މުސްލިމުންގެ ޙަޔާތަކީ ހީވަގި މުރާލި ޙަޔާތެކެވެ. މުސްލިމު އަޅަކީ ހީވަގި މުރާލި އަޅެކެވެ. އޭނާ ކުރަންޖެހޭ އަޅުކަންތަކުގައި އަދި މުޢާމަލާތުގައި ވެސް އޭނާ ވާނީފަރުވާތެރި މުރާލި މީހަކަށެވެ. އިސްލާމްދީނަކީ ކަންނެތްކަމުން ދުރުވުމަށް ގޮވައިލާ މުރާލިވުމަށް އަމުރުކުރާ ދީނެކެވެ.
މުސްލިމުން ޤަބޫލުކުރާ ގޮތުގައި މުސްލިމުންގެ ޙަޔާތަކީ ވަރަށް އަގުހުރި ވަގުތުތަކެއްގެ މައްޗަށް ބިނާވެފައިވާ ޙަޔާތެކެވެ. އެހެނީ މީހާގެ ޢުމުރަކީ ވެސް އެއަށްޢަޖަލެއް ކަނޑައެޅިފައިވާ އެއްޗެކެވެ. އެހެންކަމުން މީހާގެ އަގުހުރި ވަގުތުތައް ކަންނެތް ކަމުގައި ނަގައިލުމަކީ ބޮޑުވެގެންވާ އިސްރާފެކެވެ. ރަސޫލުﷲ صَلَّى اللهُعَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިންޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަވަދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެފައިދާހެޔޮގޮތުގައި ލިބިގަންނާށެވެ.” (ރިވާކުރެއްވީ އަލްހާކިމް)
މި ހަދީޘަށް ޢަމަލުކުރުމަށް ޓަކައި މުސްލިމު އަޅާ އޭނާގެ ކިބައިން ކަންނެތްކަން ފިލުވައިލަން ޖެހެއެވެ. ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފައި،އަޅުކަންތައް އެންމެ ފުރިހަމައަށް އަދާ ކުރެވޭނީ މުރާލިވެވިގެންނެވެ. ދުޅަހެޔޮކަމުގައި ހުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވެސް އަޅާއަށް ކުރެވޭނީކަންނެތްކަން އެއްފަރާތް ކުރެވިގެންނެވެ. ހަމައެހެންމެ މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ހިފައި އެ މުދަލުން ހޭދަކުރުމާއި އެ މުދާ އިތުރުކުރުމަށް އަދިއެއިން ދައްކަންޖެހޭ ޒަކާތް ދެއްކުމަށް ވެސް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އަޅާ ހީވަގިވެ މުރާލިވާންޖެހެއެވެ. މިނޫނަސް ހުސްވަގުތުގައި ކަމެއްނެތިކަންނެތްވުމާއި، ފައިދާއެއް ނެތް ބޭކާރު ކަންކަމުގައި ވަގުތުތައް ނަގައިލުމުގެ ބަދަލުގައި ބޭނުންތެރި ކަންކަމުގައި މުރާލިވެ، މުސްލިމު އަޅާ އޭނާގެ ވަގުތުތަކާއިޙަޔާތް ހޭދަކުރަންޖެހެއެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޒަމާނުގައި ދިރުއުޅުނު މުނާފިޤުންގެ އެންމެ ފާޅުކަން ބޮޑު އެއްސިފައަކީ ވެސް ކަންނެތްކަމުގެ ސިފައެވެ. ޖިހާދުކޮށްހަނގުރާމަ ކުރަންޖެހޭ ވަގުތުތަކުގައި ވެސް އެބައިމީހުންގެ ކިބައިން މި ސިފަ ފާޅުވެއެވެ. ﷲ تعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿يَا أَيُّهَاالَّذِينَ آمَنُوا مَا لَكُمْ إِذَا قِيلَ لَكُمُ انفِرُوا فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الْأَرْضِ﴾ (التوبة: ٣٨) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ގެ މަގުގައިހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެން ހެއްޔެވެ؟“
ހަމައެހެންމެ އެބައިމީހުން ނަމާދު ވެސް ކުރަނީ ކަންނެތްކަމާ އެކުގައެވެ. އެކަމަށް އިޝާރަތްކުރައްވާ ﷲ تعالى ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّ الْمُنَافِقِينَيُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا﴾ (النساء: ١٤٢) މާނައީ: ހަމަކަށަވަރުން، މުނާފިޤުން، ﷲއަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ ޢަމަލުތައް ކުރެތެވެ.) އެކަލާނގެ އެބައިމީހުންގެ މައްޗަށް އެއޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެބައިމީހުން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށްމަދުން މެނުވީ، އެބައިމީހުން اللَّه ހަނދުމައެއް ނުކުރެތެވެ.”
މައުލޫމާތު: الشَيْخ حَسَن فَيْصَل / ދީނުގެމަގު

