ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. ﷲُ سُبْحَانَهُ وَتَعَالَى މީސްތަކުން އުޅެންވީ ގޮތް ބަޔާން ކުރައްވަން ރަސޫލުން ފޮނުއްވަވައި، ފޮތް ބާވައިލައްވަތެވެ. އެފޮތް ތަކުގައި މީސްތަކުންނަށް ގެއްލުންވާ އެންމެހައި ކަންކަމުން ދުރުވެ ތިބުމަށް ނަސޭހަތްތެރިވެ އިރުޝާދު ދެއްވަތެވެ. އަދި ހަމަ އެހެންމެ،އިންސާނުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގެ ވާހަކަ ވެސް އެ ފޮތް ފޮތުގައި ބަޔާން ކުރައްވައި އަންގަވަތެވެ.
ކޮންމެ ނަބިއްޔަކާއި ރަސޫލެއް ދުނިޔެ ދޫކޮށް ވަޑައިގަތުމަށްފަހު، މިފަދައިން ބާވައި ލެވޭ ފޮތްފޮތުގައިވާ އިރުޝާދުތަކާއި މީސްތަކުން ދުރުވެ ފޭއަށް ދާންފެށުމުން، އަނެއްކާ ވެސް އެހެން ނަބީބޭކަލުންތަކަކާއި ރަސޫލުބޭކަލުން ތަކެއް ފޮނުއްވަވައި އައު ފޮތަކާއި އައު ޝަރީޢަތެއް ބާވައިލައްވަތެވެ. މިސިސްލިލާގެތަރުތީބުން އެންމެ ފަހުން ބާވައިލެއްވިފައިވާ ފޮތަކީ ކީރިތި ޤުރްއާނެވެ.
އެ ޤުރްއާނަކީ މުޙައްމަދު صَلَى اللهُ عَلَيْهِ وَسَلَّمގެ މައްޗަށް ބާވައިލެވިފައިވާ ޝަރީޢަތެވެ. އޭގެ ފަހުން އިތުރު ފޮތެއް އައުމެއް ނުވާ، އިންސާނިއްޔަތަށް ފޮނުވޭރިސާލަތު ޚަތަމްވާ މި ފޮތުގެ މާތްކަން އެހެން ހުރިހާ ފޮތެއްގެ މައްޗަށް ކުރިހޯދައެވެ. ސަމާވީ ދީންތަކުގެ ގޮތުގައި ދުނިޔޭގައި ބަލައިގަންނަ ކޮންމެ ދީނެއްގެކޮންމެ ފޮތަކުން ވެސް ކީރިތި ޤުރްއާނާއިގެން، މިއުއްމަތުގެ މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ފާޅުވާނެކަމުގެ ހެކިތައް ފެންނަށް ހުރެއެވެ. އެ ދީން ތަކުގެފޮތްތަކަކީ އެ މީހުންގެ އަތްތަކުން ބަދަލު ކޮށްފައިވާ ފޮތްތަކެއް ކަމުގައި ވާޙާލު ވެސް މިދެންނެވި ހުއްޖަތް އެ ފޮތްފޮތުން ބޭރުވެފައި ނުވާކަމީ ކީރިތި ޤުރްއާނުގެމަތިވެރިކަމާއި މާތްކަން ހާމަވާ ހެއްކެކެވެ.
ޤުރްއާނަކީ މާތް މަތިވެރި އިލާހެއްގެ ޙަޟްރަތުން އައި ފޮތެއްކަމާއި، އެ ފޮތް ރައްކާތެރި ކޮށްދެއްވާނީ އެ އިލާހުކަން ބަޔާން ކުރައްވަމުން ﷲ سُبْحَانَهُ وَتَعَالَىވަޙީކުރައްވަނީ ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ (الحجر: ٩) މާނައީ: “ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަން ރަސްކަލާނގެއެވެ. އަދިހަމަކަށަވަރުން، ތިމަން ރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާ ހުށީމެވެ.”
މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

