ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައިގައި ސުވާލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ޔާމީން ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހު މެންދުރު ފަހު 2:00 އަށެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް އަށް ހަވާލާދީ، “އަދަދު” ނޫހުން ރިޕޯޓްކޮށްފައިވާގޮތުން ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރު ކުރެވެނީ ރިލްވާން މަރާލި މައްސަލައިގައި “ސުވާލު ކުރުމަށް ބޭނުންވާތީ” ކަމަށެވެ.
މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ސެޕްޓެމްބަރު، 2019 ގައެވެ.
ރިލްވާން މަރާލި މައްސަލައިގައި ރައީސް ޔާމީންއާ ސުވާލު ކުރައްވާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް ރިލްވާން މަރާލި މީހުންނަށް އަދަބު ނުދީ ނިޒާމުގެ ތެރެއިން ސަލާމަތް ކުރި ކަމުގެ އިލްޒާމް އެއިރުގެ ސަރުކާރުގެ ވެރިންގެ ބޮލުގައި އާއިލާއިން ވަނީ އަޅުވާފައެވެ.
ރިލްވާންގެ މަރުގެ މައްސަލައިގައި ރައީސް ޔާމީންއާ ސުވާލު ކުރާއިރު މިހާރު ވެސް ހަ ޖިނާއީ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ އުފުލާފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާވެފައިވާ މައްސަލައެއްގައި މިހާރު ވެސް ރައީސް ޔާމިން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

