ހުވަދު އަތޮޅު އުތުރު ބުރީ ދާންދޫ ކައުންސިލް އިން އިންތިޒާމް ކޮށްގެން ބާއްވާ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023 ރޭ ފަށައިފިއެވެ.
1444 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހާއި ދިމާކޮށް ދާންދޫ ކައުންސިލުން އިންތިޒާމް ކުރި މި މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އެވެ.

މި ރަސްމިއްޔާތުގެ ޚާއްސަ މެހުމާނުންގެ ތެރޭގައި، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ނާސިހް އިބްރާހިމް، ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން އާދަމް އާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖާހިދު އަދި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަން ހިމެނެއެވެ.
25 ހާސް ރުފިޔާ ޗެމްޕިއަން ޓީމަކަށް ހުށަހަޅާ މި މުބާރާތުގެ ރަނަރަޕް ޓީމަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި މުބާރާތުގައި 7 ޓީމެއް ބައިވެރިވެފައިވާއިރު، މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ، ކްލަބް ޒިޔޯން އާއި ކުލަބް ރެވެންޖާންސް އެވެ. އަދި މި މެޗުގައި 2-1 ގެ ނަތީއްޖާއަކުން މެޗު ކާމިޔާބު ކޮށްފައިވަނީ ކްލަބު ރެވެންޖާންސްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ ކްލަބް ރެވެންޖާންސްގެ ޖާޒީނަންބަރ 7 މުހައްމަދު އަޒާން މާއްދު އެވެެ.

