ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު، 100 އަށް ވުރެ ގިނަ ފަރާތްތަކުން މުބާރާތުގައި ބައިވެރިވެއްޖެއެވެ.
ހުވަދޫ މީޑިއާއިން ބުނީ، "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ ސުންގަޑި މިއަދު މެންދުރު 12 އަށް ހަމަވެފައިވާއިރު، މުބާރާތަށް ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާއިގެ ބޭފުޅުންވަނީ ބައިވެރިވެފައި ކަމަށްވެސް ހުވަދޫ މީޑިއާއިން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ބައިވެރިންގެ މަދަޙަތައް މިހާރު ހުވަދޫ މީޑިއާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެވެމުންދާއިރު، ހުށަހެޅުންތަކަށް ފޭސްބުކް ވޯޓް ރިއެކްޓް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތު ގައި ވަނަތައް ހޮވާނީ އިންސާފު ކުރުމަށް ކަނޑައެޅިފައިވާ 3 ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން ފޭސްބުކްގައި ޙިއްސާ ކުރެވިފައިވާ މަދަޙަ ވީޑިއޯ އަކަށް ލިބޭ ރިއެކްޓްގެ %25 ހިމަނައިގެންނެވެ.
އެއްވަނަ އަށް ދާ ހުށަހެޅުމަކަށް 10،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމް ދޭ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ހުވަދޫ މީޑިއާ އިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ތަރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ.
"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގެ ޓައިޓަލް ޕާރޓްނާ އަކީ ރާއްޖޭގައި އައިނު ހަދައިދިނުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުނި ކަމަށްވާ މާލޭ އޮޕްޓިކަލް ކޮމްޕެނީ އެވެ.

