ދިވެހި ފިލްމް އިންޑަސްޓްރީ ގެ ސްކްރީން ތަކުން ނުވަތަ ކެމެރާ ގެ ކުރިމަތިން އާ ފަންނާނު ފެނުމަކީ ވަރަށް މަދުންވާ ކަމެކެވެ.
ޚާއްސަކޮށް އެއް ފިލްމަކުން ވަރަށް ގިނަ ހުނަރުވެރި ބަޔަކު ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ސެޓާން އިން ޕްރޮޑިއުސްކޮށް މަޝްހޫރު ޑައިރެކްޓަރ/އެކްޓަރ އަލީ ސީޒަން ޑައިރެކްޓް ކޮށްފައިވާ ދިވެހި ފިލްމް ލޯބިވެވިއްޖެ އިން މިވަނީ އެއްފަހަރާ އެތައް ފަންނާނު ތަކެއް ދިވެހި ފިލްމީ ދާއިރާގެ މައި ދޮރާށިން އެތެރެއަށް ވައްދައިދީފައެވެ. އެކި އުމުރު ފުރާގެ ތަފާތު މޮޅު ހުނަރުވެރިން ތަކަކަށް ފިލްމީ ދާއިރާއިން ކުރިޔަށް ދިޔުމުގެ ފުރުޞަތު ހޯދައިދީފައެވެ.

މި މޭ މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޤައުމީ ސިނަމާ ، އޮލިމްޕަހުގައި ޕްރިމިއަރ ކޮށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދައްކަން ފަށާފައިވާ ދިވެހި ފިލްމް "ލޯބިވެވިއްޖެ" ގައި ފެނިގެންދާ މެއިން ރޯލް ތަކާއި ލީޑް ރޯލު ގެ އިތުރުން ސައިޑް ރޯލް ތަކާއި ގިނަ މަންޒަރު ތަކުން ފެންނަ ބައްޔަކީ ހުވަދު އަތޮޅުގެ ތިނަދޫ މީހުންނެވެ. ފިލްމުގައި ލީޑް ރޯލް އަދާކުރާ އައްޒަ އާއި ސީޒަން އަށް ލިބޭ ތުއްތު ކުއްޖާ އިން ފެށިގެން ގޮސް އެ ދެ މީހުންގެ ބައްޕަ ގެ ރޯލުވެސް ކުޅެފައި ވަނީ ތިނަދޫ މީހުންނެވެ. މީގެ އިތުރުން މުހިންމު ބައެއް އަދާ ކުރި ޕޮލިސް ރޯލް، ގޭންގް ، ޑްރަގް ޑީލް އަދި ބައެއް ފްރޭމް ތަކުގެ އެތެރެއިން ފެންނަ ފެނުން ތަކުގައި ވެސް އެކްޓް ކޮށްފައި ވަނީ ވެސް ހަމަ ތިނަދޫ ގެ ހުނަރުވެރިން ނުވަތަ ފަންނާނުންނެވެ.

ކާމިޔާބު ކަމާ އެކީ ރާއްޖޭގެ ސްކްރީން ތަކުގައި ދައްކަމުންދާ "ލޯބިވެވިއްޖެ" ފިލްމުގައި ބައެއް މުހިއްމު ރޯލު ތަކުން ފެންނަ ބައެއް އެކްޓަރުންކީ މީގެ ކުރިން ވެސް ފިލްމަކުން ފެނިފައިވާ ފަރާތްތަކެވެ. އެގޮތުން ބަލާއިރު ބައްޕަގެ ރޯލު ކުޅެފައިވާ ރަޝާދު އާއި ޕޮލިސް ރޯލުން ފެނިގެންދާ އަޚްތަރް އަކީ ފިލްމް "ފަތިސްހަނދުވަރު" ން ފެށިގެންދިޔަ ދެމީހުންނެވެ. އަދި ހަމަ އެހެންމެ މި ފިލްމުގެ ގޭންގް ބައި މުހިންމު ކެރެކްޓަރ އެއް ދެއްކި ނައުފަލް އަކީ އޮލިމްޕަސް ސްކްރީން ގައި ދެއްކި ފިލްމެއް ގައި އެކްޓް ކޮށްފައި ނުވިއަސް ތިނަދޫ ފޮޑަހާޑާ ޕްރޮޑަކްޝަން ގެ ހުރިހާ ކުރު ފިލްމެއްގައި އެކްޓް ކުރުމުގެ އިތުރުން މިލިޔަން ފޮލޯވަރސް ހުރި ކުޅަދާނަ ޓިކްޓޮކަރ އެކެވެ. ހަމަ މިއާއެކު ގޭންގް ލީޑަރެއްގެ ތަފާތު ރޯލެއް ކުޅެފައިވާ ފޮޑަހާޑާ ފަޒީލް، މުނިފޫހި ފިލުވުމުގެ ދާއިރާގައި ނަމަ ސީދިބޭ އަކީ ވެސް އެހާ މޮޅު ފަންނާނެކެވެ. މޮޅު އެކްޓަރެކެވެ. ޖުމްލަކޮށް މުޅި ފިލްމުން ފެނިގެންދާ ތިނަދޫ އަށް ނުވަތަ ހުވަދޫ އަށް ނިސްބަތްވާ 30 ވަރަކަށް ފަންނާނުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހެއްގެ ރޯލު ވަރަށް ފުރިހަމައަށް ވަނީ އަދާ ކޮށްފައެވެ. މޮޅަށް ކުޅެފައެވެ.
ފިލްމު ބެލި އެންމެ ވެސް އެކަމަށް އިއްތިފާޤް ވެއެވެ. ބައެއް މީހުން ބުނި ގޮތުގައި ލޯބި ވެވިއްޖެ މިހާ ހިގުމުގެ އެއް ސިއްރަކީ ގދ ތިނަދޫ ގެ ގިނަ ބަޔަކު ފިލްމުގައި އުޅުމާއި ތިނަދޫ، ހޯނޑެއްދޫ އަދި މަޑަވެލީ( ތިނަދޫ ސަރަހައްދު ) ގައި މި ފިލްމު ޝޫޓްކުރުމެވެ.

ތިނަދޫ ގެ ފަންނާނުންނަށް ފިލްމީ ދާއިރާ އިން މި ލިބުނު ފުރުޞަތަކީ ބޮޑު ކާމިޔާބީ އެކެވެ. ކުރިޔަށް އޮތް ތާނގައި ލިބޭ ރަނގަޅު ފުރުސަތު ތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފައި ކުރިޔަށް ދިޔުމަށް ހުޅުވިގެން ދިޔަ ބޮޑު ހިޔާ ވަސްސެކެވެ.

ކޮވިޑް-19 ގެ ލޮކްޑައުން ޙާލަތާ ގުޅިގެން 2 އަހަރަށް މަޑުޖެހުން ދިވެހި ފިލްމް އިންޑަސްޓްރީ ގައި ފިލްމެއް ނުނުކުމެ ގިނަ ދުވަސް ތަކެއް ވަންދެން އޮތުމަށް ފަހު ޒަމާނަށް އެކަށީގެންވާ ޓެކްނިކަލް ބާދަލާ އެކު ނުކުތް ފިލްމުގެ ބެކް މިއުޒިކް ތިނަދޫ ފަތުހުﷲ ހަދާފައި ވާ އިރު ލަވަ ކިޔުމާއި ލަވަތަކުގެ ބައެއް މިއުޒިކް ހަދާފައި ވަނީ ވެސް ތިނަދޫ އަށް ނިސްބަތްވާ ކުޑަ އިއްބެ ކަން ފާހަގަ ކޮށްލެވެއެވެ.ޕޮރޮޑަކްޝަން ޑިޒައިނަރ ސިނާން އަދި ޕްރޮޑިއުސަރ ޝާނީޒް އަކީ ވެސް ތިނަދޫ އަށް ނިސްބަތްވާ 2 މީހުންނެވެ.

