އަންނަ ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަން ޔަގީންކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އުފައްދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އޭނާ ވިދާޅުވީ މިއަދަކީ ރައީސް ޔާމީންގެ އުފަން ދުވަސްކަމަށާއި މިއީ ރައީސް އިބްރާހިމްގެ ވެރިކަމުގައި ޖަލުގައި ހުންނަވަނިކޮށް ރައީސް ޔާމީންގެ އުފަން ދުވަސް ބައްދަލުކުރި 3 ވަނަ ފަހަރުކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހިންގާ ތަޙުޤީގުތަކާ ޝަރީޢަތްތަކަކީ ސިޔާސީގޮތުން ހިންގާ ތަޙުޤީގުތަކަކާ ޝަރީއަތްތަކެއްކަން އަދި އެކަންކަމުގައި ޢަދުލުވެރިކަމެއް ނެތްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އަދި ތަޙުޤީގުތަކާ ޝަރީޢަތްތަކަށް ނުފިއްލަވާ ދަޢުލަތުގެ ޝަރުޢީ ނިޒާމަށް އަދިވެސް އިހުތިރާމް ކުރައްވާ ރައީސް ޔާމީން ވަކާލާތު ކުރައްވަނީ އެމަނިކިފާނުގެ މައުސޫމްކަން ސާބިތުކޮށްދެއްވަން އެކަނި ނޫންކަމަށާއި އެމަނިކުފާނު އެފަދައިން އަމަލުކުރައްވަނީ އަންނަން އޮތް ޖީލުތަކަށް ޢިބުރަތަކަށްވެސްމެކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަރ މެޖޯރިޓީ ގެއްލި ފަނޑިޔާރެއް ވަކި ނުކުރެވޭ ވަރަށް ސަރުކާރު ބަލިކަށި ވެއްޖެކަމަށެވެ. އެކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަން ޔަޤީން ކަމަށެވެ.
މީގެއިތުރުން ޤައުމުގެ ހަމަޖެހުމާ ސުލްހަމަސަލަސްކަން ދެމެހެއްޓޭނީ ޢަދުލުވެރި ޝަރުއީ ނިޒާމެއްގެ މައްޗަށްކަން ދަނެ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގައި ތިއްބެވި ފަނޑިޔާރުންވެސް އެބޭފުޅުންގެ ޤާނޫނީ ހުވަޔާއެއްގޮތަށް ޤައުމީ މަސްޢޫލިއްޔަތު އަދާ ކުރެއްވީމާ އިންސާފުން ޝަރީޢަތްތައް ހިނގާނެކަން ކަށަވަރުކަން ފާހަގަކުރައްވާ ޝިޔާމް ވަނީ ރައީސް އިބްރާހިމްވެސް މުއައްސަސާތައް މެދުވެރިކޮށް ޝަރުއީ ނިޒާމުގެތެރެއަށް އިތުރަށް އަތް ނުބޭނުއްވުމަށް ގޮވާލައްވާފައެވެ.
އަދި ރައީސް ޔާމީނަށް ބައިވެރި ނުވެވޭ އިންތިޚާބެއް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަކަށް މިއަދު ދުނިޔެވެސް ޤަބޫލެއް ނުކުރާކަމާއި ރައީސް ޔާމީނަކީ މިއަދު ރާއްޖޭގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް އެދި ގޮވާލައްވާފައެވެ.

