މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ.
ސަބަބު
މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މިއަންނަ ބަދަލާއި ގުޅިގެން، ނޭވާލާއިރު އެތެރެވެ، ބޭރުވާ ވައިގެ ނިސްބަތް އިތުރުވަމުން ދެއެވެ.
މާބަނޑު ދުވަސްވަރު ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކަށް (ހޯރމޯންތައް އިތުރުވުމުގެ ސަބަބުން) ހޭނެމުންދާއިރު ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ކުޑަދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިބޮޑުވަމުން އަންނައިރު އެތެރޭގެ ހުރިހާގެ ގުނަވަނެއްގެ ޕްރެޝަރު މައްޗަށް ދާގޮތްވެއެވެ. ފުއްޕާމޭގެ ޕްރެޝަރު މަތިވުމުން ނޭވާކުރުވެ، ނޭވާ ހިފަހައްޓަން އުދަގޫވާގޮތް މެދުވެރިވެއެވެ.
ބަލިވެއިދެ ފަހު 3 މަހަށް އަޅާއިރު، ދަރިފުޅު ރަހިމުގައި ބޮޑުވަމުން އަންނަވަރަކަށް، ބޮޑުވަމުންދާ ދަރިފުޅުގެ ސަބަބުން މޭދަށުގައިވާ ޖާގަ ފުރެމުންދިޔަވަރަކަށް، މޭދަށަށް ފުރޭގޮތްވެ، ( ބަނޑުގައިވާ ގުނަވަންތައް ފިތުމާއި، ޑައިފްރަމް ފުއްޕާމޭޔާއި ދިމާލަށް ގޮސް ފުއްޕާމެޔަށް ފިއްތާގޮތް ވުމުން ވެސް) ނޭވާކުރުވާގޮތް ވެއެވެ. މާބަނޑު ދުވަސްވަރު ލޭމަދުވުމަކީ ވެސް ނޭވާކުރުވެދާނެ ސަބަބެކެވެ.
އަލާމާތްތައް
- ކިރިޔާ ކަމެއްކޮށްލާއިރަށް ވަރުބަލިވެ ނޭވާކުރުވާގޮތް ދިމާވުން
- ސިނޑިން އަރާއިރު ނުވަތަ ބަރު އެއްޗެއް އުފުލާއިރު ނޭވާކުރުވާގޮތް ދިމާވުން
މަގުފަހިކުރާ ކަންތައްތައް
މާބަނޑު ދުވަސްވަރު މާބޮޑަށް ބަރުދަން އިތުރުވުން، ފެންކޮތަޅުގައި ފެންގިނަވުން، އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ބަލިވެ އިނުމަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުން އިތުރުވާ ކަމެކެވެ. ނޭވަޔަށް އުދަގޫކުރުން ނުވަތަ ނޭވާހިއްލުމުގެ މައްސަލަ ހުންނަނަމަ މާބަނޑުވުމުން ނޭވާހިއްލުން ބޮޑަށް ގޯސްވެއެވެ. ވިހަންކައިރިވާ ވަރަކަށް ފުއްޕާމޭގެ ޕްރެޝަރ ދަށްވެ، ފަސޭހަ ކަމާއި އެކު ނޭވާލުމަށް މަގުފަހިވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މާބޮޑަށް ލޭމަދުވުމަކީ ވެސް ނޭވާކުރުވުމަށް މެދުވެރިވެދާނެ ކަމެކެވެ.
ނޭވާކުރުވެ، ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
- ވަރަށް އަވަސް އަވަހަށް ނޭވާލެވުން
- ނޭވާކުރުވުމާއެކު، ނޭވާލާން އުނދަގޫވެ ހިތުގެ ވިންދު އަވަސްވުން
- ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވެ އަނބުރައިގަތުން
- މަސައްކަތެއް ކޮށްލަން ފެށުމާއެކު ނޭވާކުރުވުން
- ނޭވާކުރުވުމާއެކު މޭގައި ރިއްސުން
- އޮށޯތުމުން ނޭވާލާން އުނދަގޫވުން ނޫނީ ރޭގަނޑު ނޭވާލާން އުނދަގޫވުން
މާބަނޑު ދުވަސްވަރު ކުރިމަތިވާ ނޭވާކުރުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
ވީހާ ވެސް ގިނައިން އަރާމު ކުރާށެވެ. ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުމަކީ ރަގަޅުކަމެކެވެ. ނިދާއިރު ފަސޭހަގޮތަކަށް އޮތުން މުހިއްމެވެ. އިތުރު ބާލީހެއް ބޭނުންވާނަމަ، ފަސޭހަ ގޮތަކަށް ބާލީސްތައް (ދެފައި ދޭތެރޭގައި ބާލީހެއް، ފުރަގަހުން ބުރަކަށީގައި ލައްކޮށްފައި ބާލީހެއް) ބެހެއްޓިދާނެއެވެ. އެހެނީ މިގޮތަށް އޮވެ ނިދުމުން ނޭވާލަން ފަސޭހަވުމުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދެއެވެ.
ތަނެއްގައި އިށީދެ އިންނައިރު ސީދަލަށް (ހަށިގަނޑު ގުދުނުކޮށް) އިންނާށެވެ. މިގޮތަށް ހެދުމުން ފުއްޕާމެޔަށް ނޭވާބޭރަށްލުމުގެ ތެރޭގައި ފުޅާވުމަށް ބޭނުންވާ ޖާގަ ލިބުމަށް މަގުފަހިވެގެންދާނެއެވެ.
ލަސްލަހުން ފުންކޮށް ދިގުކޮށް ނޭވާލުމަކީ ވެސް އެހީތެރިކަން ލިބިދީފާނެ ކަމެކެވެ. އެތެރެއަށް ނޭވާލަމުން އަތްމައްޗަށްނަގައި، ބޭރަށް ނޭވާލަމުން އަތްތިރިކޮށް ހެދުން ފަދަ ކަސްރަތެއް ކޮށްލެވިދާނެއެވެ. އަތްމައްޗަށް ނަގާގަޑީގައި ބޯ ވެސް މައްޗަށް އުފުލާފައި ބެހެއްޓިދާނެއެވެ. މިކަސްރަތު ކުރުމުން ފުއްޕާމޭ އޮންނަ ކަށީގެ ކޮށިގަނޑުގެ ފޭވެ، ފުޅާވުމަށް އެހީތެރިކަން ލިބިގެން ދެއެވެ. ލޭމަދުވެގެން ނަމަ ލޭ ރަނގަޅުކުރުމަށް ސަމާލުކަން ދެވިދާނެ އެވެ.

