މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ތިނަދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފޭސްގެ ތެރެއިން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށައިފި ވަނީ މިއަދު ހަވީރު 4 ޖެހި އިރު ތިނަދޫގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކަށްފަހު އެވެ. މި ފިޔަވަހީގައި ތިނަދޫގައި ތާރު ނާޅާހުރި މަގު ތަކުގެ ތެރެއިން 6.5 ކިލޯމީޓަރު މަގުގައި ތާރު އަޅަން ޖެހެއެވެ. ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން (އާރ ޑީ ސީ) އާއި ޙަވާލު ކޮށްގެން ސަރުކާރުން ކުރިޔަށް ގެންދާ ތިނަދޫ މަގު އެޅުމުގެ 2 ވަނަ ފޭސްގެ ޕްރޮޖެކްޓް ގައި ތާރު އެޅުމަށް މަސައްކަތް ޙަވާލު ކޮށްފައި ވަނީ ޗައިނާ ކުންފުންޏަކާއެވެ. އެހެނިހެން މަސައްކަތް ކުރަނީ އާރުޑީސީ އިން ނެވެ.

މިއަދު ހަވީރު ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މަސައްކަތުގެ ވައްޓަފާޅިއާ ފެންވަރު ހިފެހެއްޓުމަކީ އާރުޑީސީއިން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ކަންތައް ކަމަށާއި ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ހޭދަވާ ވަގުތުގެ ސަބަބުން ބައެއް ފަހަރު މަޝްރޫޢުތައް ލަސްވެ އޭގެ ގެއްލުން ކުރިމަތިވާ ކަމަށެވެ.
މިއަދު ހަވީރު ތިނަދޫ ފުލެޓް ސަރަހައްދުގައި ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުނަސިލްގެ ރައީސް ސައުދު ވިދާޅުވީ، ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ތިނަދޫގެ ކަމާގުޅުންހުރި މުވައްސަސާތަކާއެކު ކައުންސިލުން މަސައްކަތްކުރާނެ ކަމަށާއި ތިނަދޫ ކައުންސިލަކީ ދެ ފިކުރެއްގެ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެއް ނަމަވެސް ތަރައްޤީއާ ގުޅުންހުރި މިފަދަ މަސައްކަތްތައް ކުރުމަށް ކައުންސިލުން ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ގދ ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ 2 ވަނަ ފޭސްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ތިނަދޫ ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ : އާރުޑީސީ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ، ތިނަދޫ މަގުހެދުމުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތުގައި އާރު ޑީ ސީ ގައި މަސައްކަތްކުރާ ތިނަދޫގެ ޒުވާނުން ކޮށްފައިވަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި، މިކަމުންވެސް އެނގިގެން ދަނީ ތިނަދޫގެ ޒުވާނުންނަކީވެސް މިފަދަ މަސައްކަތްވެސް ކުރެވޭނެ ވަރުގެ ޒުވާނުން ތިބި ރަށެއް ކަމަށެވެ.
ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށަފައިވަނީ ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މަޝްރޫޢުގެ ފުރަތަމަ ފޭސްގައި ސަރުކާރުގެ 5 އަހަރުނިމުމުގެ ކުރިން ވަނީ 11 ކިލޯ މީޓަރު މަގުގައި ތާރުއަޅާ ހުރިހާ މަސައްކަތެއް ނިންމާ ފައެވެ. އަދި ދެވަނަ ފިޔަވަހި 6.5 ކިލޯމީޓަރު މަގު ހެދުމުގެ މަސައްކަތަކީ 2022 ޖުލައި މަހު ނިންމަން ޖެހޭ މަސައްކަތެކެވެ. ނަމަވެސް ތަފާތު އެކި އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ވަނީ ނުނިމި އެވެ.
ތިނަދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކޮށްފައިވަނީ 78.8 މިލިއަން (78,800,871.14) ރުފިޔާއަށެވެ. އެކުންފުނިން ބުނީ މިއަދު ފެށި މަސައްކަތް ނިންމަން އަދި ދޮޅުމަސް ހޭދަ ވާނެ ކަމަށެވެ.
ތިނަދޫ ގެ މަގުތައް ހެދުމަށް ރަށުގެ އެކިއެކި ދިމާލުގައި އެއްފަހަރާ މަސައްކަތް ކުރަމުންދާއިރު ދުއްވާ އެއްޗެއްސަށާއި އާންމުންނަށް ވަމުންދާ ދާ ނުރައްކާތެރިކަމާއި ދަތިތައް ދިގުލައިގެން ދާތީ ގިނަބަޔަކު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖުހިފައެވެ

