ނުކުޅެދުންތެރި ކޮންމެ މީހަކުވެސް ހިތްދަތިވެ ގިސްލާ ރޯންޖެހޭ އެތައް ކަމެއް ހުންނާނެއެވެ. ހިއްސުތައް ފުރިހަމަ އިންސާނާއާ ޚިލާފަށް އެތައް ކަމެއްގައި އޭނާގެ މާޔޫސްވުން ބޮޑުވާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނަކީ އެމީހާގެ އެތެރެފުށުން އަނދަމުންދާ ވޭން ސިއްރު ކުރާ ބައެކެވެ. ބޭނުންވާ އެތައް ކަމެއް ކުރުމަށް ލަދުވެތިވާ ބައެކެވެ. ޚާއްޞަކޮށް ތަޙައްމަލު ކުރަން މަޖުބޫރު ވެފައިވާ ތަފާތު ބަލިތައް ހުންނަ މީހުން މިދެންނެވި ލަދުވެތިކަން ނުވަތަ ޖެހިލުންވުން ބޮޑެވެ. ބައެއް މީހުން ތިބެނީ މި ދުނިޔެއިން އިތުރު ފަރުވާއެއް ނެތް ކަމަށް ދެކިގެންނެވެ. އަނެއް ބަޔަކު ތިބެނީ ތަނަވަސް ކަން ލެއްވި މިންވަރުގައި ނޫނީ މިއީ ހުރިގޮތް ކަމަށް ދެކިގެންވެ. ނަމަވެސް ޙަޤީޤަތަކީ ކޮންމެ ޙާލެއްގައި ވެސް ވޭން ވާނީ ވޭނަށެވެ. ހިތަށާއި ސިކުނޑިއަށް ކުރާ އަސަރާއި އުނދަގޫ ވާނީ އެއް ކަމަކަށެވެ. ފުރިހަމަ ނިޢުމަތާއި ޞިއްޙީ ދުޅަހެޔޮކަމުގައި ލެއްވި އިންސާނާއަށް އޮތީ އެ މީހުންގެ ތަނަވަސްކަން ހުރި މިންވަރަކުން އެފަދަ ބަލި މީހުންނަށް ދީލަތި އެހީވުމެވެ. މާތް ﷲ އަށްޓައި ސަދަޤާތުގެ އެހީ ދިނުމެވެ.
ގދ ފަރެސްމާތޮޑާ، ރާސްތާގޭ ރަޝީދު މުޙައްމަދާއި އަޅުގަނޑާ ދިމާވީ ކުރިން ލިޔުނު މިފަދަ ރިޕޯޓެއްގައިވާ ޙަސަންބެޔާއި ވެސް ދިމާވި ތަނުންނެވެ. ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑައިލަސިސް ސެންޓަރުގެ ތެރެއިންނެވެ. އެދުވަހު އެއީ ކާކު ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޑައިލަސިސް ހަދަމުން ދިޔަ ވަގުތުގައި އެތަނުން ދިމާވުމުން "ތީ ކޮން ރަށެއްގެ ކާކު ތޯ" އަޅުގަނޑު އެހީއެވެ. ދެތިން ފަހަރަށް ޖަވާބު ދިން އިރުވެސް އަޅުގަނޑަށް ރަނގަޅަށް އަޑެއް ނީވުނެވެ. އެހެންކަމުން ވަރަށް ކައިރިޔަށް ޖެހިލާ ސުވާލު ކުރުމުން ޖަވާބު އޮޅުން ފިލިއެވެ.
ރަޝީދުގެ އަޑުގައިވަނީ ހިތްދަތި ކަމުގެ އަސަރެވެ. ވޭނާ ތަކުލީފުގެ އާހެވެ. އަޅުގަނޑުގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެތަނުގައި އެވަގުތު 3 މީހުން ޑައިލަސިސް ހަދަމުން ދިޔައެވެ. އެހާ ދެރަވި އެއް ސަބަބަކީ ޑައިލަސިސް ހަދަން ތިއްބާ ފެނުނު ފުރަތަމަ ފަހަރަށް ވެސް ވީމައެވެ. އަދި އެ މީހުންގެ ވޭނީ ދުނިޔެ އިޙްސާސް ވާން ފެށުމުންނެވެ. އަޅުގަނޑު ރަޝާދާއި އިތުރަށް ސުވާލު ކުރީމެވެ. ދިރިއުޅުމުގެ ޙާލަތު ކިހިނެއް ހެއްޔެވެ. މިގޮތަށް ހަފުތާއަކު ތިން ހަތަރު ފަހަރު ޑައިލަސިސް ހަދަން އައުމާ އެކު ދިރިއުޅުން ހޭދަކުރަނީ ކިހިނެއް ހެއްޔެވެ. ރަޝީދުގެ ލޯ ފެންކަޅިވިއެވެ. އެވަގުތު ޖަވާބެއް ދެވޭނެ ހިތްވަރެއް ނެތްކަން އަޅުގަނޑަށް އެނގުނެވެ. އެހެންކަމުން އިތުރަށް އެއްޗެއް ނުބުނެ އެތަނުން ނުކުތީމެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އަނެއްކާ ވެސް ރަޝީދާ ދިމާވިއެވެ. ރަނގަޅު ސާތެއް ކަމަށް ބަލައި އޭނާގެ ޙަޔާތުގެ ވާހަކަ އަޑު އަހަން ފުރުސަތު ހޯދީމެވެ. މާބޮޑު އުޒުރެއް ނެތި އޭނާވެސް މާޒީގެ ސަފްޙާތައް އުކާލިއެވެ. ދެ ކިޑްނީ ނެތި އުޅެންޖެހޭ ގޮތާއި ކަންދިމާވި ގޮތާއި ކުރި މަސައްކަތް ކިޔައި ދިނެވެ.

ރަޝީދަކީ އޭނާގެ ޢުމުރުން 40 އަހަރު ވަންދެން ރަށުގައި މަހަށް ގޮސް އުޅުނު ހިތްވަރު ގަދަ މުރާލި ޒުވާނެކެވެ. 2018 ވަނަ އަހަރު ކުއްލިއަކަށް ވަރުބަލިވެ އުނދަގޫ ކަންތައްތަކެއް ވާން ފެށުމުން ރަށު ސިއްޙީ މަރުކަޒަށް ގޮސް ޑަކުޓަރަށް ދެއްކުމުން އިތުރަށް ޗެކްކުރުމަށް މާލެ ދިޔުމަށް ލަފާ ދެއްވިއެވެ. ވަގުތު ފާއިތު ނުކޮށް މާލެ ދިއުމުން ލިބުނީ ހިތް ފަޅައިގެންގޮސް ކުދިކުދިވި ފަދަ ޚަބަރެކެވެ. ދެ ކިޑްނީ ވެސް ފެއިލް ވެފައިވާކަން ކުއްލި ގޮތަކަށް އެނގުމުން ގޮތް ހުސްވެ މާޔޫސްވިއެވެ. އަންހެނުން ޙަމްދިއްޔާ ޙަސަނާއި ހުރި ހަމައެކަނި ދަރިފުޅާ އެކު ދުނިޔެ ބަނަވިހެން ހީވިއެވެ. ނަމަވެސް ލެއްވި ޙާލަތަށް ޝުކުރު ކުރުމާ އެކު ދުނިޔެއާ ކުރިމަތިލިއެވެ. 3 އަހަރު ވަންދެން ރާއްޖެއާއި ބޭރުން ފަރުވާވެ ދާއިމީ ޙައްލެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ކިޑްނީއެއް ނެތި ދިރިއުޅެން ޖެހިފައިވާ ރަޝީދު އެންމެ ފަހުން ރަށަށް ބަދަލުވީ އިތުރު ކުރިއެރުމެއް ނުލިބުމުންނެވެ.ރަށަށް ބަދަލުވި ވަޤުތު ހިތަށް ފިނިކަމެއް ލިބުނީ ގދ ތިނަދޫން ޑައިލަސިސް ހެދޭކަން އެނގުމުންނެވެ.
"މިހާރު މިއުޅެނީ ތިނަދޫގައި ކުއްޔަށް ތަނެއް ނަގައިގެން ، މިކޮޅުގައި އުޅެނީ އަންހެނުންނާއި އަޅުގަނޑު މި ކޮޅުން ޑައިލަސިސް ވެސް ހެދޭ "
ރަޝީދު ދުގެ ދެމަފިރިންނަށް ލިބުނު ދަރިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅުގެ ރަނގަޅު ކަމާއި އޯގާތެރިކަން ފާހަގަ ކުރަމުން ކިޔައި ދިނެވެ. ރަޝީދު ތިނަދޫ ގައި ދިރިއުޅެނީ އެންމެ ސަބަބަކާ ހުރެ އެވެ. ހަފުތާ އަކު 4 ފަހަރު ޑައިލަސިސް ހަދަން ޖެހޭތީއެވެ. ސިއްހީ ގޮތުން ބަލިކަށި ކަން ތަޙައްމަލް ކުރަމުންދާ އޭނާގެ އަންހެނުން އަމިއްލަ ފަރުވާ އަކަށް ވެސް ނުދެވި ދިރިއުޅެނީ ފިރިމީހާގެ ޙާލަތު ހުރިގޮތުން ކެތްތެރިވެގެންނެވެ.

ރަޝީދު ގެ ދެމަފިރިން
ރަޝީދު ގެ ދެމަފިރިންގެ އުޅެނީ ވޭނީ ދުނިޔެ އެއްގައެވެ.އެ ދެމަފިރިންގެ ދުޢާ އަކީ ޙަޔާތުގެ ހުޅުކޮޅަށް ކުޑަ ނަމަވެސް އިތުރު އަލިކަމެއް އައުމެވެ.
ރަޝީދު މުޙައްމަދު ، ފޯން :7669740
އެކައުންޓް ނަންބަރ :7730000193876

