އިސްލާމްދީން ބިނާވެފައިވަނީ ދެ ބަޔަކަށެވެ. އެއީ ޢިބާދާތުގެ (އަޅުކަމުގެ) ބަޔާއި މުޢާމަލާތުގެ ބަޔެވެ. ޢިބާދާތުގެ ބަޔަކީ، އަޅުގަނޑުމެންނާއި މާތް ﷲއާ ދެމެދުގައިވާ ގުޅުމެވެ. މާތް ﷲއަށް އަދާކުރަން ޖެހޭ ޙައްޤުތަކެވެ. މުޢާމަލާތުގެ ބަޔަކީ، މާތް ﷲ އަމުރުކުރައްވައިފައިވާ ގޮތަށް އަޅުގަނޑުމެން އެކަކު އަނެކަކާ ދެމެދުގައި ޤާއިމުކުރަން ޖެހޭ ގުޅުމެވެ. އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ޙައްޤުތަކެވެ. މުޢާމަލާތުކުރަން ޖެހޭ މިންގަނޑުތަކާއި އަޙްކާމުތަކެވެ. ދޭދޭ އަފްރާދުންގެ މެދުގައި އޮންނާން ޖެހޭ ގުޅުމެވެ. މުޖުތަމަޢެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އަސާސީ ގުޅުންތަކެވެ. މި ގުޅުންތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ގުޅުމަކީ، އަވައްޓެރީންނާ މެދުގައި ބަހައްޓަން ޖެހޭ ގުޅުމެވެ. އަވައްޓެރީންނަށް އަދާކުރަން ޖެހޭ ޙައްޤުތަކެވެ.
އަވައްޓެރީންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ. މި ކަން އެނގޭ އެންމެ ވަރުގަދަ އެއް ޙަދީޘްފުޅަކީ “مَا زَالَ جِبْرِيْلُ يُوْصِيْنِيْ بِالْجَارِ، حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ” (البخاري: 6015) މި ޙަދީޘްފުޅެވެ. މި ޙަދީޘްފުޅުގެ މާނައަކީ “ތިމަންކަލޭގެފާނަށް ޖިބްރީލުގެފާނު އަވައްޓެރިޔާއާ ބެހޭ ގޮތުން ވަޞިއްޔަތްކުރައްވަމުން ގެންދެވިއެވެ. އެންމެ ފަހުން އަވައްޓެރިޔާއަކީ ވާރުތަވެރިއެކޭ ވިދާޅުވެދާނެއޭ ހީވާ ހިސާބަށެވެ.”
ހަމައެކަނި އިސްވެ އެ ދިޔަ ޙަދީޘްފުޅަށް ނަޒަރު ހިންގިޔަސް، އިސްލާމްދީނުގައި އަވައްޓެރިޔާއަށް ކަމޭހިތުމަށް ދެއްވައިފައިވާ އަހަންމިއްޔަތު އެނގިގެންދެއެވެ. އަވައްޓެރިޔާގެ މައްޗަށް އަޅުގަނޑުމެން އަދާކުރަން އިސްލާމްދީނުގައި ވަނީ ވާޖިބުތަކެއް ވެސް ލައްވައިފައެވެ. އެގޮތުން އޭނާއަށް ކަމޭހިތުމާއި އޯގާތެރިވުމާއި އިޙްސާންތެރިވުން ހިމެނެއެވެ. އަދި އޭނާއަށް އުނދަގޫވާ ކަންކަން ނުކުރުން ވެސް ހިމެނެއެވެ. އޭނާއަކީ ގާތް އަޚެއް ކަމުގައި ބެލުމާއި، އޭނައާ މެދު އަނިޔާވެރި ނުވުމާއި، ޙަސަދަވެރިކަމެއް ނުގެންގުޅުމާއި، ނަފްރަތްތެރިކަމެއް ނުބޭއްވުމާއި، އޭނާއާ އެކު ކުރާ މުޢާމަލާތްތަކުގައި ތެދުވެރިވުމާއި، އޯގާތެރިވުމާއި، އޭނާގެ ފަރާތުން ދިމާވާ ކަންކަމަށް މާފުކުރުމާއި، ހިތްހެޔޮ ކުރުމާއި، އޭނައާއި އޭނާގެ އަނބިދަރީންގެ އަބުރާއި ޢިއްޒަތާއި ކަރާމަތަށް ގެއްލުންވާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމާއި، ނުބައި ނަޒަރުން އެބައިމީހުންނާ ދިމާއަށް ކަޅި ނޭއްލުމާއި، ހިތުގައި އެބައިމީހުންނާ މެދު ނުބައި އެދުމެއް ނުބޭއްވުމާއި، އޭނާއަށް އުނދަގޫވާ ވަރަށް އަޑުގަދަ ނުކުރުމާއި، އޭނާގެ ސިއްރުތައް ވަންހަނާކުރުމާއި، އޭނާ ފަޟީޙަތް ނުކުރުމާއި، އޭނައަށް ހަދިޔާ ދިނުމާއި ހެޔޮ ފޯރުކޮށްދިނުން ހިމެނިގެންވެއެވެ. އަވައްޓެރިޔާއަށް އުނދަގޫވާ ކަންކަމުން ދުރުވުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއް ކަމުގައި ބަޔާންކުރައްވަމުން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައިވެއެވެ. مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ، فَلاَ يُؤْذِ جَارَهُ (البخاري: 6018) މާނައީ: “މާތް ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާ މީހަކު ނަމަ، އަވައްޓެރިޔާއަށް އުނދަގޫ ނުކުރާ ހުށިކަމެވެ.”
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާ އިރު އަވައްޓެރީންނަށް ކަމޭހިތުމުގެ އާދަކާދަ ދަނީ ނެތެމުންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ އިސްލާމްދީނުގައި އަންގަވައިފައިވާ މަތިވެރި އަޚްލާޤަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދެއްވި ބައެކެވެ. އަވައްޓެރީންނަށް އެހީތެރިވަނީ އެއީ އެއްބަނޑު އެއްބަފާ ބައެއް ފަދައިންނެވެ. އަވައްޓެރީންގެ ދަރީންނާ މެދު މުޢާމަލާތުކުރަނީ އަމިއްލަ ދަރީން ކަމުގައި ބަލައިގެންނެވެ. ގޭގައި އެއްޗެއް ކައްކައިފިއްޔާ އަވައްޓެރިޔާއަށް އެ އެއްޗެއް ފޮނުވައެވެ. އަވައްޓެރިޔާ ބަލިވެއްޖެއްޔާ އޭނާގެ ހުރިހާ ކަމެއް ކޮށްދެއެވެ. މިއީ އަޅުގަނޑުމެންގެ މުސްލިމް ކާބަފައިން ދައްކާފައިވާ ރިވެތި އާދަކާދައެވެ. މި އާދަކާދަ އަޅުގަނޑުމެން އަލުން އާލާކުރާން ޖެހެއެވެ. ހަމައެކަނި އާދަކާދައެއްގެ ގޮތުގައެއް ނޫނެވެ. ދީނީ އެންމެ މަތިވެރި އަޚްލާޤިއްޔާތުގެ ބައެއްގެ ގޮތުން ވެސް މެއެވެ.
މައުލޫމާތު:الشَّيْخ شَفِيْعُ عَبْدُ الله / ދީނުގެމަގު

