އިންސާނާއަށް ދުނިޔޭގައި ތިމާ ހިތް އެދޭހައި ކަމެއް ކުރުމުން އެއްކިބާވެ، ހަވާނަފުސުގެ އެދުންތަކަށް ލެނބުމެއް ނެތި، ތެދުމަގުގައި ނަފުސު ހިފެހެއްޓުމަކީ އާޚިރަތުގެ ކާމިޔާބާއި ފަލާޙަށް އެދޭ މީހާއަށް އޮތް މަގެވެ.
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ސުވަރުގެ ވަށައިލެވިފައި ވަނީ ހިތް ނޭދޭ ކަންކަމުންނެވެ. އަދި ނަރަކަ ވަށައިލެވިފައި ވަނީ އެކަންކަމަށް ހިތްކިޔާ، ހިތްއެދޭ ޝަހުވަތްތަކުންނެވެ.
ހެޔޮ މަގުގައި ސާބިތުވާން އެދޭ މީހަކަށް އޮތީ ނަފުސު ކޮންޓުރޯލުކުރުމެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ. “الدُّنْيَا سِجْنُ الْمُؤْمِنِ، وَجَنَّةُ الْكَافِرِ” (رواه مسلم) މާނައީ: “ދުނިޔެއަކީ މުއުމިނުންގެ ހުރަގެއެވެ. އަދި ކާފިރުންގެ ސުވަރުގެއެވެ.”
މި ޙަދީޘްފުޅުގެ އެއް މާނައަކީ މުސްލިމުންނަށް ދުނިޔެ މަތީގައި އެދޭހާ ގޮތަކަށް އުޅުމުގެ ފުރުސަތު ނެތް ކަމެވެ. އަނެއް ކޮޅުން، ކާފިރުކަމުގެ އަހުލުވެރިން މި ދުނިޔޭގައި އުޅޭ އުޅުމުގައި، ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި އެ މީހަކު އެދޭހާ ކަމެއް ކޮށްއުޅޭނޭ ކަމެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘްގެ އަނެއް މާނައަށް ބަލާއިރު މުއުމިނުންނަށް ދުނިޔެ ހުރަގެއެއްފަދައިން ވަނީ، އާޚިރަތުގައި ސުވަރުގެއިން އެބައިމީހުންނަށް ޓަކައި ތައްޔާރު ކުރައްވައިފައިވާ މަތިވެރި ނިޢުމަތްތަކާ އަޅައި ބެލުމުންނެވެ. އަދި ކާފިރުންނަށް ދުނިޔެ ސުވަރުގެއަކަށް ވަނީ އާޚިރަތުގައި ނަރަކައިން އެބައިމީހުންނަށް ޓަކައި ތައްޔާރު ކުރައްވާފައިވާ ބޮޑުވެގެންވާ ޢަޛާބަށް ނިސްބަތްކޮށް ބެލުމުންނެވެ.
ދުނިޔޭގެ ތަނަވަސްކަމާއި އަރާމުގައި އުޅޭ އެތައް މުސްލިމުންނެއް އުޅެއެވެ. އަދި ދުނިޔޭގެ ދަތިކަމާއި ނުތަނަވަސްކަމުގައި އުޅޭ އެތައް ޣައިރު މުސްލިމުންނެއް ވެސް އުޅެއެވެ. މި ޙަދީޘްފުޅުގެ މާނައަކީ، އީމާންކަމުގެ އަހުލުވެރީންނަށް ދުނިޔޭގައި ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވިޔަސް، ދުނިޔޭގެ ނިޢްމަތާއި، އަރާމަކީ، އީމާންވީ މީސްތަކުންނަށް އާޚިރަތުގައި ﷲ تعالى ކަނޑައަޅުއްވާފައިވާ ސުވަރުގޭގެ ނިޢްމަތްތަކާ އަޅާ ކިޔޭނޭ ކަންކަމެއް ނޫން ކަމެވެ. މި މޭރުމުން ވިސްނައިފި ނަމަ މި ދުނިޔެއަކީ މުއުމިނުންގެ ހުރަގެއެކެވެ. އީމާންވީ މީހާގެ ޙަޤީޤީ ލަނޑުދަނޑިއަކީ، އަދި ނިޢްމަތްތަކުގެ ގޮވައްޗަކީ ސުވަރުގެއެވެ.
ހަމަ އެފަދައިން، މާތް ﷲ އަށް އުރެދިފައިވާ ކާފިރަކު މި ދުނިޔޭގައި ކިތަންމެ ދަތިއުނދަގުލަކާއި، ވޭނެއްގައި އުޅުނު ކަމުގައި ވީ ނަމަވެސް، އޭނާގެ ޝިރުކާއި ކުފުރުގެ ސަބަބުން، ނަރަކައިގައި އޭނާއަށް ޓަކައި ތައްޔާރު ކުރައްވާފައިވާ ވޭންދެނިވި ޢަޒާބާ އަޅައި ބަލާއިރު މި ދުނިޔޭގެ ކެކުޅުންތަކަކީ އެއްވެސް ކަމެއް ނޫނެވެ. ވީމާ، މި ދުނިޔެ ވާނީ އެ މީހުންނަށް ސުވަރުގެއެއް ފަދަ ތަނަކަށެވެ.
މިއީ ދީނުގެމަގު” މަޖައްލާގެ 47 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނެއް.

