އެއްދުވަހަކު ޢަލީގެފާނު މިންބަރަށް އަރައިވަޑައިގަތެވެ. ޙަމްދު ޘަނާއަށް ފަހު، މަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ. “މަރަކަށް ނުފިލޭނެއެވެ. އެއާދެކޮޅު ހެދިއެއް ކަމަކު އެ މީހަކު ގެންދާނެއެވެ. ފިލަން އުޅުނެއް ކަމަކު އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެގަންނާށެވެ!
ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ. ފަހެ އޭގެ ފިއްތާލުމާއި އަނދިރިކަމާއި އެކަނިވެރިކަމަށްބިރުވެތިވާށެވެ. ދަންނާށެވެ! ކަށްވަޅު ވާހުށީ ނަރަކައިގެ ވަޅުތަކުގެ ތެރެއިން ވަޅަކަށެވެ. ނުވަތަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ދަންނާށެވެ! ކޮންމެ ދުވަހަކު ތިން ފަހަރު އެ ކަށްވަޅު ބުނާކަހަލައެވެ.އަހަންނަކީ އަނދިރިކަމުގެ ގޮވައްޗެވެ. އަހަންނަކީ ފަނިފަކުސަތަކުގެ ގޮވައްޗެވެ. އަހަންނަކީ އެކަނިވެރިކަމުގެ ގޮވައްޗެވެ.
ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ބޮޑެތި މީހުން މަސްތުކުރުވާ ވަރުގެ ދުވަހެކެވެ. އަދި ކުޑަކުދިން ނުރަ ކުރުވާ ވަރުގެ ދުވަހެކެވެ. އެއީ މާބަނޑު އަންހެނުންބިރުން އެބައިމީހުންގެ ދަރި ވިހާނޭ ދުވަހެވެ. އެ ދުވަހުގައި މީސްތަކުން މަސްތެއްގައިވާ ފަދައިން ފެންނާނެއެވެ. އެހެނަސް އެބައިމީހުން ވާނީ މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބު ގަދަފަދައީއެވެ.
ދަންނާށެވެ! ދެން އެއަށް ފަހުގައިވަނީ އަދި އެއަށް ވުރެވެސް ނުރައްކާތެރިކަމެވެ. ހޫނުގަދަ އަލިފާންގަނޑެކެވެ. އެހާ ފުން ވަޅުގަނޑެކެވެ. އެތަނުގެ ގަހަނާއާއިޗާބޫކުވަނީ ދަގަނޑުންނެވެ. އަދި އެތަނުގެ ފެނަކީ ދޮހެވެ. އަދި ބެލެހެއްޓުންތެރިއަކީ މާލިކެވެ. އެކަލޭގެފާނުގެ ހިތްޕުޅުން ރަޙްމަތް ވާނީ ނެންގެވިފައެވެ.” ދެންޢަލީގެފާނު ކީރިތި ކުރެއްވިއެވެ. އަދި މީސްތަކުން ވެސް ވަރަށް ރުޔެވެ. އެއަށް ފަހު ޢަލީގެފާނު ވިދާޅުވިއެވެ.
“ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ސުވަރުގެއެވެ. އެ ތަނަކީ އުޑުތަކާއި ބިން ފަދަ ތަނަވަސްކަން ހުރި ތަނެކެވެ. ތައްޔާރުކުރެވިފައިވަނީ ތަޤްވާވެރިންނަށެވެ. އަޅަމެންނާއި ތިޔަބައިމީހުންނީ ސުވަރުގެވަންތަވެރިންކަމުގައި ލައްވާށިއެވެ! އަދި އަޅަމެންނާއި ތިޔަބައިމީހުން ވޭންދެނެވި ޢަޛާބުންރައްކާތެރިކުރައްވާނދޭވެ“! [تهذيب البداية والنهاية لابن كثير (3 / 283).]
ބުއްދިވެރިއަކީ މަރުވާނޭކަން ދެނެ، އެއަށް ފާރަވެރިވެ، އެކަމަށް ތައްޔާރުވެ ހުންނަ މީހާއެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

