މިއަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ވޯޓާރސް ލިސްޓް ގެޒެޓްކޮށް، މިމަހުގެ 11 ދުވަހު ޝަކުވާއަށް ހުޅުވާލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓާސްލިޓް އެކުލަވާލައި، އިދާރީގޮތުން އެއްވެސް މައްސަލައެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް މިދިޔަ މަހު ހުޅުވާލައްވާފައެވެ. ޝަކުވާގެ މުއްދަތު މިދިޔަމަހުގެ 29 ވަނަ ދުވަހަށް ހަމަވިއިރު، ލިސްޓަށް ހުށަހެޅިފައިވަނީ 72 ޝަކުވާއެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުން ހުށަހެޅި 39 ޝަކުވާއާއި، އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ 28 ޝަކުވާ އަކާއި، ލިސްޓުގައި ނަން ނެތިގެން ހުށަހެޅުނު 12 ޝަކުވާއެއްގެ އިތުރުން 18 އަހަރު ނުފުރޭ 3 ކުއްޖެއްގެ ނަން ލިސްޓުގައި އޮތުމުގެ ޝަކުވާއެވެ.
ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބައްލަވައި، ބަދަލު ގެންނެވުމަށްފަހު ޤާނޫނުގައި ބުނެފައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 11 ވަނަ ދުވަހު ގެޒެޓް ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.
ރިޔާސީ އިންތިޚާބުގެ ޓައިމްލައިން:
* އިންތިޚާބު ބޭއްވުން (ފުރަތަމަ ބުރު) – 09 ސެޕްޓެމްބަރ
* ވޯޓާސް ލިސްޓް އާންމުކުރުން – 02 މެއި
* ވޯޓާސް ލިސްޓުގެ އިދާރީ ޝަކުވާ ހުށައެޅުން – 02 މެއި އިން 29 މެއިއަށް
* ވޯޓާސް ލިސްޓް ގެޒެޓްކޮށް ޝަކުވާ ހުށައެޅުން – 11 މެއި
* ރީ-ރަޖިސްޓްރޭޝަން މުއްދަތު – 16 ޖުލައި އިން 05 އޮގަސްޓަށް
* ޓްރޭނަރުން ތަމްރީން ކުރުން – 16 ޖުލައި އިން 21 ޖުލައިއަށް
* ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުން – 23 ޖުލައި – 03 އޮގަސްޓަށް
* އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލުން – 25 ޖުލައި އިން 13 އޮގަސްޓަށް
* ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން – 09 އޮގަސްޓް
* ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގެ މުއްދަތު – 10 އޮގަސްޓް އިން 08 ސެޕްޓެމްބަރއަށް
* ފުރަތަމަ ބުރުގެ ނަތީޖާ – 09 ސެޕްޓެމްބަރުން ފެށިގެން
* އިންތިޚާބުގެ ދެވަނަ ބުރު – 30 ސެޕްޓެމްބަރ
މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައިވަނީ ދަރުބާރުގެއެވެ.

