علمانية އަކީ ދައުލަތް ހިންގުމުގެ ކަންކަމުން، ދީން ވަކިކޮށްލުމެވެ. ދީނުގެ ކަންކަމުގެ ތެރެއިން އަޅުކަމަކީ ފަރުދީ ކަމެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލާގޮވައިލުމެވެ. އަދި އެނޫން އެންމެހާ މުޢާމަލާތްތަކުގައި ދީނުގެ ބާރު ކަނޑުވައިލުމެވެ.
އަޅުގަނޑުމެންގެ މުޖްތަމަޢުގައި ވެސް علمانيةގެ ވަކިތައް ދަނީ ހިއްޕަމުންނެވެ. އެގޮތުން، “ދީން ސިޔާސީ ހަތިޔާރަކަށް” ހަދާކަމަށް ބުނެ، “ސިޔާސީ” އެތައް ބަޔަކު ވަކާލާތު ކުރެއެވެ. އެބައިމީހުންނަށް އޮޅިފައިއޮތް ޙަޤީޤަތަކީ، إسلام ދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއް ކަމެވެ. ތިމާއާއި ތިމާގެ ވެރިރަސްކަލާނގެއާއި ދެމެދުގައި އޮންނަ ގުޅުމާއި، އާއިލީ ގުޅުމާއި، އިޖްތިމާޢީ ގުޅުމާއި، ކާވެންޏާއި ވަރިއާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި، ދެމީހުންގެ ދެމެދުގައި ޖެހޭމައްސަލަތައް ހައްލުކޮށް ނިޔާ ކަނޑައެޅުމާއި، ކުށްތަކަށް އަދަބު ދިނުމާއި، އަމުރު މަޢުރޫފު ހިންގުމާއި، ވެރިކަން ހިންގުމުގެ އުޞޫލުތަކާއި، ޙާކިމާއާއިރައްޔިތުންގެ حقُّތައް ވެސް ވަނީ މާތްވެގެންވާ إسلامދީނުގައި ކަނޑައަޅުއްވައި ބަޔާންކޮށް ދެއްވާފައެވެ.
علمانيةގެ އެއް އަސާސަކީ ދީނީ މިނިވަންކަމެވެ. އެ މީހަކު އެދޭ ދީނަކަށް، އެ މީހަކު އެދޭގޮތްކަށް އެމީހެއްގެ قبول ކުރުންތައް ބެހެއްޓުމަކީ އިންސާނީ حقُّތަކާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާގައި ކަނޑައަޅައިފައިވާ އިންސާނީ حقُّ އެކެވެ. މީގެ މުރާދަކީ މީހަކު إسلام ދީނަށް އުޅެން ބޭނުންނަމަ އުޅެންވީއެވެ. އަދިއެދީން ދޫކޮށް މުރުތައްދުވާން ބޭނުންނަމަ އެކަން ވެސް ކުރަންވީއެވެ. ނުވަތަ އެއްވެސް ދީނެއް قبول ނުކޮށް ހުރުމަށް އެދޭނަމަ އެކަމުގެ اختيار ވެސްއޭނާއަށް އޮންނަން ޖެހެއެވެ. ނަމަވެސް މިއީ މާތް ﷲގެ ޙުކުމްފުޅުތަކާ ކަނޑައެޅިގެން ތަޢާރުޟުވާ ގޮތެކެވެ.
إسلامދީން ނޫން އެހެންދީނެއް މާތް ﷲ ޤަބޫލު ނުކުރައްވާނޭކަން ވަނީ އަންގަވާފައެވެ. ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَالْخَاسِرِينَ﴾ (آل عمران: ٨٥) މާނައީ: “ދީނެއްގެ ގޮތުގައި إسلامދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއްނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”
علمانيةގެ ނުރައްކާ ތެރިކަން އެންމެ ބޮޑު ވެފައިވަނީ إسلام ދީނަށެވެ. “ދީނީ މިނިވަންކަން” ހޯދައިދިނުމަށް ވަކާލާތުކުރާ ގައުމުތަކުގައި ވެސް مسلمއަކަށްއޭނާގެ ދީނަށް އުޅުމަކީ އެބައިމީހުން ހުއްދަދޭ ކަމެއް ނޫނެވެ. މިސްކިތްތަކުގައި ބަންގި ގޮވުމަކީ އެބަމީހުން ރުހޭ ކަމެއް ނޫނެވެ. مسلمން އެ މީހުންގެދަރުސްތަކާއި ހަފުލާތައް ބޭއްވުމަކީ މި ދީނުގެ ޢަދުއްވުންނަށް ރުހެވޭ ކަމެއް ނޫނެވެ.
އެ މީހަކު ހިތް އެދޭ ގޮތަކަށް ހެދުން އެޅުމަކީ އެމީހެއްގެ މިނިވަންކަމޭ ބުނެ، مسلم އަކު އޭނާގެ ދީނާ އެއްގޮތަށް ހެދުން އަޅާނަމަ، އެ މީހަކާމެދުއަނިޔާވެރިވުމަކީ އަދުގެ ދުނިޔެ ދެކެމުންދާ حقيقةއެވެ.
علمانية އަކީ إسلام ދީނާ ދެކޮޅު ފިކުރެއް ނޫންކަން ދެއްކުމަށް އެއް ބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުންދެއެވެ. ނަމަވެސް إسلام ދީންދެކެ ލޯބިވާمسلمއަކަށް علمانيةގެ ނުރައްކާތެރިކަން ވަންހަނާވެފައެއް ނުވެއެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

