ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444″ ގެ ނިންމުމުގެ ރަސްމިއްޔާތާއި، ނަތީއްޖާ އިއުލާނު ކުރުން މިރޭ 21:00 ގައި ލައިވް ކުރުމަށް ތައްޔާރުވެއްޖެއެވެ.
100 އަށް ވުރެ ގިނަ ބައިވެރިންނާއި އެކު ކުރިއަށްދިޔަ މި މަދަޙަ ޗެލެންޖުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވާރޗުއަލް އިވެންޓެއް ގޮތަށް އަދިފޭސްބުކް ލައިވް މެރުވެރިކޮށް ކަމަށް ހުވަދޫ މީޑިއާއިން މައުލޫމާތު ދެއެވެ.
ހުވަދޫ މީޑިއާއިން ބުނީ، “މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444” އަށް ވަރަށް އުންމީދުކުރިވަރަށްވުރެ ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާއިގެ ބޭފުޅުންވަނީ ބައިވެރިވެފައި ކަމަށްވެސް ހުވަދޫ މީޑިއާއިން ވަނީ ބުނެފައެވެ. އަދި މި މުބާރާތަށް ހުށަހެޅިފައިވާ މަދަހަތައް އިންސާފު ކުރެއްވުމާއި ކަމާއި ގުޅުންހުރި ސޮފްޓްވެއާރތައް ބޭނުންކޮށްގެން ފޭސްބުކް ރިއެކްޓް ފިލްޓަރ ކުރަމުންދާ ކަމަށްވެސް ހުވަދޫ މީޑިއާއިން ވަނީ ބުނެފައެވެ.
އެގޮތުން ބައެއް ބައިވެރިން ބޮޓް ލައިކްސްތައްބޭނުންކޮށްފައިވާކަން ފާހަގަ ކުރައްވަމުން ހުވަދޫ މީޑިއާއިން ބުނީ ޖުމްލަ ނަތީއްޖާ އިއުލާނު ކުރެވިގެން ދަނީ އެފަދަ ބޮޓް ލައިކްސްތައް ފިލްޓަރކޮށް އެ އަދަދު އުނި ކުރުމަށް ފަހުގައި ކަމަށެވެ.
މި މުބާރާތުގެ ބައިވެރިންގެ މަދަޙަތައް މިހާރު ހުވަދޫ މީޑިއާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާ ކޮށްފައިވާއިރު، މި މުބާރާތު ގައި ވަނަތައް ހޮވާނީ އިންސާފު ކުރުމަށް ކަނޑައެޅިފައިވާ 3 ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން ފޭސްބުކްގައި ޙިއްސާ ކުރެވިފައިވާ މަދަޙަ ވީޑިއޯ އަކަށް ލިބޭ ރިއެކްޓްގެ %25 ހިމަނައިގެންނެވެ.
އެއްވަނަ އަށް ދާ ހުށަހެޅުމަކަށް 10،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމް ދޭ “މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444” ހުވަދޫ މީޑިއާ އިން 1444 ވަނަ އަހަރުގެރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ތަރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ(ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ.
“މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444” ގެ ޓައިޓަލް ޕާރޓްނާ އަކީ ރާއްޖޭގައި އައިނު ހަދައިދިނުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުނި ކަމަށްވާ މާލޭ އޮޕްޓިކަލްކޮމްޕެނީ އެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސަރ އަކީ އެވިޑް ކޮލެޖެވެ.

