ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ކުރިއަށް ދާ މަގުހެދުމުގެ ޕްރޮޖެކްޓް ނިންމަން ބުނެފައިވާ ތާރީޚާށް ނުނިމި ގިނަ ދުވަސްތަކަށް ދިގުލައިގެން ގޮސްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢު ނިންމަން ފުރަތަމަ ބުނެފައިވަނީ 2 ޖުލައި 2022 އަށެވެ. އަދި އެއަށް ފަހު އެ މުއްދަތު 16 ފެބުރުއަރީ 2023 އަށް ވަނީ އިތުރުވެސް ކޮށްފައެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އިން ހާމަ ކޮށްފައިވާ ގޮތުގައި، 26 ފެބުރުވަރީ 2022 ގައި އަމަލީ މަސައްކަތް ފެށި މި ޕްރޮޖެކްޓަކީ 8 އޭޕްރިލް 2021 ގައި ފަށާނެ ކަމަށް ލަފާކޮށްފައިވާ ޕްރޮޖެކްޓެކެވެ. އެގޮތުން 8 އޭޕްރީލް 2021 ގައި އާރުޑީސީ އާއި އެކު ކޮންޓްރެކްޓްކޮށް، ހުރިހާ މަގެއްގެ ޑީޓެއިލް ޑިޒައިން ވަނީ ފައިނަލްކޮށްފައެވެ.

ތިނަދޫގެ މަގުހެދުމުގެ މަޝްރޫއަށް ގެނެސްފައި ހުރި ހިލަ
2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 38.7 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައި ހުރި މި ޕްރޮޖެކްޓުގެ މަސައްކަތްތައް ވަރަށް ލަސްކަމަށް ތިނަދޫގައި ދިރިއުޅޭ ރައްޔިތުން ބުނަމުންދާއިރު، ތިނަދޫގެ ގިނަ މަގުތަކެއްގެ މަސައްކަތް ކުރުމަށް ކޮނެ، މަސައްކަތްތައް ނުނިމި ގިނަ ދުވަސް ވުމުން އެކަމުގެ ތަކުލީފު ރައްޔިތުންނަށް ޖެހިފައިވާކަމަށް އެ ރައްޔިތުން ބުނެއެވެ.

މިމަސައްކަތް ލަސްވުމާއި، ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި ހުރުމުގެ ސަބަބުން، ހުވަދޫ މީޑިއާއި ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ އާއި ސުވާލު ކުރެއްވުމުން ރައީސް ސައުދު ވިދާޅުވީ، ތިނަދޫގެ މަގުހެދުމުގެ މަސައްކަތް ކުރެވެމުން ދަނީ އެންމެ ރަނގަޅަށް ކަމަށްވެސް އަދި އެންމެ ގޯސްކަމަށްވެސް ދެންނެވެން ނެތް ކަމަށެވެ.
ތިނަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކޮށްފައިވަނީ 78.8 މިލިއަން (78,800,871.14) ރުފިޔާއަށެވެ. އެހެން ނަމަވެސް، މި ޕްރޮޖެކްޓް ނުނިމި ގިނަދުވަސް ވެފައިވާއިރު، ތިނަދޫގައި ކުރިއަށް ދާ މި ޕްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ އެއްވެސް މަސައްކަތެއް އަދި ފެންނަން ނެތެވެ.

