މާދަމާ އަކީ ފަރެސްމާތޮޑާ އެއަރޕޯޓަށް 1 މަސް ވާ ދުވަހެވެ. ފަރެސްމާތޮޑާ ގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ތަކަގައި ކުލަ ޖެހިގެން ދިޔަ ދުވަހެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް އޮޕަރޭޝަނަށް އައުމަކީ، އެއަރޕޯޓް އެރަށަކަށް ނިސްބަތްވާ ފަރެސްމާތޮޑާ ގެ ތަރައްޤީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފަރެހާއި މާތޮޑާ އެއްފަސް ކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ފެއްޓެވި މަސައްކަތަށް ފަހު ލިބުނު ތަރައްޤީގެ ބޮޑެތި ކުރިއެރުން ތަކުގެ ތެރެއަށް ނިމިގެން ދިޔަ ރައީސް ޔާމީން އަބްދުލް ގައްޔޫމް ފެއްޓެވި ޕްރޮޖެކްޓް މި ސަރުކާރުން ލަސް ނުކުރައްވާ ނިންމާލއްވި ކަމީ އެރަށުގެ އުދަރެހުން އެރި ތަރައްޤީ ގެ ރަންދޯދި ތަކެއް ފަދަ ކަމެކެވެ.
އެއަރޕޯޓް ހުޅުވުމާއެކު ރައްޔިތުންގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމާއި ލިބިގެން ދިޔަ ހިތްހަމަޖެހުމަށް މިއަދު މިވަނީ އިތުރު ދިރުމެއްގެ ފެހި ސިގްނަލް ރަތް ސިގްނަލަށް ބަދަލުވެފައެވެ. ގދ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި 18 ބިމެއް ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާ އެކަން ވަނީ އިޢުލާން ކޮށްފައެވެ.ބިމުގެ ބޮޑުމިނުގައި 10،000 އަކަފޫޓްގެ ގެ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނިން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ތަރައްޤީކުރި ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ވާހަކަ ދައްކަވަމުންރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހަންމަދު ރިޒްވީ ވަނީ، ފަރެސްމާތޮޑާ އެއާޕޯޓަކީ ހަމައެކަނި 1200 މީޓަރުގެ ތާރުގަނޑެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއާޕޯޓް ކައިރީގައި އެކި ކަންކަމަށް ބޭނުން ކުރެވިދާނެ ގުދުރަތީ މުއްސަނދި ކަން ހުރި ބިން އެބައޮތް ކަމަށެވެ.
މީޑިއާ ތަކައް މައުލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވެފައި ވަނީ ރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ހުޅުވާލި މި ފުރުސަތާއިއެކު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޓޫރިޒަމް ދާއިރާއިން ކުރިއަށްދިޔުމަށް ފަހިވެގެންދާނޭކަމަށެވެ.
ފަރެސްމާތޮޑާ އާއި އެއް ފަށެއްގައި ވާ 5 ފަޅުރަށް ކަމުގައިވާ ކަންޑައްދުއާ ، ހަޑައިދުއާ ، ދޫނިރެހާ ، ކާޅެ ހުއްޓާ އަދި މާރެހާ ހިއްކައިގެން ތަރައްޤީ ކޮއްފައިވާ އެއަރޕޯޓް ގެ އެކި ސަރަހައްދުތަކުން ގެސްޓްހައުސް ހިންގުމަށް ބިން ދޫކުރުމަށް ހުޅުވާލާފައި ވާއިރު ގިނަ ބަޔަކު މި ކަމަށް ޝައުޤުވެރިކަން ހުންނާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ފަރެސްމާތޮޑާ ގެ ތަރައްޤީގެ އުދަރެހުން އަރާނެ އިތުރު ދޯދިތަކެއް ކަން ޔަޤީނެވެ.

