އެމްޑީޕީގެ ހަރުގެ އަތުލަން އެތަނުގެ ވެރިފަރާތުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
އެމްޑީޕީން ސިވިލް ކޯޓުގައި އެދިފައި ވަނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.
އިއްޔެ ހަވީރު އެމްޑީޕީގެ މައި ހަރުގެއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ވަދެފައިވަނީ އެތަން ހުސްކުރަން ވެރިފަރާތުން އެމްޑީޕީއަށް އެންގުމާ ގުޅިގެން އެމްޑީޕީއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފާ ވަނިކޮށެވެ. އެމްޑީޕީއިން ބުނީ އެ ޕާޓީއިން ބޭނުން ކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކު ހަދާފައި ވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށެވެ. ނަމަވެސް އެ ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ބުނީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
އެމްޑީޕީ ހަރުގެ ހިންގަމުން ގެންދާ ގޭގެ ވެރިފަރާތުގެ ހުއްދައާއިއެކު "ދަ ޑިމޮކްރެޓްސް" އިން ވަނީ އިއްޔެ އެތަނަށް ވަދެ، އެތަނުގައި ސިޔާސީ ހަރަކާތް ފަށާފައެވެ.

