްޖާ ސިއްޚީ ޙާލަތުގެ ވާނުވާ އެންގުމަށް ކުރަން ޖެހޭ ދަތުރާއި އޭގެ ޚަރަދެވެ.

ހުޛައިލް މަންމަގެ އުނގުގައި ބޯ އަޅާލައިގެން: މަންމަ އާއި އެކު މިހާރު ދިރިއުޅެނީ ގއ މާމެންދޫ ގައި
ހުޛައިލް ޙާލަތު މިހާރު ހުރި ގޮތާއި ދެން ކުރަން ޖެހޭ ކަމެއް ބެލުމަށް ވަފާ ދަތުރު ކުރަން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އިންޑިއާ އަށެވެ. އެއީ އަތުން އެތައް ޚަރަދެއް ހިގާ ކަމެކެވެ.
މިއަދު ހުޛައިލް އެދި ގޮވަނީ ދީލަތި ފަރާތަކުން ދެވި ދާނެ އެހީ އަށެވެ. އެ މައުސޫމް ގެ މުސްތާޤްބަލް ގެ އުންމީދު ގެ ފެހި ސިގްނަލް ލިބުނަސް ދާއިމީ ރަތް ސިގްނަލް އޮތީ ﷲގެ އިރާދަ ފުޅާއި މިންވަރު ފުޅާއެކު ސަލާމަތުގެ އެހީ ދޭ ފަރާތުގެ އަތް މަތީގައެވެ. މި ބަރަކާތްތެރި ރަމަޟާން މަހަށް ފަހު ހުޛައިލް އިންޑިއާ ގެންދެވޭތޯ ހުޛައިލްގެ މަންމަ އާއި ދޮންބައްޕަ ކުރަމުންދާ މަސައްކަތް ވެވެން އޮތް މިންވަރަކުން އެހީ ވެ ދެއްވުމަކީ އުފަލެއް ކަމުގައި ދެ ކޭށެވެ. ހެޔޮ މަގުގައި ކުރާ ހޭދަ އަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.
ހުޛައިލް ގެ ޙާލު ބަލައި މައުލޫމާތު އޮޅުންފިލުވުމަށް 7669254 ވަފާ އަބްދުﷲ(ދަރިފުޅުގެ މަންމަ) ގުޅުއްވާ. އެހީއެއް ވެދެއްވަން ބޭނުންފުޅު ނަމަ މި އެކައުންޓް ނަންބަރަށް ޖަމާ ކުރައްވާ.
MVR 7730000221369
ވަފާ އަބްދުﷲ(ދަރިފުޅުގެ މަންމަ)
7730000127953 USD
ފާތިމަތު ވަހީދާ (ދަރިފުޅުގެ މަންމަފަރާތު މާމަ)
ހުޛައިލް ބިން ހޫދު އަބްދުޣަފޫރު އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

