ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ކިޔުމުން، އެކަމާ ހަމައިން ނައްޓައިގެންދާ ވަރަށް ކަންބޮޑުވެ، އެކަން ހުއްޓުވުމަކީ ޑިމޮކްރެސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ، ލަވަޔާއި މިއުޒިކް ބޭނުންކޮށްގެން ރައީސް ސޯލިހުގެ ބޮލުގައި ވަގު ބަދުނާމު އަޅުވައި، ޗެނަލް 13 އިން ހިޔާލު ފާޅުކުރަމުންދިޔަ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ނިންމުމުން އެކަން ކުށްވެރިކޮށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަތް މައްސަލާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ސިޔާސީ އެއް ހަރަކާތަކީ ވެރިންނަށް ފާޑުކިޔުން ކަމަށާއި އެއީ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށެވެ.
ރައީސް ނަޝީދު 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވި މައްސަލައަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ، ބަގާވާތުން އަރައިގަތީ "އެރޭ ސިޑިން ވެއްޓިދާނެ،" އެ ލަވަ ކިޔައިގެން ކަމަށެވެ. އެއީ ނަޝީދު އިސްތިއުފާ ދެއްވުމުން ދެން ވެރިކަން ހަވާލުކުރެއްވި އެ މަނިކުފާނުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދަށް ނިސްބަތް ކޮށް އެމްޑީޕީން އޭރު ހެދި ލަވައެކެވެ.
އެއަށްފަހު އީވާ ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން އެ މަނިކުފާނާ ދިމާލަށް ގޮވިހާ އެއްޗެހި އަދި ރައީސް އަބްދުﷲ ޔާމީނާ ދިމާލަށް އެމްޑީޕީން އޭރު އެކި ތަންތަނުގައި ގޮވިހާ އެއްޗެހި، އެއީ ބޭނުންކުރާ ސިޔާސީ އުކުޅެއް ކަމަށެވެ. އަދި އެ ހުރިހާ ކަންކަމަކީ އެންމެން އެއްބަސްވާންޖެހޭ ކަމަކަށް ވާން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
އީވާގެ ވާހަކައަށްފަހު ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ފާޑުކިޔުމުގެ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭނުންކުރި ވަނަންތައް މެމްބަރުންނަށް ހަނދުމަފުޅުކޮށް އަރުވާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ޗެނަލް 13 އަށް ބިރު ދައްކާ އިންޒާރުދި ހަދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 20 މެމްބަރުން ނެވެ. ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލަ ބަލައިގަނެ ބަހުސްކުރާކަަށް ފާހެއް ނުވިއެވެ.

