ހައްޖު ދުވަހާއި ބޮޑު އީދާއި ގުޅިގެން ބޮޑު ބަންދެއް އަންނާތީ، ސިވިލް ސަރވިސް މުވައްޒިފުންނަށް މި މަހުގެ 22ގެ ކުރިން މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީންވަނީ ސަރުކާރު އިދާރާތަކުގެ ސޮފްޓްވެއާ ބޭނުންކޮށްގެން، އޮފީސްތަކުގެ މުސާރައިގެ ވައުޗަރުތައް މިމަހުގެ 19ގެ ކުރިން ހުށަހެޅުމަށް އަންގާފައެވެ. އަދި އެ މިނިސްޓްރީން އާންމު ކޮށްފައިވާ ސާކިއުލާގައި ވާގޮތުން، މި މަހުގެ އިތުރު ގަޑީގެ އިނާޔަތްތަކާއި، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ބަލާނީ މެއި 16 އިން މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން މުސާރަ އާންމުކޮށް ޖަމާކުރަނީ މަހުގެ 28-30 އާ ދެމެދުގަ އެވެ.
ހައްޖު ދުވަހާއި އީދު ދުވަހުގެ މުނާސަބަތާއި ގުޅިގެން ލިބޭ ޗުއްޓީގެ ދުވަސްތަކުގެ އިތުރަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްވަނީ 25 އަދި 26 ބަންދުކުރުމަށް ނިންމާފައެވެ.
އެހެންކަމުން 10 ދުވަހުގެ ބޮޑު ބަންދެއް ސަރުކާރުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

