އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން އަލަށް އުފެއްދުމަށް މިއަދު ހުށަހެޅި އާ ޕާޓީ "ދަ ޑިމޮކްރޭޓްސް" ޕާޓީއާއި ރައްޔިތުންގެ މަޖިލިހުގެ އިތުރު މެމްބަރުން ގުޅިވަޑައިގަންނަވާނޭ ކަމުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އާ ޕާޓީ އުފައްދުމުގެ ހުއްދަ ހޯއްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ދާއިރާ ރައީސުންގެ ގޮތުގައި ކުރިން ތިއްބެވި އެތައް ބޭފުޅުންނަކާއި ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންވެސް އާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
ދަ ޑިމޮކްރޭޓްސް ޕާޓީ އުފެއްދުމަށް މިއަދު އެނާގެ ނަމުގައި ފޯމް ހުށަހެޅި ނަމަވެސް ހަސަން ލަތީފު ނުސީދާކޮށް ވިދާޅުވެފައިވަނީ އެޕާޓީއަކީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއްކަމުގައެވެ.

ޙަސަން ލަތީފް ހުވަދޫ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން — ހުވަދޫ ފޮޓޯ: ޔާމިން ވަޙީދު
އޭނާ ވިދާޅުވީ މިއަދު ޕާޓީ ފޯމު ހުށަހަޅަން ވަޑައިގެންނެވި މެމްބަރުންނަށް ބަލައި ލުމުންވެސް ރައީސް ނަޝީދުގެ ވިސްނުމާއި އެއްގޮތަށް ނޫނީ ޕާޓީގެ ހަރަކާތް ކުރިއަށް ނުދާނެކަން ކަށަވަރު ވާނެކަމަށެވެ.
ތިބޭފުޅުންނަށް ފެންނާނެ މިއަދު މިތަނަށް ވަޑައިގެންނެވި ބޭފުޅުން. މިބޭފުޅުންނަށް ބައްލަވާ ލެއްވީމަ ޔަގީން ކުރައްވާ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު މިމަސައްކަތެއް ނުކުރައްވާނެ ރައީސް ނަޝީދު މިކަމަށް ތާއީދު ނުކުރައްވާނެ : ޙަސަން ލަތީފް
ދި ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް މިއަދު ހުށަހެޅިއިރު، އެބޭފުޅުންވަނީ ޕާޓީ ވީހާވެސް އަވަހަށް އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސްގައި އެދިފައެވެ. އިލެކްޝަނުން މިހުއްދަ 7 ދުވަހުގެ ތެރޭގައި ދޭންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އެހެން ނަަމަވެސް އޭގެ ކުރިންވެސް ޕާޓީ ހެދުމުގެ ހުއްދަ ދޭނެކަމަށް ބެލެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ވާދަކުރައްވާނެކަމަށާއި، އެ ޕާޓީގެ ކެނޑިޑޭޓު ނިންމާނީ އެތެރޭގައި އެކަން ނިންމަން ކަނޑައަޅާ ޑިމޮކްރެޓިކް އުސޫލުތަކުންކަމަށް އެ ހަރަކާތުން ބުނެފައިވެއެވެ.

