އެއްދުވަހަކު ކޯރެއްގެ ދެފަރާތުން ޖަމަލަކާއި ކުއްތާއަކާއި ދިމާވިއެވެ. އެ ވަގުތު ކުއްތާ ޖަމަލުކުރެން އަހާލިއެވެ.
ކުއްތާ: “މި ކޯރުގެ ފެންގަނޑުގެ ފުންމިން ކިހާވަރެއްވާނެ ހެއްޔެވެ؟”
ޖަމަލު، އޭގެ ޖަވާބުގައި ކުއްތާއަށް ބުންޏެވެ. “ތިޔައީ އެހާ ފުން ކޯރެއް ނޫނެވެ. ތިޔަ ފެންގަނޑު އަރަނީ ކަކުލާއި ހަމައަށެވެ.”
ޖަމަލު އެހެން ބުނުމާއެކު، ކުއްތާ ކޯރަށް ފުންމާލިއެވެ. އެކަމަކު، ކޯރުގެ ފެންގަނޑު ފުންކަމުން، ކުއްތާ ވަގުތުން އަޑިއަށް ހިނގައްޖެއެވެ. ދެން ވަރަށް މަސައްކަތުން ފެނުން މައްޗަށް ބޯ ހިއްލާލުމަށްފަހު، ފަތަމުންގޮސް ކޯރު ތެރޭގައި އޮތް ހިލަގަނޑެއްގެ މައްޗަށް އަރާ، ހަމަނޭވާ ލެވުމުން ވަރަށް ރުޅިއައިސްފަ، ޖަމަލާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
ކުއްތާ: “މި ކޯރުގެ ފެންގަނޑު އަރަނީ ކަކުލާއި ހަމައަށޭ، ކަލޭ ބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ސަލާމަތްވީ ކިރިޔާ ނޫން ހެއްޔެވެ؟”
އެހިނދު ޖަމަލު ބުންޏެވެ. “އަހަރެން ޖަވާބުދިނީ ކަލޭ ކުރި ސުވާލަށެވެ. އަހަރެންނަށް ޖަވާބު ދެވޭނީ އަހަރެންގެ ތަޖުރިބާގެ އަލީގައި ނޫން ހެއްޔެވެ؟ ތިޔަ ކޯރުގެ ފެންގަނޑު އަރަނީ، އަހަރެންގެ ކަކުލާއި ހަމައަށެވެ. އެއްފަހަރުވެސް، އެ ފެންގަނޑު އަރަނީ ކަލޭގެ ކަކުލާއި ހިސާބަށޭ އަހަރެން ބުނިން ހެއްޔެވެ؟”
ތިބާގެ ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ބެހޭގޮތުން މީހުންނާއި މަޝްވަރާ ކުރުމުން، އެމީހުން ޖަވާބު ދޭނީ އެމީހުންނަށް ފައިދާހުރި އަދި ގިނަ ފަހަރަށް ހަމައެކަނި އެމީހުންނަށް ތަޖުރިބާ ކުރެވިފައިވާ ކަންކަމުގެ އަލީގައެވެ.
ވީމާ، އެހެން މީހުން ދޭ ލަފަޔާއި އިރުޝާދު، އެއީ ތިބާއަށް ކުރިމަތިވެފައިވާ ކަންކަމުގެ އެންމެ އެކަށީގެންވާ ޙައްލުކަމަށް ނުދެކޭށެވެ. އޭގެ ސަބަބުން ފަހަރެއްގައި ތިބާއަށް އިތުރު އުނދަގޫތައްވެސް ކުރިމަތިވެދާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ، މީހުން ދައްކާ ވާހަކަ ރަނގަޅަށް ކަނުލާ އަޑުއަހާ، އެ ވާހަކަތައް ރަނގަޅަށް ފަހުމުކުރުމެވެ. އެހެން ނޫނީ، ކުއްތާއަށް ވީހެން، ފަހަރެއްގައި ތިބާވެސް ފުންމިން ނޭނގޭ ކޯރަކަށް ގެނބިގެން ހިނގައިދާނެއެވެ.

