ތިނަދޫ އިންޖީނުގެ މިހާރު ހުރި ސަރަހައްދުގައި 11 ޑިސެމްބަރ 2020 ވަނަ އަހަރު ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ބިންގާ އެޅި ތިނަދޫގެ އާ އިންޖީނުގޭގެ މަސައްކަތް ނުނިމި ދިގުލައިގެން ދާތާ އަހަރުތަކެއް ވެއްޖެކަމަށް އެކަމަށް އިންތިޒާރު ނުކުރާ މީހުންނަށްވެސް އެނގިގެން ގޮސްފިއެވެ.
ތިނަދޫގައި އަޅަމުންދާ އިންޖީނުގޭގެ މަސައްކަތް ކުރަމުންދާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި ތިނަދޫގައި ޤާއިމު ކުރަ އިންޖީނުގެއަކީ "ނަމޫނާ" އިންޖީނުގެއެއްކަން ވަނީ ބުނެފައެވެ. އަދި މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށާއި، އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރާނެ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.
ނިންމަން ބުނި ތާރީޚް : 30 އޭޕްރީލް 2021
ޚިދުމަތް ދޭން ފަށަން ބުނި ތާރީޚް : 30 ޖޫން 2021
2020 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި 100 ޕަސެންޓް ދިވެހިންނާއި އެކު މަސައްކަތް ފެށި މި އިންޖީނުގޭގެ މަސައްކަތް ކުރިއަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު 30 ކުރިން ނިންމުމަށެވެ. އެގޮތުން އެ އިމާރާތުގެ ޚިދުމަތް 2021 ވަނަ އަހަރުގެ ޖޫން މަހުގެ 30 ގެ ކުރިން ފެށުމަށް ފެނަކާއިން ދަނީ ތައްޔާރުވަމުން ކަމަށް އެކުންފުނީގެ އެމްޑީ ސައީދު ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް، ނިންމަން ބުނި ތާރީޚު ފަހަނައަޅާއި، 2 އަހަރު ފާއިތުވެގެން ދާއިރު، ތިނަދޫ ގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކާއި، ކުރި އުއްމީދުވެގެން މި ދަނީ ބިލާހަކަށް ކަމަށް ތިނަދޫގެ ރައްޔިތުން ބުނަމުން ދާއިރު، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ބުނަމުން ދަނީ ތިނަދޫގައި އަޅާ ފެންވަރުގެ އިންޖީނުގެއެއް އެންމެ ގިނަވެގެންވެސް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމެން ޖެހޭނެ ކަމަށެވެ.
ތިނަދޫގެ އެ އަޅާ ސައިޒުގެ އިންޖީނުގެ އެއް 3 އަހަރު ވާއިރު ނުނިމެންވީ ސަބަބެއް ނުވިސްނުނު. ދުވާލަކު ގަލެއް އެޅިޔަސް މިހާރު ހުންނަން ވާނީ ނިމިފައި.
– ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކު ބުންޏެވެ.
ފެނަކައިގެން ގިނަ މުވައްޒަފުންނާއި އެކު ޖޯޝުގައި މަސައްކަތް ފެށި މި އިންޖީނުގޭގެ މަސައްކަތް ނުނިމި ދިގުލައިގެން ދާއިރު، އަތޮޅުތެރެއަށް ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީ ކުންފުނި، ފެނަކައާ މެދު ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެންމެ ބޮޑު ޝަކުވާއަކީ އާންމު އެތައް ފަރާތްތަކަށް އެ ކުންފުނިން ދޭން ވެފައި އޮތް ފައިސާ ނުދީ ކުންފުނި ބޮޑު ތަނުން ދަރާފައިވުމެވެ. ހަގީގަތުގައި ފެނަކައަށް މިވީ ގޮތުގެ ބޮޑު މަންޒަރު ސާފުވަނީ އޮޑިޓް އޮފީހާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލައިލުމުންނެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ފެނަކައިގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ އޮޑިޓުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު ވަނީ:
- ކޮސްޓް އޮފް ސޭލްސް ނުވަތަ ވިޔަފާރި ހިންގުމުގެ ހަރަދު 127 މިލިއަން ރުފިޔާ އިތުރުވެ 775.1 މިލިއަން ރުފިޔާއަށް އަރާފައި
- އިދާރީ ހަރަދުތަކަށް 45.9 މިލިއަން ރުފިޔާ އިތުރުވެ 495 މިލިއަން ރުފިޔާއަށް އެރި
- އިޝްތިހާރު ކުރުމުގެ ހަަރަދުތަކަށް 1.4 މިލިއަން ރުފިޔާ އިތުރުވެ 2.3 މިލިއަނަށް އެރި
ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވިދާޅުވި ގޮތުގައި، އެތައް ފަހަރަކު ފެނަކައިގެ ކަންކަން ރަނގަޅު ކުރަން ޕީސީބީއިން ފެނަކައަށާއި ސަރުކާރަށް ވެސް އިރުޝާދު ދީފައިވެ އެވެ. އެކަމަކު އެކަން ކަމަށް އެކަށީގެންވާ ގޮތެއްގައި އަމަލުކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީސީބީއިން އެންމެ ފަހުން އާންމުކޮށްފައި އޮތީ ފެނަކައިގެ 2021 ވަނަ އަހަރުގެ މާލީ ހިސާބުތަކެވެ. އެ ހިސާބުތަކުން ފެނުނީ، 2018ގެ ހާލަތަށް ވުރެ ވެސް އެ ކުންފުނީގެ މާލީ ހާލަތު 2021 ނިމުނު އިރު ދަށް ވެފައިވާ ތަނެވެ. ކޮވިޑާ ގުޅިގެން ކުރި އަސަރުތައް 2021ގައި ރަނގަޅުވެފައިވީ ނަމަވެސް، ފެނަކައިގެ ހަރަދުތައް ވެސް އިތުރަށްވީ ބޮޑެެވެ. ސަބަބަކަށްވީ، ކުންފުންޏަށް މުވައްޒަފުން އިތުރުކުރުން ފަދަ ކަންކަން ކުރުން ކަމަށް ރިޕޯޓްތަކުން ސާފުވެ އެވެ.
2021 ވަނަ އަހަރު މީޑިއާކަށް ދެއްވި ބަސްދީ ގަތުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ ވަނީ އިންޖީނުގޭގެ މަސައްކަތް އަވަހަށް ނިމި ޚިދުމަތް ހޯދުމަކީ ތިނަދޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެފައެވެ. އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވެސް މިމަސައްކަތަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދެ މެމްބަރުންގެ ފަރާތުންވެސް ދެމުން ދާނެ ކަމަށް މުޣުނީ ވަނީ ވިދާޅުވިއެވެ.
އެހެން ކަމުން ގިނަ ފެނަކާއިގެ މުވައްޒަފުންނާއި ސަރުކާރާއި، ދާއިރާގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެކު ތިނަދޫގައި އަޅަމުންދާ އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސްވާން ޖެހޭ ސަބަބެއް އާންމު ރައްޔިތަކަށް ނުވިސްނުނެވެ.

