މޫސުމަށް އައި ބާދަލާ އެކު ވާރޭ ވެހެން ފެއްޓުމުން ގދ ތިނަދޫ ގެ ކުނި ގޮނޑެއްގައި ރޯ ކޮށް އަންދާލެވޭ ގޮތެއް ނެތެވެ. ގޮނޑު އަންދާލައިފި ނަމަ އެތަނުން އަރާ ވިހަދުން ތަކުން މުޅި ރަށް ނޭވާ ހޮޅިއަށްް އެޅެއެވެ. އަނދާލުން ހުއްޓާލުމައެކު މެހީގެ މައްސަލަ ބޮޑުވެ ސިއްޚަތަށް ނުރައްކާވާ ހިސާބަށް ޙާލަތު ދެއެވެ. އެއްވެސް ވަރަކަށް ކުނި މެނޭޖް ނުވާ ތިނަދޫގެ މިއަދުގެ ޙާލަތު މިވަނީ ވަރަށް ގޯސް ވެފައެވެ. އިންތިހާ ދަރަޖައަށް މެހި ގިނަވެ ދިރިއުޅެން އުނދަގޫ ހިސާބަށް ޙާލަތު ގޮސްފައެވެ.
ހޮޓާ ރެސްޓޯރެންޓް ތައް ގިނަ ތިނަދޫގައި މެހީގެ އުނދަގޫ އެންމެ ބޮޑީ އެތަންތަނަށެވެ. ހެދިކާ އަޅާފަ ހުންނަ ޓްރޭގެ މަތި ނަގައިފިއްޔާ ހެދިކާ ތައް ނުފެންނަ ވަރަށް މެއްސެވެ. އަނގަ ހުޅުވައިފިއްޔާ އަނގަޔަށް ލޯ ހުޅުވައިފި ނަމަ ލޮލަށް ވެސް މެއްސެކެވެ. މުޅި މާހައުލުގައި މެއްސެވެ. ރަށް ފުރާ މެއްސެވެ. ކުނިގޮނޑާ އެންމެ ދުރުގައިވާ ރެސްޓޯރެންޓު ކަމުގައިވާ ޒަޔޯބީގެ ވެރިޔާ ދުޝޫމާ ބުނީ ޚިދުމަތްތަކެއް ހުއްޓާލަން ޖެހޭ ހިސާބަށް މެހީގެ އުނދަގޫ ބޮޑު ވެފައިވާ ކަމަށެވެ. ދުވާލަކު އެތައް ފުޅިއެއްގެ ސްޕްރޭ ޖަހާ އިރުވެސް މެހި ކޮންޓްރޯލެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
"މީ ދުވަހަކުވެސް މެހީގެ އުނދަގޫ ބޮޑުވި ވަރެއް ނޫން. މިހާރު މި އޮތީ ވަރަށް ބޮޑަށް ގޯސްވެފައި" ޒަޔޯބީ ގެ ވެރިޔާ ދުޝޫމާ ބުންޏެވެ.
އެހެން ރެސްޓޯރެންޓެއްގެ ވެރިޔަކު ބުނީ މެހި ގިނަ ވެގެން އުޅޭތީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވެސް އަދި ރަށު ކައުންސިލާއި ޕަބްލިކް ހެލްތުން ވެސް އަޅާ ނުލާ ކަމަށެވެ.
" މިއީ ބޮބް ސުޕްރޭ އާއި ޝެލްޓޮކްސް އެކަނި ޖަހައިގެން ވާނެ ކަމެއް ނޫން. ކޮބާ އެޗް ޕީއޭ. ކޮބާ ސަރުކާރު. ކޮބާ ތިނަދޫ ކައުންސިލް ދެން މަގޭ ނަން ހާމަކޮށް މިވާހަކަ ލިޔާނީ ކީނޫން " ވަރަށް ރުޅި ގަދަވެ ހުރެ އެމީހާ ބުންޏެވެ.
މެހީގެ އުނދަގޫ ބޮޑުވެ އާންމުންގެ ފަރާތުން ހުވަދޫ މީޑިއާއަށް ވެސް ގިނަގުނަ ކޯލުތަށް އާދެ އެވެ. ނޫހުން އެއްޗެކޭ ނުބުނެ ތި ތިބެނީ ކީއްވެ ތޯ ސުވާލު ކުރެ އެވެ.
މި ކަމާ ގުޅިގެން މީގެ ދެ ދުވަސް ކުރިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ ބަހެއް ހޯދާލީމެވެ. ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތާއި ތިނަދޫ ކައުނަސިލްގެ ވާހަކަ ހުރީ ވަރަށް "ކޫލް" ކޮށެވެ. ކަމެއް ވެގެން އުޅޭހެން ވެސް ހީނުވެއެވެ. ހޮސްޕިޓަލުން ބުނީ މެހި ގިނަވެގެން އުޅޭތީ އެކަމާ ވިސްނަމުން ދާ ކަމަށެވެ. ކައުންސިލުން ބުނީ އެ އިދާރާ ކަމާ ގުޅުން ހުރި ސެކްޝަނުން ތިކަން ބަލާ ފިޔަވަޅެއް އަޅާނެ ކަމަށާއި ނަމަވެސް އަދި ކަމެއް ނުކުރެވޭ ކަމަށެވެ.
ތިނަދޫ ގައި މެހި ގިނަވެ ކާބޯ ތަކެތި ބޭނުން ކުރާ ތަންތަނާއި ރަށުގެ އެކި ތަންތަން ރައްކާތެރި ނޫން ހިސާބަށް ގޮސްފައި ވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އަށް ގުޅާލުމުން ބުނީ ރަށުގެ ތިޔަ ފަދަ ޙާލަތުގައި ފިޔަވަޅު އަޅަން ޖެހޭނީ އެ ރަށެއްގައި ހުންނަ ކައުންސިލާއި ޕަބްލިކް ހެލްތު ޔުނިޓުން ކަމަށެވެ. މިފަދަ ކަންކަމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތައް ތިބީ ނިދާފައި ކަމަށް ބުނެވިދާނެއެވެ.

