ޣައްޒާގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ތެރެއިން ޙަމާސް އާއި އިސްލާމިކް ޖިހާދުން ބައިވެރިވި މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިޞްރުގައެވެ. ތުރުކީގެ ނޫހެއް ކަމަށްވާ އެނެދޮލޫ އޭޖެންސީ (އޭ.އޭ.) އާއި ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި މަޝްވަރާތަކަކީ ފަލަސްޠީނުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގެ ކުރިމަގާއި، ތަރައްޤީއާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ.
މަޝްވަރާތަކާއި ގުޅޭގޮތުން ޙަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވާ އެކިއެކި މައްސަލަތަކާއި މެދުގައިކަމަށެވެ. މީގެތެރޭގައި ޤުދުސް އާއި ވެސްޓް ބޭންކް އަދި މަސްޖިދުލް ޢަޤްޞާގެ ސަރަޙައްދުގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިބައްދަލުވުމުގައި ބައިވެރިވެލެއްވި ޙަމާސްގެ މަންދޫބުންގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އެޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއެވެ. އިސްލާމިކް ޖިހާދުގެ މަންދޫބުންގެ ވެރިއަކަށް ހުންނެވީ އެޖަމާޢަތުގެ ވެރިޔާ ޒިޔާދުއްނަޚާލާއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި، ދެޖަމާޢަތުގެ ގުޅުން ބަދަހި ކުރުމާއިމެދު ވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފައެވެ.
ބޭނުންވަނީ އިސްރާއީލުގެ އަނިޔާވެރިކަމަށް ޖަވާބުދީ ފަލަސްޠީނުގެ ރައްޔިތުންނަށް ޚިދުމަތްކުރަން. އިސްރާއީލުގެ އަނިޔާވެރިކަމަށް އެކަށީގެންވާ ޖަވާބެއްދިނުމަކީ އެފަރާތުގެ ޢަމަލުތަކާއި ދެކޮޅުހެދުން.
ފަލަސްޠީނުގެ މައްސަލަތަކަށް މިޞްރުން ދޭ އަހައްމިއްޔަތުގެ ބޮޑުކަން މިބައްދަލުވުމުގައި ދެޖަމާޢަތުންވެސް ވަނީ ފާހަގަކޮށްފައެވެ.
މިބައްދަލުވުމަކީ މިޞްރުގެ އިސްނެގުމަކަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާ އާއި ވެސްޓް ބޭންކުގެ ޙާލަތާއިމެދު މަޝްވަރާކުރުމަށް ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތައްޔާ ވެސް ވަނީ ފާއިތުވި ހަފުތާގައި މިޞްރަށް ޒިޔާރަތް ކުރައްވާފައެވެ.

