މުރަނގަ ފަތަކީ ޕްރޮޓީންގެ ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ. މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
މުރަނގަ ފަތަކީ ވިޓަމިން ސީގެ ވެސް ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 57.7 މައިކްރޯގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ދުރުކޮށްދީ، ތަފާތު ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ. މުރަނގަ ފަތުގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެތެރެއިން ގިނަ ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ. މުރަނގަ ފަތުގައި ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެއެވެ. މުރަނގަ ފަތުގައި ކެލްސިއަމް، ދަގަނޑު، ކޮޕަރ، މެންގަނީޒް، މެގްނީޒިއަމް، ޒިންކު، އަދި ސިލެނިއަމް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގައި ލޭރަގަޅުކޮށްދޭ މާއްދާ އެކެވެ. މުރަނގަ ފަތުގައި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ލޭމަދުވެފައިވާ މީހުން އާދަކޮށް ކެއުމަށް ބޭނުންކުރެވިދާނެ ފަތެކެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުމުން ދުރުކޮށްދީ، ކަށިތައް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ޒިންކަކީ މަނި އުފެއްދުމަށާ، ހަމާއި، އިސްތަށީގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މައުދަނެކެވެ. މުރަނގަ ފަތް ބޭނުންކުރުމުން ލިބިދާނެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ބަނޑުގައި ހެދޭ ފާރު ފަސޭހަވުމަށް އެހީތެރިވުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދިނުން، ހުޅުތަކުގެ ރިހުން ލުއިކޮށްދިނުން، ހަމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން، އަދި ތަފާތު ބަލިތަކުން ދިފާޢުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މުރަނގަ ފަތުގެ ކޮންމެ 100 ގްރާމް ގައި
މުރަނގަ ތޮޅިއާއި، މުރަނގަ ފަތަށް ރިއާޔަތްކުރާއިރު :
- ޕްރޮޓީން : ޔޯގަޓުގައި ހުންނަ ވަރަށްވުރެ 2 ގުނަ އިތުރަށް ހުރެއެވެ.
- ޕޮޓޭސިއަމް : ދޮންކޭލުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ. ·
- ކެލްސިއަމް : ކިރުގައި ހުންނަ ވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ. ·
- ވިޓަމިން އޭ : ކެރެޓްގައި ހުންނަވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ. ·
- ވިޓަމިން ސީ : އޮރެންޖުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
މުރަނގަ ތޮޅި، އަދި މުރަނގަ ފަތުގައިވާ ބައެއް ޚާއްޞަކަންތައްތައް :
- 92 ނިއުޓްރިއެންޓް އެކުލެވިގެން ވެއެވެ.
- 46 އެންޓިއޮކްސިޑެންޓް ހުރެއެވެ.
- 36 ދުޅަތިރިކޮށްދޭ މާއްދާ ތައް ހުރެއެވެ.
- 27 އެމިނޯއެސިޑް ހުރެއެވެ.
- ދިފާއީ ބާރު ރަގަޅުކޮށްދޭ އެވެ.
- ލޭދައުރުވުން ރަގަޅުކޮށްދެއެވެ.
- ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
- ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
- އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދެއެވެ.
- ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވެއެވެ.
- ހަޖަމު ރަގަޅުކޮށް ދެއެވެ.
- ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.
- ހަމަށް މަޑުކަމާ އޮމާންކަން ގެނެސްދެއެވެ.
- އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދެއެވެ.
- ހަށިގަނޑުގައި އެކި ހޯރމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދެއެވެ.
- މާބަނޑު މީހުން މުރަނގަ ތޮޅިއާއި ފަތް ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.
- ޖަރާސީމު މަރައި ނައްތާލުމުގެ ބާރު ލިބިފައި ވެއެވެ.
- ގުރުދާއާއި، މޭގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
އަޅުގަނޑުގެ އިތުރު ލިޔުންތައް: ޞިއްޙަތު ބްލޮގް

