އަންހެނުން ތަރާވީޙް ނަމާދު ކުރުމުގައި އެންމެ ރަނގަޅީ ކޮންގޮތެއް ހެއްޔެވެ؟ “އަންހެނާ މިސްކިތުގައި ކުރާ ނަމާދަށް ވުރެ، އޭނާ ގޭގައި ކުރާ ނަމާދު ހެޔޮކަންބޮޑެވެ. އެއީ ފަރުޟު ނަމާދުވިޔަސް، ސުންނަތް ނަމާދު ވިޔަސް (ތަރާވީޙް ނަމާދު ވިޔަސް) މެއެވެ.” (ލަޖްނާގެ ފަތުވާ ތެރެއިން)
ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “އަންހެނާއަށް އެންމެ ރަނގަޅީ ގޭގައި ތަރާވީޙް ނަމާދުކުރުމެވެ. ނަމަވެސް މިސްކިތަށް ދިއުމަކީ އޭނާއަށް ނަމާދު ކުރުމަށް އިތުރު ހިތްވަރަކާއި ނަމާދުގައި ޝައުޤުވެރިކަން އިތުރުވާ ކަމެއް ނަމަ، އަދި ގޭގައި ނަމާދު ކުރަން މަޑުކޮށްފިނަމަ ތަރާވީޙް ނަމާދު ނުކުރެވިދާނެކަމުގެ ބިރުހީވާނަމަ އޭނާއަށް އެންމެ ރަނގަޅީ މިސްކިތަށް ދިއުމެވެ.”
މިސްކިތަށް ދިއުމުގައި، އިސްލާމީ ރިވެތި ފޭރާމުން ނިވާވާންޖެހޭނެއެވެ. އަދި ސެންޓުގެ ވަސް ފާޅުވާނެހެން ޖަހައިގެން ދިއުން ހުއްދަވެގެންނުވެއެވެ. ހަމަ އެހެންމެ ފިރިމީހާ ނުވަތަ ބަލަދުވެރިޔާގެ އިޒްނަ ހޯދަންވާނެއެވެ.
ޝެއިޚް އިބްނު ޢުޘެއިމީން رحمه الله ވިދާޅުވިއެވެ. “ގޭގައި ތަރާވީޙް ނަމާދު ކުރާއިރު އަންހެނުންގެ ޖަމާޢަތެއް ހަދައިގެން އަންހެނަކު އިމާމުވެ ނަމާދު ކުރުމުގައި މައްސަލައެއްނެތެވެ. އަދި ޤުރުއާނުން ބޮޑުބައެއް ހިތުދަސް ނޫންނަމަ މުސްޙަފް ބަލައިގެން ކިޔެވިދާނެއެވެ.”
އަންހެނުން ޖަމާޢަތުގައި ނަމާދުކުރާއިރު ހަދާނީ ސީދާ ސަފެކެވެ. އަދި އިމާމާ ހުންނާނީ އެސަފުގެ މެދުގައެވެ.

