އިންސާނާއަށް ލިބާސް ޝަރުޢުކުރެއްވީ އެ ކަމުގައި އެތައްއެތައް ޙިކުމަތަކާއި ފައިދާއެއް ލައްވާފައެވެ. އަޢުރާފް ސޫރަތުގެ 26ވަނަ އާޔަތުގައި މާތް ﷲވަޙީކުރެއްވިއެވެ. “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެތިޔަބައިމީހުންނަށް ދެއްވީމެވެ.” މިއީ އިންސާނާ، އުނުއޮރިޔާން ނިވާކުރުމަށް ލިބާސް ދެއްވުމުގެ ޙިކުމަތެވެ. މީގެ އިތުރުން ވެސް ފިންޏާއި ހޫނުންރައްކާތެރިވުމާއި ޒީނަތްތެރިވުމަކީ ވެސް ލިބާސް ދެއްވުމުގެ ބައެއް ޙިކުމަތެވެ. އަދި ސަބަބެވެ.
އިންސާނާއަށް ލިބާސް ދެއްވުމުގެ އެންމެ އިސް ޙިކުމަތަކީ ޢައުރަ ނިވާކުރުން ކަމާ މެދު ޝައްކެއް ނެތެވެ. ފިރިހެނެއް ކަމުގައި ވިޔަސް މެއެވެ. އަދި އަންހެނެއްކަމުގައި ވިޔަސް މެއެވެ. އެހެނަސް މި ސިލްސިލާގެ މައުޟޫޢަކީ އަންހެނުންގެ ލިބާހެވެ. އެ ލިބާސް އެތައް ކަމެއް ބުނެދެއެވެ. އިސްލާމްދީނަށް އޭނާ ބޯލަނބާމިންވަރެވެ. ﷲ تعالى އަށް އޭނާ ކިޔަމަންތެރިވާ މިންވަރެވެ. އެއިލާހު ދެކެ ލޯބިވާ މިންވަރެވެ. އޭނާގެ އިއްފަތްތެރިކަމެވެ. މައިންބަފައިންގެ ތަރުބިއްޔަތެވެ. ބައްޕައާއި ފިރިމީހާގެ ޣީތަރްތެރިކަމެވެ.
އަންހެނުންގެ ހެދުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބެހެއްޓުމުން އެތައްއެތައް ފައިދާއެއް ލިބެއެވެ. ފަރުދީގޮތުން އޭނާއަށެވެ. އަދި ޖަމާޢީގޮތުން މުޅިމުޖުތަމަޢަށެވެ. އޭނާއަށް އެއީ ޙިމާޔަތުގެ އައްޑަނައެކެވެ. ގިނަގުނަ ފިތުނަތަކާއި ފަސާދައިން ސަލާމަތްވުމުގެ އެއް މަގެވެ. ސިއްޙީގޮތުން ލިބޭ އެތައް ފައިދާއެއްގެއިތުރުންނެވެ. މުޅި މުޖުތަމަޢަށް ބަލާނަމަ އެއީ، ޝައިޠާނާގެ ފަސާދައިގެ ދޮރުތަކުގެ ތެރެއިން ދޮރެއް ބަންދު ކުރުމަށް ވެވޭ ބޮޑު އެހީއެކެވެ.
އަންހެނާ ބޭރުތެރެއަށް ނުކުމެ އުޅޭއުޅުމުގައާއި ކައިވެނި ހެޔޮނުވާ ފިރިހެނުން ކުރިމަތީގައި އަޅާ ހެދުމުގެ ޝަރުޠުތައް ޢިލްމުވެރީންވަނީބަޔާންކޮށްދެއްވައިފައެވެ. އެއީ އޭނާގެ ހަށިގަނޑު ނިވައިވާ ހެދުމެއް ކަމުގައިވުމެވެ. ތުނިކަމުން ގައިގެ ކުލަ ބަޔާންވާ ހެދުމެއް ކަމުގައި ނުވުމެވެ. ބާރުކަމުންހަށިގަނޑުގެ ވަނާތައް ފާޅުވާ ހެދުމެއް ކަމުގައި ނުވުމެވެ. އޭގައިވާ ޒީނަތުގެ ސަބަބުން، ލޯތަކުގެ ސަމާލުކަން އޭނާއާ ދިމާއަށް ހުއްޓޭ ފަދަ ހެދުމެއް ކަމުގައިނުވުމެވެ. ފިރިހެނުންނަށް ޚާއްޞަ ހެދުމެއް ކަމުގައި ނުވުމެވެ. އަދި އެހެން ދީންތަކުގެ އަހުލުވެރީންނަށް ޚާއްޞަ ހެދުމެއް ކަމުގައި ނުވުމެވެ.ހިލޭ ފިރިހެނުންގެކުރިމަތީގައި އަންހެނާ ނިވާކުރަން ޖެހޭ މިންވަރު ބަޔާންކުރައްވައި ނޫރު ސޫރަތުގެ 31ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. “އަދި މުޢުމިނު އަންހެނުންނަށްއެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެ ކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެ ކަނބަލުންގެ ޒީނަތުގެ ތެރެއިންފާޅުވެގެންވާތަން ފިޔަވައި އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެ ކަނބަލުންގެ ބުރުގާތައް، އެ ކަނބަލުންގެ ކަރުވަޅުމަތީގައިއަޅައިނިވާކުރާހުށިކަމެވެ!”
މޫނާއި ދެ އަތްތިލަ ފިޔަވައި އަންހެނާގެ މުޅި ހަށިގަނޑަކީ، ހިލޭ ފިރިހެނުން ކުރިމަތީގައި ޢައުރަ ކަމަށް އިސްލާމީ ހުރިހައި ޢިލްމުވެރީން އިޖުމާޢުވެލައްވައެވެ. ހަމައެހެންމެ، އަންހެނާއަށް އެންމެ ރައްކައުތެރި، އަދި މޮޅުއިތުރު ގޮތަކީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މުޅި ހަށިގަނޑު ފޮރުވުން ކަމާ މެދު ވެސް އެ ބޭކަލުންގެމެދުގައި ޚިލާފެއް ނެތެވެ. ފަހެ، ޟަރޫރީ ޙާލަތެއްގައި މެނުވީ އަޢުރައިގެ އެއްވެސް މިންވަރެއް ކަޝްފުކުރުން ހުއްދައެއް ނޫނެވެ.
އަޅުގަނޑުމެންގެ މަންމާފުޅާއި ބައްޕާފުޅު ސުވަރުގެއިން ނެރެލުމަށް ޝައިޠާނާ ބޭނުންކުރި އުކުޅަކީ އެ ދެ ބޭފުޅުންގެ ޢައުރަ ކަޝްފު ކުރުވުން ކަމަށްވީހިނދު، އޭނާގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްވެ، އިސްލާމީ ގިއުގަނޑުން ލިބާސްލުމަށް ކޮންމެ ކަނބަލަކު ވެސް ޢަޒުމު ކަނޑައަޅުއްވަމާތޯއެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
މައުލޫމާތު: الشَّيْخَة عَائِشَةُ رِيْـمَا / ދީނުގެމަގު ، އަދަދު 58

