އީދު ކުޅިވަރަކީ އިހުޒަމާނުއްސުރެންވެސް ދިވެހިން ވަރަށް ފޯރިއާއިއެކު ފާހަގަކުރަމުން އަންނަ ހަރަކާތްތަކެކެވެ. އެގޮތުން ގއ. ވިލިނގިލީ ރައްޔިތުންނަކީވެސް ކޮންމެ އަހަރެއްގައިވެސް ތަފާތު ގިނަ ކުޅިވަރުތަކާއިއެކީ އީދު ފާހަގަކުރަމުން އަންނަ ބައެކެވެ.
ހާއްޞަ ގޮތެއްގައި އަޟްހާ އީދުގައި ރަށުގެ ކުދިބޮޑު އެންމެންގެ ބައިވެރިވުމާއިއެކު ގިނަ ކުޅިވަރުތައް ކުޅެ، އެއްބައިވަންތަ ވެށްޓެއްގައި ވިލިނގިލީ ރައްޔިތުން އަންނަނީ އީދު ފާހަގަކުރަމުންނެވެ.
އެގޮތުން މިފަހަރުގެ އަޟްހާ އީދަށްވެސް އެ ރަށު ކައުންސިލުންވަނީ ފޯރިގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އޭގެ ތެރޭގައި އީދު މަޅި ރޯކުރުމާއި އީދު ޕެރޭޑް އަދި އީދު ޝޯއެއްވެސް ބާއްވަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން އަވަށްތަކުގެ މެދުގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ގެންދިޔުމަށްވެސް ވިލިނގިލީ ކައުންސިލުންވަނީ ނިންމާފައެވެ.
ސަގާފީ ގޮތުން ދިވެހިން އީދާއި ގުޅުވައިގެން ކުޅޭ އެކި ކުޅިވަރުތަކުގެ ހަރަކާތްތައްވެސް އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ވިލިނގިލީގައި ކުރިއަށްގެންދެ އެވެ. އޭގެ ތެރޭގައި އީދު ޕެރޭޑާއި، ފެންޖެހުން ހިމެނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ދަނީ އީދު ފާހަގަކުރުމަށް ގިނަ ތައްޔާރީ ތަކެއްވަމުންނެވެ. މިފަހަރުގެ ބޮޑު އީދަކީ ޖޫން 29، އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ. ބޮޑު އީދުގެ މުނާސަބަތުގައި ހަތަރު ދުވަސް ރަސްމީކޮށް ބަންދުވާނެ އެވެ.

