ގއ ،ގދ އަތޮޅުގެ ކައުންސިލް މެމްބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަން ފައްޓަވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އަށް މާލެއާއި އަތޮޅު ތަކުން ފޯމް ފުރަން ދާ މިވަގުތުފައި ހުވަދު އަތޮޅުގެ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ ފުރަތަމަ ސޮއި ކުރެއްވީ ގދ ވާދޫ ރައީސް ޙަސަން ޢަބްދުﷲ އާއި އެ ކައުންސިލްގެ މެމްބަރު ސާރާ މުހައްމަދު އެވެ.
ވާދޫ ކައުންސިލް ގެ ރައީސާއި މެމްބަރު ސާރާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގައއެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވާދޫ ރައީސް ޙަސަން ޢަބްދުﷲ ވިދާޅުވީ އެ ބޭފުޅުންގެ ތެރެއިން ސާރާ ކައުންސިލަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ކަމަށާއި ރައީސް ހޮވުނީ މިނިވަން މީހެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންނަކީ އެމްޑީޕީ މެމްބަރުން ކަމުގައި ޙަސަން ފާހަގަ ކުރެއްވި އެވެ.
ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވީ ވާދޫ ކައުންސިލް މެމްބަރު ސާރާ ވިދާޅުވީ ޕާޓީ ބަދަލު ކުރަން ނިންމީ ވަރަށް ވިސްނާފައި ކަމަށާއި ރަށުގެ ގިނަ ބަޔަކު ވެސް މިހާރު ސޮއި ކުރަމުން ދާކަމަށެވެ.
ހުވަދު އަތޮޅު ވާދޫ ކައުންސިލް ގެ 2 މެމްބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކޮއްފައި ވާއިރު ހދ ކުޅުދުއްފުށި ސިޓީ ގެ ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ. އަދި އެ ޕާޓީ އަށް މީހުން ވެއްދުމަށް ޑިމޮކްރެޓްސް ގެ ޓީމު ތަކުން އެކި ރަށްރަށުގައި ދަނީ މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ދަ ޑިމޮކްރެޓްސް ވުޖޫދަށް ގެނައުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ފެއްޓެވީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފަހުގައި ފެންމަތިވި މައްސަލަ ތަކަށް ފަހުގައެވެ. އެމްޑީޕީ ގެ އިސްސަފުގައި މަސައްކަތްކުރި ބައެއް މަޖިލިސް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުންވަނީ ދަ ޑިމޮކްރެޓްސް އާއި ގުޅިފައެވެ.

