މާތް ﷲ ވަނީ އެ އިލާހުގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފައެވެ. ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “އޭ ތިމަން އިލާހު އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައިކަނޑައަޅުއްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާ ހުށިކަމެވެ.” (صحيح مسلم: 2577)
އިސްލާމްދީނުގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތްކަން ޤުދުސިއްޔަ މި ޙަދީޘްފުޅުން އެކަނި ވެސް ހާމަވެގެން ދެއެވެ. އާދެ، ގެވެށި އަނިޔާ އަކީ މިހާރުއަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމު ވެފައިވާ އިޖުތިމާޢީ ބަލިމަޑު ކަމެކެވެ. އިންސާނީ ޠަބީޢަތް ނިޔާ ކުރާ ގޮތުން ގިނަ ފަހަރަށް މިފަދަ އަނިޔާގެ އަމާޒުފަތްގަނޑަކަށް ވެގެން ދަނީ އަންހެނުންނެވެ. އިންތިހާ ދަރަޖައިގެ އަނިޔާތައް ބައެއް ފަހަރު ދެވެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މެއެވެ. މިއީ އަވަސް ފަރުވާއެއް ބޭނުން ވެފައިވާ އިޖުތިމާޢީ ފާރުގަނޑެއްކަން ކަށަވަރެވެ.
ކީރިތި ޤުރުއާނަށް ނަޒަރު ހިންގައިލާއިރު ފެނިގެން ދަނީ އެކަނބަލުންނާއެކު ހެޔޮ ގޮތުގައި އުޅުމަށް އަމުރު ކުރައްވާފައިވާ އިލާހީ އަމުރުފުޅެވެ. އަދި ނުއުޅެވިވަކިވާން ޖެހިއްޖެނަމަ، ހެޔޮ ގޮތުގައި ވަކިވުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މިއީ ޤުރުއާނުގެ ސީދާ ނައްޞުތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ. މާތް ނަބިއްޔާصَلَى اللهُ عَلَيْهِ وَسَلَّم ގެ ގިނަގުނަ އިރުޝާދުފުޅުތަކާއި ވަޞިއްޔަތްޕުޅުތަކުގައި ވެސް އެކަލޭގެފާނު ވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވާފައެވެ. ޙައްޖަތުލް ވަދާޢުގައި “ތިޔަބައިމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމޭ” ޙަދީޘްފުޅުކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި ކުރެއްވި ވަޞިއްޔަތުގައި ވެސް އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މީގެއިތުރުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް (އެބަހީ އަނބިދަރިންނަށް) ހެޔޮ މީހާ ކަމަށް ވެސް ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ގެ ސުންނަތުގައި މިހައި ވަރަށް އަންހެނުންނަށް އޯގާތެރިވުމަށް އަންގަވައި އަމުރުކުރައްވާފައިވީހިނދު އެ އަމުރުފުޅުތަކާ ދެކޮޅަށް ފުރިހަމަ މުއުމިނަކު ޢަމަލެއް ނުކުރާނެކަން ޔަޤީނެވެ. އެފަދައިން މީހެއްގެ ފަރާތުން އެ ކަންކަން ފެންނަނަމަ އެއިންއެނގިގެން ދަނީ ދީނާ އެމީހަކު ދުރުވެފައިވާ މިންވަރެވެ. މާތް ﷲ އަށް ބިރުވެތިވުމެއް ނެތް މިންވަރެވެ. އެމީހެއްގެ ހިތުގައި އިންސާނިއްޔަވަންތަކަން ވެސްގެއްލިފައިވާ ކަމެވެ.
ދެމަފިރިއެއްގެ ދެމެދުގައި ގޮށްޖެހިގެންދާ ޒަވާޖީ ޙަޔާތުގެ ގުޅުމެއްގެ އަސާސަކަށް ވާން ޖެހޭނީ ލޯތްބާއި ކުލުނާއި އަޅާލުމާއި ހަމްދަރުދީ އާއި ރަޙުމާއިއޯގާތެރިކަމެވެ. އެއީ އަނިޔާވެރިކަމާއި ގޯނާއާއި ފުރައްސާރައާއި ނަފްރަތުގެ މައްޗަށް ބިނާވާން ޖެހޭ ގުޅުމެއް ނޫނެވެ. ގެވެށި އަނިޔާއިން ސަލާމަތްވެފައިވާރަނގަޅު މުޖުތަމަޢެއް ބޭނުން ނަމަ، އަޅުގަނޑުމެންނަށް އޮތީ މާތް ﷲ އަށް ބިރުވެތިވެ، އެ އިލާހުގެ ދީނުގައި ވާ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށްޙުރުމަތްތެރިކޮށް ހިތައި އެކަންކަމަށް ކިޔަމަންގަތުމެވެ. ގެވެށި އަނިޔާ އަށް އިސްލާމްދީނުގައި އެއްވެސް ޖާގައެއް ނެތެވެ.
މައުލޫމާތު: الشَّيْخ شَفِيْعُ عَبْدُ الله / ދީނުގެމަގު

