ކާވެންޏަކީ ދެ ޖިންސުގެ ދެ މީހުން އެކީ ދިރިއުޅުމުގެ ހުއްދަ ދިނުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައި އޮތް އުޞޫލެވެ. ޤަވާޢިދެވެ. ދެ ފަރުދެއްގެސަބަބުން ތަފާތު ޢާއިލާތައް ގުޅުވައިދޭ ފަލްސަފާއެވެ. އިންސާނުންގެ ނަޞްލު ޤިޔާމަތާ ޖެހެންދެން ހެޔޮގޮތުގައި ދެމިއޮންނާނެ ޤާނޫނެވެ. ކާވެންޏަކީމުޤައްދަސް ގުޅުމެކެވެ.
ކާވެނީގެ ގޮތުން ގުޅުމަށް ޓަކައި އަހުރެމެންގެ އަމިއްލަ ނަފުސުތަކުން އަނބިން ހެއްދެވިކަމީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއްކަންއަންގަވައި ވަޙީކުރައްވަނީ ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا …﴾ (الروم: ٢١) މާނައީ: “ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ.” ކީރިތި ޤުރުއާނުގައި “އަނބިން” މި ލަފުޒުގެންނަވައިފައި އޮތްއޮތުމަކީ ވެސް އޭގެ ޒާތުގައި އަޖައިބެކެވެ. ކޮންމެ ބަހުރުވަޔަކަށް މި ލަފުޒު ތަރުޖަމާކުރި ކަމުގައި ވިޔަސް ދެވަނަ މާނައެއް ނުނިކުމެއެވެ. އަދި މަފްހޫމު ވެސް އެކައްޗެކެވެ. މި ބުނާ އެއްޗެއް ތަންކޮޅެއް ތިލަކޮށްލާނަމެވެ. އެކުއުޅޭ ބައިވެރިންގެ ގޮތުގައި ކާވެނީގެ ބޭރުން ދެ ޖިންސު ގުޅިގެން އުޅޭއުޅުމަށް އެތައް ވައްތަރެއްގެ ނަންތައް ކިޔައެވެ. ކާވެނި ކުރެވެންދެން އެއިން އެއްވެސް ގުޅުމެއްގައި އުޅޭ މީހާ އެއީ އަނތްބެއް ކަމުގައި ނުބެލެވެއެވެ. “އަނބިން” މި ލަޤަބަކީ ކާވެންޏާ ގުޅިގެން ލިބޭ އެއްޗެކެވެ.
ކާވެނީގެ މުޤައްދަސް ގުޅުމަށް ހިތްވަރާއި ބާރު ލިބެނީ އެ ގުޅުން ޤާއިމުކުރުމަށް އެންގެވި ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތުންނެވެ. އެކަން ލެއްވެވީއެކަނބަލުންނާ އެކުއުޅެ ހަމަހިމޭންކަން ލިބިގަތުމުގެ ސަބަބުން އުފެދޭ ރަޙުމަކާއި ލޯތްބެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿… لِّتَسْكُنُوا إِلَيْهَا وَجَعَلَبَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ (الروم: ٢١) މާނައީ: “އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެ ކަމުގައި ހެކިތަކެއްވާކަންކަށަވަރެވެ.
ވިސްނާ ފިކުރު ކުރާ ބަޔަކަށް އެނގެން އޮތް ހެކިތައް ފެންނާނީ ވިސްނާ ފިކުރު ކުރީމައެވެ. އެއީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ތަދައްބުރުކުރާ މީހުންނެވެ. އެފަދަ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ! އާދެ އެ އާޔަތުން އެނގި ހާމަވަނީ ހަމަހިމޭންކަމާއި އޯގާވެރިކަމާއި ލޯބި ﷲ ލައްވަނީ ކާވެނީގެ ގުޅުމުގައި ކަމެވެ. އެނޫން ގުޅުންތަކަކު ނޫންކަމެވެ. ބަދުއަޚުލާޤީ ޢަމަލުތަކުގެ ތެރެއަށް މުޅި އިންސާނިއްޔަތު ޣަރަޤުވެ ދިޔަޔަސް، އެންމެން އެކަން ބަލައިގަތަސް، އެގުޅުންތަކުގައި ލޯތްބާއި ރަޙުމެއް ނުވެއެވެ. ވަގުތީ އުފަލެއް ނޫނީ ނެތެވެ. ކާވެނީގެ މުޤައްދަސްކަން އޮތީ ކާވެނީގައެވެ. އިލާހީ ރުހުން އޮތީ ކާވެނީގައެވެ. ކާވެނިކުރުމަށް ރުހޭށެވެ. އެކަމަށް އަވަސްވެގަންނާށެވެ!
މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

